ކައުންސިލަރުންގެ ދައުރު ދަންމާލަން ސުޕްރީމް ކޯޓުގެ ލަފަޔެއް ހޯދަން ފާސްކޮށްފި

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ގަރާރު މިރޭ ފާސްކޮށްފިއެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވި އެ ގަރާރު ފާސްވީ 61 މެމްބަރުންގެ ވޯޓުންނެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެކަމުގެ ސަބަބުން ކުރިމަތިވާނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނުއަސާސީ އަށް ފަސްވަނަ އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް މި ހާލަތުގައި ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ހާލަތު ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މެންބަރުންނަށް ފާހަގަކުރެވޭ ކަމަށްވެސް އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދެނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް މައްސަލައެއް ދިމާވެދާނެތޯ ބެލުމަށް ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
ކައުންސިލަރުންގެ ދައުރު އަންނަ މަހު ހަމަވާތީ ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅާފައެވެ. ނަމަވެސް އެކަމުގައި މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ހިޔާލުަފާތުވުންތައް އުފެދިފައެވެ.
މިކަމުގައި މަޖިލީހުން މީގެކުރިން ވަނީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާގެ ލަފާވެސް ހޯދާފައެވެ. އެ ދެ ބޭފުޅުން ވެސް ލަފާ ދެއްވީ ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގު ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ