ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުންނާއި، ދާއިމީ ރޭސިންގ ޓްރެކެއްގެ ބޭނުންތެރިކަން ފަދަ މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ރައީސް އާއީ މަޝްވަރާކުރައްވާފައެވެ. އަދި މި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް ސަރަހައްދެއް ބޭނުންވާކަން އެ ސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަކިކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމުގައިވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ.
އަދި އެ އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ވެސް ރޭސިންގ އެސޯސިއޭޝަނުގެ މެންބަރުންނާއި މަޝްވަރާކުރައްވާފައެވެ.
މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން ރައީސް އާ މަޝްވަރާ ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ