3 މެންބަރުން ޕީޕީއެމްއިން ވަކިވިނަމަވެސް އެ ދާއިރާތަކުގެ ރައްޔިތުން ތިބީ ރައީސްއާއެކު - ޑރ. ޚަލީލް

ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް ތިން މެންބަރަކު އެޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި އެ ދާއިރާތަކުގެ ރައްޔިތުން ތިބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މިއަދު ޕީޕީއެމުން ވަކިވެވަޑައިގަތުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޑރ. ޚަލީލް ވިދާޅުވީ އިލްހާމާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފު މުހައްމަދު ޕީޕީއެމުން ވަކިވެވަޑައިގެންނެވި ނަމަވެސް ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ތިން މެންބަރުން ނިސްބަތްވާ ދާއިރާ ތަކުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާ އެކު ކަަމަށެވެ.
މި ޓްވީޓާއި ވިދިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަންވެސް ކުރައްވަމުންގެންދަވާ ޑރ. ޚަލީލް ދެން ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ހިލާފަށް ޕީޕީއެމް އޮތީ ބަދަހިކޮށް ކަމަށެވެ. ރައީސް ޔާމީން ހުންނެވީ ސާބިތުވެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެންބަރުން ވަކިވެވަޑައިގަތުމާއެކު ޕީޕީއެމްގެ ސަފުތައް އިތުރަށް ބަދަހިވާނެ ކަމަށެވެ.
ޑރ. ހަލީލް އިތުރަށް ވިދާޅުވީ ވެރިކަން ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އެމްޑީއޭގެ ހުރިހާ މެންބަރުން ތިއްބެވީ ރައްޔިތުންގެ ފަޅީގައި ރައްޔިތުންނާ އެކު ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ހިދުމަތާ ތަރައްގީ ކަމަށްވެސް ޑރ. ހަލީލް ވަނީ ވިދާޅުވެފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވެއްދީ ޕީޕީއެމްގެ 10 މެމްބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެމްބަރުންގެ ސޮއިޔާ އެކުގައެވެ.
އެ 10 މެމްބަރުންނަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދުގެ އިތުރުން، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހެވެ.
އެގޮތުން, ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް ވެސް ވަނީ އެމަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މިހާރުވަނީ ޕާޓީއިންވެސް ވަކިވެވަޑައިގެންފައެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި, މެންބަރު ޝިނާނާއި, ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު އަދިވެސް ތިބޭ މަސީހު ވަކިކުރުމާ އެއްކޮޅަށެވެ. ނަމަވެސް އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވަނީ، އިތުބާރު ނެތްކަމުގެ މައްސަލައިގައި އޭނާގެ ނަމުގައި ވަނީ "ވަގު ސޮޔެއް" ކަމަށް ބުނެފައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރި ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ