ފިލްމީ ދާއިރާގެ މީހަކާއި ދިމާލަށް ހަޖޫޖެހުމުގެ މޭރުމަކުން ވާހަކަ ދެއްކޭނެ ފުރުސަތެއް ނެތް: މުއާ

ދިވެހި ފިލްމީދާއިރާގައި މަސައްކަތް ކުރާ އެއްވެސް މީހަކާއި ދިމާލަށް ހަޖޫޖެހުމުގެ މޭރުމަކުން ވާހަކަ ދެއްކޭނެ ފުރުސަތެއް އެއްވެސް ދިވެހި ރައްޔިތަކަށް ނެތް ކަމަށް އެކްޓަރ/ ޕްރޮޑިއުސަރ/ ޑައިރެކްޓަރ އަބްދުﷲ މުއާޒް (މުއާ) ބުނެފިއެވެ.
ބައިސްކޯފުން ދައްކާ "ލޮކްޑް އަޕް ވިތު" އެޕިސޯޑުގައި ވާހަަކަ ދައްކަމުން މުއާ ބުނީ އެދާއިރާގައި މަސައްކަތް ކުރާ އެއްވެސް ފަރާތަކަށް ހަޖޫޖެހުމުގެ މޭރުމަކުން ވާހަކަ ދެއްކޭނެ ފުރުސަތެއް، ޖާގައެއް އެކަކަށްވެސް ނެތް ކަމަށެވެ.
"ފިލްމީ ދާއިރާއަށް ހަޖޫޖަހާ މީހުންނަށް ބުނެލަން ބޭނުންވަނީ.. ފިލްމީ ދާއިރާއަކީ ހަގީގަތުގަައި އެއްވެސް، ދިވެހި ރައްޔިތަކަށް ޚާއްސަކޮށް، ފިލްމީ ދާއިރާގެ އެއްވެސް މަސައްކަތެއް ކުރާ އެއްވެސް މީހަކާއި ދިމާލަށް ހަޖޫޖަހާ އެމޭރުމަކުން ވާހަކަ ދެއްކޭނެ އެއްވެސް ފުރުސަތެއް ޖާގައެއް ނެތޭ. ދެން މިހެން ބުނީމަ އަނެއްކާ މިކަމަށް ހަޖޫ ޖެހިޔަސް ހެޔޮ" މުއާ ބުންޏެވެ.
މުއާ ބުނީ ދުނިޔޭގެ އެހެން ތަންތަނާއި، އެހެން ތަންތަނުގެ މަސައްކަތްތަކާއި އަޅުވާ ކިޔާފަ ދުނިޔޭގެ އެހެންތަންތަނުގަ ހަދާ ފިލްމުތަކާއި އަޅުވާ ކިޔައިގެން ވާހަކަ ދައްކާއިރު ރާއްޖޭގަައި އެވަރުގެ އިކުއިޕްމެންޓެއް އަދި "މީހުންނެއް ވެސް ނެތް" ކަމަށެވެ.
"އެވަރު ޚަރަދު ކުރެވޭކަށް ނެތް. ހަތަރު ލައްކަ މީހުންގެ އާބާދީއެއް މިއީ. އެއާބާދީގެ ތެރެއިން ފިލްމު ބަލަނީ ނުވަތަ މިކަންތައްތަކަށް ކޮންޓްރިބިއުޓް ކުރަނީ ކިހާވަރެއްގެ ބައެއްތޯ، ސަރުކާރުން މިއިންޑަސްޓްރީގެ މީހުންނަށް އަޅާލަނީ ކިހާ މިންވަރަކަށްތޯ، ކުރިއަރުވަން މަސައްކަތް ކުރަނީ ކިހާ ވަރަކަށްތޯ... ހަގީގަތަށް ބުނަންޏާ އޭގެން އެއްވެސް ކަމެއް ނެތި އަމިއްލަ އުފަލަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރާ ބައެއް ފިލްމު އިންޑަސްޓްރީގައި މިތިބީ. އެހެންވީމަ ފިލްމީ ދާއިރާއަށް ހަޖޫ ޖަހާ މިހެންނޭ އެހެންނޭ ބުނެވޭކަށެއް ނެތް" މުއާގެ ޖަވާބު އިތުރަށް ފުރިހަމަ ކުރަމުން ބުންޏެވެ.
ހަގީގަތުގައި ތެދު ވާހަކައެކެވެ. ނަމަވެސް ހިތާމައަކީ އެދާއިރާގައި އެކަކު އަނެކަކާ ދިމާލަށް ވެސް ހަޖޫޖަހާ، އަނެކާއަކީ "ޗީޕް އާޓިސްޓެއް" ގޮތުގައި ބައެއް އެކްޓަރުން ދެކި، އެހެން ބުނަމުންވެސް ގެންދާކަން ފާހަގަވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ