ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ދީފައިވާ ބާރުތައް ނަންގަވައިފި އެވެ.
ޕީޕީއެމް ހިންގުމަށް އަދުރޭއަށް ދީފައިވާ ބާރުތައް މިރޭގެ ވަގުތެއްގައި ނަންގަވާފައިވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ލިބިދޭ ބާރުގެ ތެރެއިން މައުމޫން ކަމަށް މައުލޫމާތުދެ އެވެ.
މައުމޫން މިގޮތަށް ނިންމެވުމަށްފަހު އަދުރޭ އަށާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލްއަށް މިކަން މެސެޖަކުން އަންގަވާފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.
ޕީޕީއެމްގެ ނައިބް ރައީސް ކަމަށް އަދުރޭ އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ޕީޕީއެމްގެ ނައިބް ރައީސް ކަމުންނާ މެންބަރު ކަމުން ވަކިކުރެއްވުމަށްފަހު ޕީޕީއެމްގެ ކައުންސިލްގައި ވޯޓަށް އަހައިގެންނެވެ.
އަދުރޭއަށް ދީފައިވާ ބާރުތައް ރައީސް މައުމޫން ނަންގަވާފައިވާ ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން އަދުރޭގެ އަދި ޕީޕީއެމްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޕާޓީ ހިންގުމަށް އަދުރޭއަށް ދީފައިވާ ބާރުތައް ނަންގަވާފައި މިވަނީ ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓް ނުދެއްވުމަށް ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް މައުމޫން ދަންނަވާފައިވަނިކޮށް މައުމޫންގެ އެދިވަޑައިގަތުމާ ދެކޮޅަށް އިސްލާހު މިއަދު ފާސްކޮށްފައިވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަދުރޭ ވަނީ ސަރުކާރުގެ ހުށަހެޅުމަށް ތާއީދުކުރައްވާ ވާހަކަދެއްކެވުމުގެ އިތުރަށް މި އިސްލާހަށް ތާއީދުކޮށް ވޯޓްވެސް ދެއްވާފަ އެވެ. ޕީޕީއެމްގެ މަޖިލިސް މެންބަރުންނަށް މައުމޫން ފޮނުއްވި މެސެޖުގައި އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަކީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި އަދި ރޫހާވެސް ޚިލާފު ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ މ. ގައި އެކަން ބަޔާންކޮށްފައިވާ ކަންވެސް މައުމޫންގެ މެސެޖުގައި ފާހަގަކުރައްވާފައިވެ އެވެ.
މައުމޫންގެ މި މެސެޖަށް ރައްދުދެއްވާ އަދުރޭ މިއަދު މަޖިލީހުގައި ވިދާޅުވީ ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓް ދެއްވުމަކީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވާނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ހުށަހަޅާ އިސްލާހުތަކަށް ނިކަން ކެރިގެން ވޯޓް ދެއްވާނެ ކަމަށާއި ޕީޕީއެމްގެ މަޖިލިސް އެހެން މެންބަރުންވެސް ސަރުކާރުގެ ހުށަހެޅުންތަކަށް ވޯޓް ދެއްވާނެ ކަމަށްވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
އަދުރޭއަށް ދީފައިވާ ބާރުތައް މައުމޫން ނެންގެވިއިރު ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ އެއްވެސް ޖަލްސާއެއް މައުމޫންގެ ހުއްދަ ނެތި ނުބޭއްވުމަށް ވެސް މައުމޫން މިރޭ ވަނީ އަންގަވާފަ އެވެ.
އަދުރޭގެ ބާރުތައް މައުމޫން ނަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ