އަލިފުށި ކަނު އަނދިރީގައި، ރައްޔިތުން ރުޅިގަދަވެއްޖެ!

ރ. އަލިފުށިން ކަރަންޓް ކެނޑޭތީ ހިތްހަމަނުޖެހުންފާޅުކުރަން ރައްޔިތުންގެ ބަޔަކު ރަށު ކައުންސިލް އިދާރާ ދޮށަށް މިރޭ އެއްވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި ޒުވާނަކު ބުނިގޮތުގައި މިއަދު ހެނދުނުން ފެށިގެން އެ ރަށުގައި ކަރަންޓެއް ނެތެވެ. މިހާރު ވެސް ރައްޔިތުން ތިބީ ކަނު އަނދިރީގައި ކަމަށާއި ކަރަންޓް ނެތުމުން އަސާސީ ގިނަ ކަންކަމުން ރައްޔިތުން މަހްރޫމްވެ އެތައް ގެއްލުމެއް ލިބެމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ މިއަދު ފުރަތަމަ ކަރަންޓް ދިޔައީ މެންދުރު 11 ޖަހަން އުޅެނިކޮށް ކަމަށެވެ. އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށްގެން ހަވީރު 4:30 ހާއިރު ކަރަންޓު ދީފައި އޮއްވައި އަނެއްކާ ވެސް ކަރަންޓް ކެނޑުނީ ކަމަށް އޭނާ ބުންޏެވެ.
ކަރަންޓް ނެތިގެން އެ ރަށު ކައުންސިލް އިދާރާ ކައިރީގައި ޒުވާނުންތަކެއް ހިތްހަމަނުޖެހުންފާޅުކުރަނީ
"ދެ ވަނަ ފަހަރަށް ކުޑަ ވަގުތުކޮޅަކަށް ކަރަންޓް ލިބިފައި، މިރޭ 8 ގެ ފަހުން މި ރަށުގައި ކަރަންޓެއް ނެތް. އަވަހަށް ކަރަންޓް ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް،" އޭނާ ބުންޏެވެ.
އަލިފުށިން ކަރަންޓް ކެނޑުނީ އިންޖީނުގެ ކޮންމެވެސް ބައެއް ހަލާކުވެގެން ކަމަށް ވެ އެވެ. އެހެންވެ، އެ ރަށަށް ދެން ކަރަންޓް ލިބޭނީ ފެނަކަ އިން އިންޖީނު މަރާމާތުކުރުމުން ކަމަށް ވެސް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.
މައްސަލަ ހައްލުކުރުމަށް ކައުންސިލުން އަންނަނީ ފެނަކައާ ވާހަކަ ދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ