ވިލާ ގުރޫޕްގެ ބޮޑު ހިއްސާއެއް އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ދޫކުރި ރަށްތަކެއްގެ އެޑްވާންސް ފައިސާ ދައުލަތަށް ބަލައިގަތުމަށްފަހު ރަށްތައް ހަވާލުނުކުުރުމުން ޑަބްލިއުއެލްޓީއަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ހެނދުނު 10:30 ގައި ފެށުމަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.
ވިލާ ގުރޫޕްގެ 70 އިންސައްތަ ހިއްސާ އޮންނަ ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް 128.9 މިލިއަން ޑޮލަރު ނުވަތަ 1.97 ބިލިއަން ރުފިޔާ ހޯދަން ދައުވާކުރަނީ ރިސޯޓް ހެދުމަށް ޑަބްލިއުއެލްޓީއަށް ދޫކުރި ރަށްތަކެއްގެ އެޑްވާންސަށް ފައިސާ ދެއްކުމުން ދައުލަތަށް އެ ފައިސާ ބަލައިގަތުމަށްފަހު ރަށްތައް ހަވާލުނުކުރި މައްސަލާގައި ލިބުނު ގެއްލުމާއި އެޑްވާންސް ފައިސާ ހޯދުމަށެވެ.
އެގޮތުން ޑަބްލިއުއެލްޓީގެ ދައުވާގައި ވަނީ އެކުންފުނިން އެޑްވާންސް ފައިސާގެ ގޮތުގައި ދައުލަތަށް ދެއްކި 16.9 މިލިއަން ޑޮލަރު އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 112 މިލިއަން ޑޮލަރު ނުވަތަ 1.7 ބިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފަ އެވެ.
މިމައްސަލައިގައި ސިވިލް ކޯޓާއި ހައިކޯޓުން ވަނީ ޑަބްލިއުއެލްޓީން ދައުވާ ކުރާ 16.9 މިލިއަން ޑޮލަރު ދެއްކުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ނަމަވެސް ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓާއި ހައިކޯޓުން ވެސް އަމުރުކޮށްފައެއް ނުވެ އެވެ.
ޑަބްލިއުއެލްޓީއަށް ލިބެންޖެހޭ ފައިސާތަކެއް ހޯދުމަށް އެކުންފުނިން ދައުލަތާ ދެކޮޅަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ދައުލަތުން ވެސް ވަނީ މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރުމުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީއާއި ވިލާ ގުރޫޕާ ދެމެދު މުޅިން އެހެން ރަށްތަކެއްގެ މައްސަލާގައި ހަދާފައި އޮތް ސެޓްލްމަންޓް އެގްރިމެންޓްތަކެއް ބާތިލްކޮށް ވިލާ ގުރޫޕަށް ދޫކޮށްފައި ހުރި ރަށްތަކެއް ވެސް އަތުލާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ ޑަބްލިއުއެލްޓީން އެ ކުންފުނީގެ ހައްގުތަކެއް ހޯދުމަށް ދައުވާކުރުން އެއީ ޓޫރިޒަމް މިނިސްޓްރީއާއި ވިލާ ގުރޫޕާ ދެމެދު ހަދާފައި އޮތް ސެޓްލްމަންޓް އެގްރިމެންޓާ ހިލާފަށް ވިލާ އިން ކުރި ކަމެއް ކަމަށް ބުނުމަށްފަހު އެވެ. ނަމަވެސް ވިލާ ގުރޫޕުން މިމައްސަލަ ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން މައްސަލަ ނިންމާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި ވިލާ ގުރޫޕާ ދެމެދު ހަދާފައިވާ ސެޓްލްމަންޓް އެގްރިމެންޓް ބާތިލްކޮށް ވިލާއަށް ދޫކޮށްފައިވާ ރަށްތައް ދައުލަތަށް އަނބުރާ ނެގީ ގާނޫނާ ހިލާފަށް ކަމަށެވެ.
ޑަބްލިއުއެލްޓީގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ މާދަމާ އަޑުއެހުންތައް ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ