ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ވަކީލުންގެ އިންތިހާބު ބާތިލުކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލަކު ހޮވުމަށް ބާއްވަން އުޅުނު އިންތިހާބު މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ބާތިލުކޮށްފި އެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ ވަކީލަކު އިންތިހާބު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ މައިގަނޑު އަސާސަކީ ވޯޓް ސިއްރު ކުރުން ކަމަށްވީ ނަމަވެސް ސުޕްރީމް ކޯޓުން އެ މާއްދާގެ (ހ) ބާތިލު ކުރުމުން އެ މަގުސަދު ހާސިލު ނުވާނެތީ މި މަހުގެ ތިން ވަނަ ދުވަހު އިއުލާންކޮށްފައިވާ އިންތިހާބު ބާތިކޮށްފައިވާ ކަމަށެވެ.
އެ އިންތިހާބު ދެން ބާއްވާނެ ދުވަހަކާއި ތަފުސީލުތައް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.
ޖޭއެސްސީ އަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރުން އޮތީ މިމަހުގެ 21 ވަނަ ދުވަހުގަ އެވެ.
ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރުގައި ވަނީ ޖޭއެސްސީ އަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވަކީލުކަމުގެ ހުއްދަ އޮންނަ ކޮންމެ މީހަކު ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭ ގޮތް ހެދުމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ އާންމުކޮށްފައިވާ ގޮތުން މިފަހަރުގެ އިންތިޚާބުގައި އަތޮޅު ތެރޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާނީ 13 ރަށެއްގަ އެވެ.
އެ އިންތިޚާބާ ބެހޭ އުސޫލުގެ 11 ވަނަ މާއްދާގެ ހ. ގައިވާ ގޮތުން އަތޮޅު ތެރޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސޭނީ އެރަށެއްގައި ވޯޓުލުމަށް މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީ ކުރުމުންނެވެ.
ނަމަވެސް އެ މާއްދާ ބާތިލްކޮށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް އޮތުމަކީ 2009 ގެ ވަކީލުންގެ އިންތިޚާބާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމާއި ވަކީލުކަމުގެ ހުއްދަ އޮންނަ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް ވޯޓު ލެވޭނެ ގޮތް ހަދަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ފުށުއަރާ މާއްދާއެއް ކަމަށާއި އެހެންކަމުން ވަކީލުކަމުގެ ހުއްދަ އޮންނަ ކޮންމެ މީހަކު ކޮންމެ ރަށެއްގައި ހުރި ނަމަވެސް އެ މީހަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭ ގޮތް ހެދުމަށް އަލުން އިންތިޒާމްތައް ހަމަޖެއްސުމަށް ބަންޑާރަ ނައިބުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
މާލެ ފިޔަވައި އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން މިމަހުގެ ތިން ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ނެރެފައިވާ އިއުލާން ވެސް ބާތިލްކުރާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ