މަޑުއްވަރީ ދާއިރާގެ ކެމްޕޭން ފަސްޓް ލޭޑީއާ އެކު ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމުގެ ކެމްޕޭން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްއާ އެކު އިއްޔެ ފަށައިފި އެވެ.
މަޑުއްވަރީ ދާއިރާގައި ހިމެނޭ މީދު އަށް ފަސްޓް ލޭޑީ ފާތުން އާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުން އިއްޔެ ވަނީ ވަޑައިގެންފަ އެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވީ ރ. އަތޮޅަށް ކުރައްވާ ދަތުރުގައި ފަސްޓް ލޭޑީ ކުރިއަށް ގެންދަވާނީ އެކަމަނާގެ އިޖުތިމާއީ ޚިދުމަތްތައް ކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބެއްލެވުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުގެ ދަތިތައް އޮޅުންފިލުއްވާނެ ކަމަށް ފަލާހް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މެމްބަރުން ކުރިއަށް ގެންދާނީ ކެމްޕޭން. މި ދާއިރާގެ ބައި އިލެކްޝަނާއި 2018 ގެ އިންތިހާބު ވެސް ކާމިޔާބުކުރާނީ ޕީޕީއެމުން. އަޅުގަނޑުމެން މެމްބަރުން މިތިބީ މަޑުއްވަރީ ދާއިރާގެ ގޮނޑި ކަށަވަރުކުރަން ފޫގަޅާލައިގެން،" ފަލާހު ވިދާޅުވި އެވެ.
މަޑުއްވަރީގެ ޕީޕީއެމް މެމްބަރުންނާ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ވާހަކަ ދައްކަވަނީ. ފޮޓޯ/ޕީޕީއެމް
އޭނާ ވިދާޅުވި ގޮތުގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއް ވެސް މީދޫގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ފަލާހު ވިދާޅުވީ ކެމްޕޭން ފެށި ނަމަވެސް މަޑުއްވަރީ ދާއިރާ އަށް ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓަކު އަދި ނުނިންމާ ކަމަށެވެ. އެކަކަށް ވުރެ ގިނަ މީހުން އެ ދާއިރާ އަށް ކުރިމަތިލައިފި ނަމަ ޕާޓީން ޓިކެޓް ދޭނީ އޮންނަ އުސޫލުގެ ތެރެއިން ޕްރައިމަރީއަކުން ކަމަށް ވެސް ވިދާޅުވި އެވެ.
މަޑުއްވަރީ ދާއިރާގެ ކެމްޕޭން ފެށިއިރު، އެ ދާއިރާގެ ގޮނޑި މިހާރު ތަމްސީލު ކުރައްވަނީ މެމްބަރު މުހައްމަދު އަމީތެވެ. ޕީޕީއެމްގެ ޓިކެޓުގައި އެ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި އަމީތު ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓުމުން އޭނާ ވަނީ ޕާޓީން ވަކިކޮށްފަ އެވެ. އޭގެފަހުން، ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގުޅިގެން، ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނުގައި އެދިގެން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ އަމުރުގައި ބުނަނީ، އެ ހުކުމް ކުރުމުގެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެ ހުކުމުގެ ބާރު ނުހިނގާނެ ކަމަށެވެ. އަމީތު ޕީޕީއެމުން ވަކިކުރީ އެ ހުކުމް އިއްވުމުގެ މާ ކުރިންނެވެ. އެކަމަކު ޕީޕީއެމްގެ ސުލޫކީ ކޮމެޓީން އަލުން މައްސަލަ ބެލުމަށް ފަހު ނިންމީ، އޭނާ ވަކިކުރީ އަމުރުގެ ފަހުން ކަމަށެވެ.
މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ނިންމި ނިންމުން ބާތިލްކޮށްދޭން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމާފައި ވަނީ މެމްބަރުންގެ ގޮނޑިއާ ގުޅޭގޮތުން އިތުރަށް އެ ކޯޓުން ނިންމަން ޖެހޭ ކަމެއް ނެތް ކަމަށެވެ. އޭގެ މާނައަކީ، ގޮނޑި ނުގެއްލޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު ޕީޕީއެމުން ބުނަނީ ގޮނޑި ގެއްލިއްޖެ ކަަމަށެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބައި އިލެކްޝަނަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ