ރައީސް މައުމޫނު މާފުށީ ޖަލަށް

ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުއާ ބައްދަލުކުރައްވަން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމު މިއަދު މާފުށީ ޖަލަށް ވަޑައިގެންފިއެވެ.
އާއިލީ ބައްދަލުކުރެއްވުން އޮތީ މިއަދު 12:00 ން 13:00 އަށެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ. މިއީ ފާރިސް ބަންދުކުރި ފަހުން އޭނާއާ ބައްދަލުކުރައްވަން މައުމޫނު ޖަލަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ރައީސް މައުމޫނަށް ތާއީދު ކުރާ ފެކްޝަންގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވި ގޮތުގައި ފާރިސްގެ އަނބިކަނބަލުންނާއި ދަރިފުޅުވެސް ފާރިސް އާ ބައްދަލުކުރުމަށް ޖަލަށް ވަޑައިގެންނެވިއެވެ.
އޭގެ އިތުރުން ރައީސް މައުމޫނުގެ ދަރިކަނބަލުން، އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނާއި ދުންޔާ މައުމޫނުގެ ފިރިކަލުންވެސް ފާރިސްއާ ބައްދަލުކުރެއްވުމަށް ޖަލަށް ވަޑައިގެންނެވިއެވެ. އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނުގެ ފިރިކަލުންވެސް މިއަދު ޖަލަށް ވަޑައިގެންނެވި ކަމަށް އަލީމް ވިދާޅުވިއެވެ.
މީގެ ކުރިން ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހީމާއި ދައްތަ ޔުމްނާ މައުމޫނުވެސް ވަނީ ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވާފައެވެ.
ފާރިސް މައުމޫނު ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމަށް ބޭނުންވާ ސޮއި ހޯދުމަށްޓަކައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ