ވިލާ ގުރޫޕްގެ ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން ދައުލަތުން އުވާލި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފި އެވެ.
ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓަށް ހުށަހެޅީ މިރަށްތަކާއި ފަޅުތަކުގެ މައްސަލަ ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައި ވަނިކޮށް، ހައިކޯޓުން 2015 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް ވިލާއާ ދެކޮޅަށް ނިންމުމުންނެވެ.
ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ތިން ރަށަކީ ތ. އެލާ އާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އެވެ. ވިލާއަށް ދީފައިވަނިކޮށް ސަރުކާރަށް ނަގާފައިވާ ދެ ފަޅަކީ ކ. މާދިއްގަރުފަޅާއި، ކ. ބޮލިދުއްފަރުފަޅެވެ. މިތަންތަނުގެ އެއްބަސްވުން ބާތިލްކޮށް މިތަންތަން ދައުލަތަށް ނެގިކަން ސަރުކާރުން ވިލާ އަށް އެންގީ 2015 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސުޕްރީމް ކޯޓުގައި ވާހަކަދައްކަވަމުން ވިލާގެ ވަކީލް އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒު ވިދާޅުވީ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި އެއްބަސްވުމާ ޚިލާފުވީ ވެސް އަދި ސިޔާސީ މަގުސަދެއްގައި ރަށްތައް އަތުލީ ވެސް ދައުލަތުން ކަމަށެވެ.
ވިލާ ގުރޫޕްގެ ތިން ރަށަކާއި ދެ ފަޅަކާ ގުޅޭގޮތުން ހަދާފައިވާ ސެޓްލްމަންޓް އެއްބަސްވުން އުވާލި މައްސަލާގައި ދައުލަތުގެ ދިފާއު ބިނާކުރާ އަސާސަކީ ވިލާގެ 70 ޕަސަންޓް ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އިން ދައުލަތާ ދެކޮޅަށް 127 މިލިއަން ޑޮލަރުގެ ދައުވާއެއް ކުރި ކުރުމަށެެވެ. ސެޓްލްމަންޓް އެއްބަސްވުމުގައި ވިލާގެ ރަށްތަކުގެ މައްސަލާގައި ދައުލަތާ ދެކޮޅަށް ދައުވާ ނުކުރަން ޝަރުތުކޮށްފައިވެ އެވެ. އެހެންކަމުން ސުޕްރީމް ކޯޓުގައި މިމައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ އެއްބަސްވުމުގައި އެގޮތަށް އޮއްވާ ވިލާގެ ހިއްސާ އޮންނަ ޑަބްލިއުއެލްޓީ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކުރުމަކީ ސެޓްލްމަންޓް އެއްބަސްވުމަށް އަމަލުކުރުމުގެ "ހެޔޮ ނިޔަތް" ވިލާގެ ކިބައިގައި ނެތް ކަން އިނގޭ ކަމެއް ކަމަށެވެ.
ދައުލަތުގެ މިވާހަކަތަކުގެ ރައްދުގައި ވިލާ އިން ބުނެފައިވަނީ ޑަބްލިއު އެލްޓީގެ ދައުވާ އާއި، ވިލާގެ ރަށްތަކުގެ މައްސަލާގައި ސަރުކާރާ އެކު ހެދި ސެޓްލްމަންޓް އެގްރިމެންޓާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ޑަބްލިއު އެލްޓީން ދައުވާ ކުރާ މައްސަލައަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސަރުކާރު ހިއްސާވެގެން އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)ގެ ނަމުގައި އުފެއްދި ކުންފުންޏަކުން ޑަބްލިއު އެލްޓީއަށް ރަށްތަކެއް ދިނުމަށް އެއްބަސްވުމަށްފަހު، އެ އެއްބަސްވުމާ އެއްގޮތަށް އެ ރަށްތައް ހަވާލު ނުކުރުމުން ޑަބްލިއު އެލްޓީ އަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވުނު ދައުވާއެއް ކަމަށް ވިލާ އިން ބުނެ އެވެ. އެކަމަކު ސެޓްލްމަންޓް އެގްރިމަންޓްގައި ބުނާ ރަށްތަކާއި ފަޅުތަކަކީ ވިލާއަށް އެކަނި ރައްދުވާ ގޮތަށް ދޫކޮށްފައިވާ ތަންތަން ކަމަށާއި އެތަންތަން ސަރުކާރަށް ނެގުމުގެ ކުރިން އެތަންތަނުގެ އެއްވެސް މައްސަލައެއްގައި ވިލާ އިން ދައުލަތާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފައި ނުވާ ކަމަށްވެސް ވިލާ އިން ބުނެ އެވެ. އަދި ޑަބްލިއު އެލްޓީން ކުރާ ދައުވާއަކީ ދައުލަތާ ވިލާއާ ދެމެދު ސެޓްލްމަންޓް އެއްބަސްވުން ހެދުމުގެ މާކުރިން 2010 ވަނަ އަހަރުން ފެށިގެން ކޯޓުގައި ދައުވާކުރެވި ހިނގަމުންދިޔަ މައްސަލަތަކެއް ކަމަށްވެސް ވިލާ އިން ކޯޓުގައި ބުނެފައިވެ އެވެ.
ވިލާ އިން ބުނާ ސެޓްލްމަންޓް އެއްބަސްވުމަކީ އަލީ އިބްރާހީމް ކިޔާ މީހަކަށް ލ. ކައްދޫ އިން ސަރުކާރުން ކުއްޔަށް ދިން ބިމެއް ސަރުކާރުން އަތުލުމުން ދައުލަތުން އަލީ އިބްރާހީމަށް ބަދަލުގެ ގޮތުގައި ދޭން ޖެހުނު 9.7 މިލިއަން ޑޮލަރު ދައުލަތުން އަލީ އިބްރާހިމަށް އެވަގުތު ދައްކަން ބުރައަކަށްވުމުން ދެފަރާތުން ވާހަކަދައްކައިގެން ލުއިގޮތްތަކެއް ހެދުމަށް 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެވުނު އެއްބަސްވުމެކެވެ. މިއެއްބަސްވުން ހެދީ ވިލާގެ ފަސް ރިސޯޓާއި، ވިލާ އެއާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން އެ ބައި އުނިކޮށްދިނުމަށް އަލީ އިބްރާހީމްގެ ފަރާތުން ދައުލަތަށް ހުށަހެޅުމުން އޭނާގެ މަންދޫބެއްގެ ގޮތުން ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވެސް ބައިވެރިވެގެން ހެދި އެއްބަސްވުމެއްގެ ގޮތުގަ އެވެ. މިއެއްބަސްވުން ހެދީ ވިލާގެ ރަށްތަކާ ގުޅިގެން ދައުލަތާ ދެކޮޅަށް އެއްވެސް ދައުވާއެއް ނުކުރުމަށް އެއްބަސްވުމުގައި ޝަރުތުކުރުމަށްފަހު އެވެ. ނަމަވެސް އެއްބަސްވުން ހެދިއިރު ޑަބްލިއުއެލްޓީން ދައުވާ ކުރާ މައްސަލަތަކުގައި ދައުވާ ނުކުރެވޭނެ ކަމަށް އެއްވެސް އިރަކު ދައުލަތުން ބުނެފައި ނުވާ ކަމަށާއި އަދި އެރަށްތަކުގައި މައްސަލާގައި ދައުލަތުން އެއްވެސް އިރަކު ވިލާއާ މަޝްވަރާކޮށްފައި ނުވާ ކަމަށްވެސް ވިލާ އިން ވަނީ ބުނެފަ އެވެ.
ވިލާ އިން ބުނީ ޑަބްލިއު އެލްޓީން ދައުވާކުރަނީވެސް ދައުލަތުން ޑަބްލިއު އެލްޓީއަށް ދައްކަންޖެހިފައި އޮތް 16.9 މިލިއަން ޑޮލަރު ހޯދުމަށް ކަމަށެވެ. އެހެންކަމުން އަލީ އިބްރާހީމަށް ލިބެންޖެހޭ 9.7 މިލިއަން ޑޮލަރު ހޯދުމަށްޓަކައި 16 މިލިއަން ޑޮލަރު ނުލިބޭ ގޮތަށް ސެޓްލްމަންޓް އެއްބަސްވުމެއް ހަދާނީ ކޮން ފަރާތަކުންތޯއޭ ބުނެ ވިލާގެ ގާނޫނީ ވަކީލުން ވަނީ ދައުލަތުން ދައްކާ ސަބަބުތަކަކާ ދެކޮޅަށް ސުވާލު އުފައްދަވާފަ އެވެ.
ވިލާ އިން ބުނީ އެއްބަސްވުމުގެ އެއްވެސް ކަމެއްގައި ދެ ފަރާތުގެ ދެމެދުގައި މައްސަލައެއް ދިމާވެއްޖެނަމަ އެ މައްސަލަ ހައްލުކުރަން އެންމެ ފުރަތަމަ މަސައްކަތް ކުރަންވާނީ މަޝްވަރާކޮށްގެން ކަމަށް ސެޓްލްމަންޓް އެގްރިމަންޓްގައި ސާފުކޮށް ބުނެފައި ވަނިކޮށް ވިލާގެ ތިން ރަށާއި ދެ ފަޅު ދައުލަތަށް ނެގީ އެއްވެސް މައްސަލައެއް އަދި އެެއްވެސް ޝަކުވާއެއް ވެސް އޮތް ކަން ވިލާއަށް ކުރިން އެންގުމަކާ ވެސް ނުލައި ކަމަށެވެ. ނަމަވެސް މިއެގްރިމަންޓްގައި ބުނާ ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދެ ފަރާތުން ވާހަކަދައްކައިގެން ސެޓްލްމަންޓް އެގްރިމަންޓަށް ކުރިން ބަދަލުތަކެއް ގެނެސްފައި ހުރިކަންވެސް ވިލާ އިން މީގެ ކުރިން ޝަރީއަތުގައި ފާހަގަކޮށްފަ އެވެ.
ސެޓްލްމަންޓް އެއްބަސްވުމުގައިވާ ތިން ރަށާއި ދެ ފަޅު ދައުލަތަށް ނެގުމުން ވިލާ އިން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލާގައި އެ ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކުރުމުން ވިލާއަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. އެގޮތުން ސަރުކާރުގެ މުއައްސަސާތަކުން ވިލާއަށް ހިދުމަތް ދިނުން ހުއްޓާލުމުން ރާއްޖެއަށް މުދާ އެތެރެ ކުރުމާއި، ވިލާގެ މުވައްޒަފުންނަށް ކޮށްދޭންޖެހޭ ބައެއް ކަންކަން ކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަން ވިލާ އިން ވަނީ ޝަރީއަތުގަައި ފާހަގަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
ދައުލަތުގެ ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ދައުލަތާ ސުވާލެއް ކުރިމަތިކުރައްވާފަ އެވެ. އެގޮތުން ޑަބްލިއުއެލްޓީން ދައުލަތާ ދެކޮޅަށް ދައުވާކުރުމުން ހުރިހާ ސެޓެލްމެންޓް އެގްރިމެންޓްތަކެއް އުވާލީ ކީއްވެތޯއާއި ޑަބްލިއުއެލްޓީއާ އެކު ސެޓެލްމެންޓް އެއްބަސްވުމެއް ވެފައިވޭތޯ އާއި ވެފައިވާ އެއްބަސްވުންތަކުގެ ޕާޓީއެއްގެ ގޮތުގައި ޑަބްލިއުއެލްޓީ ހިމެނޭތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
މިސުވާލުތަކުގެ ޖަވާބުގައި ދައުލަތުން ބުނީ ޑަބްލިއުއެލްޓީއަކީ ވިލާގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާތީ ދައުލަތާ ދެކޮޅަށް ޑަބްލިއުއެލްޓީން ދައުވާކުރުމުން ސެޓްލްމަންޓް އެއްބަސްވުމުގެ މަގުސަދު ގެއްލޭ ކަމަށެވެ. ޑަބްލިއުއެލްޓީއާ އެކު ސެޓެލްމެންޓް އެއްބަސްވުމެއް ހެދުމަށް މަޝްވަރާ ކުރެވުނު ކަމަށް ދައުލަތުން ބުނި ނަމަވެސް އެފަދަ އެއްވެސް އެއްބަސްވުމެއް ދައުލަތާ ޑަބްލިއުއެލްޓީއާ ދެމެދު ހެދިފައި ނުވާ ކަން ދައުލަތުގެ ވާހަކަތަކުން އެނގިގެންގޮސްފައިވެ އެވެ.
ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް، މިރަށްތަކާއި ފަޅުތަކުން ލިބެންޖެހޭ ކުއްޔާއި ޖޫރިމަނާ ކަމަށް ބުނެ 188 މިލިއަން ޑޮލަރު ނުވަތަ 2.9 ބިލިއަން ރުފިޔާ ހޯދުމަށް ދައުލަތުގެ ފަރާތުން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ވިލާއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި ސިވިލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ ވިލާގެ ތިން ރަށާއި ދެފަޅުގެ މައްސަލާގައި ހައިކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތައް ތަންފީޒު ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް ނުނިންމަނީސް ސިވިލް ކޯޓުން އެއްވެސް ކަމެއް ނުކުރުމަށް އަންގާފައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ވިލާގެ ތިން ރަށާއި ދެ ފަޅުގެ މައްސަލާގައި ވިލާ އިން އެއްވެސް ފައިސާއެއް ދެއްކުމަށް މިހާތަނަށް އެއްވެސް ކޯޓަކުން ވިލާގެ މައްޗަށް ހުކުމްކޮށްފައި ނުވި ނަމަވެސް ވިލާ އިން ދައުލަތަށް ފައިސާތަކެއް ދައްކަންޖެހޭ ކަމަށް ބުނެ މީރާއިން ވަނީ ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފަ އެވެ.
ވިލާގެ ރަށްތަކާއި ފަޅުތައް އަތުލި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ