ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޝަކޫރަށް ހަމަލާދިން މީހުންނަށް ފިޔަވަޅު އެޅުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ގޮވާލައިފި އެވެ.
ޑީޖޭއޭ އިން ރޭގެ ވަގުތެއްގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ އަހްމަދު ޝަކޫރަށް ބަޔަކު ހަމަލާދީ ހިންގައިފައިވާ އަނިޔާވެރި ޖަރީމާއަކީ ދިމިގްރާތީ ވެރިކަމެއް ހިނގާ ގައުމެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
"އެހެންކަމުން މި ނާތަހުޒީބު އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެ އެވެ.
ޑީޖޭއޭ އިން ބުނީ މި އަމަލު ހިންގި މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނެސް މިފަދަ ފަރާތްތަކުގެ ނުރައްކާތެރިކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭ ފަދަ ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރައްވާ ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަމުން ގެންދާނެކަން ޔަގީންކޮށް އަރުވާ ކަމަށެވެ.
"ހަމައެހެންމެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެއްވެސް ފަރާތަކުން ކުރިމަތި ކޮށްފާނެ ބިރަކަށް ޖެހިލުން ވުމެއް ނެތި އަދި ތައައްސުބުން އެއްކިބާވެ ތިބެ ދިވެހި ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ގާއިމު ކުރުމުގެ މުގައްދަސް ގައުމީ މަސްއޫލިއްޔަތު އަދާ ކުރުން މަތީ ދެމިތިބުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އިލްތިމާސް ކުރަމެވެ،" ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
ވިލިނގިލީގައި ދިރިއުޅުއްވަމުން ގެންދަވާ އަހްމަދު ޝަކޫރަށް ހަމަލާ ދިނީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވިލިނގިލި ބަނދަރު ސަރަހައްދުންނެވެ.
އޭނާއަށް ހަމަލާ ދިނީ އެ ސަރަހައްދުން ސައިކަލެއްގައި ދުއްވާފައި ދިޔަ ބަޔަކު އޭނާގެ ބޮލުގައި ގާބުރިއަކުން ޖަހައިގެން ކަމަށް އެނގިފައިވެ އެވެ.
އަހްމަދު ޝަކޫރަށް ހަމަލާ ދިނުމާއި ގުޅިގެން ވިލިނގިލީ ހޮސްޕިޓަލުން އޭނާ ފަރުވާ ހޯއްދެވި ނަަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އަދި މީހަކު ހައްޔަރުކުރި ކަމެއް އެނގިފައެއް ނުވެ އެވެ.
ފަނޑިޔާރުންނަށް ހަމަލާދޭ މީހުން ހޯދާ ހައްގު އަދަބު ދޭނަން: ޑީޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ