އިންޓަރ ސްކޫލް ކެރަމް މުބާރާތް މިއަދު ފަށައިފި

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 13 ވަނަ އިންޓަރ ސްކޫލް ކެރަމް މުބާރާތް މިއަދު ފަށައިފި އެވެ.
ކެރަމް ހޯލުގައި ކުރިއަށްދާ މި މުބާރާތުގައި 11 ސުކޫލަކުން ޖުމްލަ 206 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ކުޅުން މިއަދު މެންދުރު ފަހު ފެށިފައިވަނީ ޑަބަލްސް އިވެންޓުގެ މެޗުތަކުންނެވެ. އެގޮތުން ޑަބަލްސް އިވެންޓުގެ ދުވާލު ދަންފަޅީގެ ކުޅުން ނިމުނުއިރު 13 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފައިނަލަށް ވަނީ ޕެއަރތައް ހޮވިފައެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ފައިނަލަށްވެސް ވަނީ ޕެއަރތައް ހޮވިފައެވެ.
ތޭރަ އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ހޮވިފައިވަނީ ކަލާފާނު ސްކޫލްގެ ޕެއަރ އަކާއި ގިޔާސުއްދީން ސްކޫލުގެ ޕެއަރއެކެވެ. އަދި މިބައިގެ އަންހެން ޑަބަލްސް ފައިނަލަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލްގެ ޕެއަރ އަކާއި ގިޔާސުއްދީން ސްކޫލުގެ ޕެއަރއެކެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ފައިނަލަށް ހޮވިފައިވަނީ ދަރުމަވަންތަ ސްކޫލުގެ ޕެއަރއަކާއި މަޖީދިއްޔާ ސްކޫލުގެ ޕެއަރއެކެވެ. އަދި މިބައިގެ އަންހެން ފައިނަލަށް ހޮވިފައިވަނީ އަމީނިއްޔާ ސްކޫލުގެ 2 ޕެއަރއެވެ.
މީގެއިތުރުން 19 އަހަރުން ދަށުގެ އަންހެން ފައިނަލަށް ހޮވިފައިވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ 2 ޕެއަރ އެވެ.
މި މުބާރާތުގައި މާދަމާ ކުޅުމަށް ހަަމަޖެހިފައި ވަނީ ސިންގަލްސް އިވެންޓުތަކުގެ ކުޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ