ގާޒީ ނިހާން ދޫކޮށްލުމަށް އައިސީޖޭ އިން ގޮވާލައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ހައްޔަރުކުރަން ކޯޓު އަމުރު ނެރެފައިވާކަން ދެއްކުމަށް ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަހްމަދު ނިހާން (30އ) ދޫކޮށްލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓް (އައިސީޖޭ) އިން ގޮވާލައިފި އެވެ.
އައިސީޖޭއިން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ނިހާން ހައްޔަރުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެއީ މީހަކު ހައްޔަރުކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. ފަނޑިޔާރަކު ހައްޔަރުކުރުމަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފު އަމަލެއް ކަމަށާއި ނިހާން ހައްޔަރުކުރި ކުރުމަކީ ޖުޑިޝަރީގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށްވެސް ބުނެފައިވެ އެވެ.
އައިސީޖޭ އިން ވަނީ ނިހާން ދޫކޮށްލައި އޭނާއަށް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ދިނުމަށް ވެސް ގޮވާލާފަ އެވެ.
މި ލިޔުމުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ވަނީ އޭނާ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ.
ޖޭއެސްސީން ބުނީ އޭނާ ސަސްޕެންޑް ކުރުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރި ކުރުމަށާއި އަދި ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އެންގުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ނިހާންގެ ބަންދަށް ހައިކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ ހަތް ދުވަސް ވެސް ދީފަ އެވެ. އަދި އޭނާއާއި އެކު ބަންދުކުރި ކުރީގެ ޕީޖީ މުހުތާޒު މުހުސިން ކްރިމިނަލް ކޯޓުން އަމުރުކޮށްގެން ދޫކޮށްލުމުން އެމައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ދަށު ކޯޓުގެ އަމުރު ބާތިލްކޮށް ހައިކޯޓުން އަމުރުކޮށްގެން ރޭ ވަނީ މުހުތާޒު އަނެއްކާ ވެސް ހައްޔަރުކޮށްފަ އެެވެ. އަދި މުހުތާޒުގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.
މުހުތާޒު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
މި ލިޔުމުގެ މައްސަލައާއި ގުޅިގެން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައި މާލެއިން ބަޔަކު އަތޮޅު ތެރޭގެ ރަށަކަށް ގޮސް އެރޭ މެންދަމުން 3:00 އެހާއިރު އެރަށުގެ މެޖިސްޓްރޭޓާ ބައްދަލުކޮށް ސައްހަ ނޫން ލިޔުމެއް ހޯދާފައިވާ ކަމަށެެވެ. އަދި އެލިޔުން މާލޭގެ މަގެއްގެ މަތީގައި ބޭއްވުމަށްފަހު ފުލުހުންނާ އެ ލިޔުން ހަވާލުކޮށް، ރައީސް ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރާ ކަން ދައްކުވަން ވެގެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
"ކޯޓުގެ ނަމުގައި ނެރެފައިވާ ސައްހަ ނޫން ލިޔުމެއް މާލޭގެ މަގެއްގެ މަތީގައި ބާއްވާ އެލިޔުން ފުލުހުންގެ ބަޔަކާއި ހަވާލު ކުރުމަށް މަސައްކަތްކޮށް، މައްސަލައަކާ ގުޅިގެން ފުލުހުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދާކަން ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވޭ،" ރިޔޒު ވިދާޅުވި އެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފަދަ ވާހަކައެއް ނަޝީދު ދެއްކެވި ކަމަށާއި އެމަނިކުފާނު ގުޅުއްވީ އެމްއެންޑީއެފްގެ ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ކަމަށެވެ.
މި ލިޔުމުގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ