އިންޑިއާއަކީ ރާއްޖެ ފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އަލިގަދަ ނަމޫނާއެއް: ރައީސް

އިންޑިއާއަކީ އެ ގައުމުގެ ދުސްތޫރީވެރިކަން ހިންގުމުގައި ރާއްޖެ ފަދަ ޑިމޮކްރަސީގެ ޅަފަތުގައިވާ ގައުމުތަކަށް އަލިގަދަ ނަމޫނާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 74ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާ ހައިކޮމިޝަނުން އިންތިޒާމު ކޮށްގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ, ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުން ބޮޑު އުދަނގޫ ހާލަތްތަކުގައި އިންޑިއާވެފައި ވަނީ ރާއްޖޭގެ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވޭ އެއް ރަހުމަތްތެރިޔާއަށް ކަމަށެވެ.
އިންޑިއާގެ ގާނޫނުއަސާސީ އެކުލަވައިލި ފަރާތްތަކުގެ ދުރުވިސްނުމާއި ތަސައްވުރަކީ ފުރިހަމަ ނަމޫނާއެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާގެ ކުރިއެރުމަށާއި ތަރައްގީއަށް އަދި ހަމަޖެހުމަށް އެ ގައުމުން ކަޑައްތުކުރި ދަތުރު ސާބިތުކަމާއި ވިލުންތެރުކަމާއެކު ދައްކުވައިދީފައިވާ ކަމަށެވެ.
އަދި އިންޑިއާގެ ގާނޫނުއަސާސީން ވަނީ އެ ގައުމުގެ ސިޔާދަތާއި ހުރިހާ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ކަމަށާއި އިންޑިއާގެ ކާމިޔާބީގައި އެ ގައުމުގެ ގާނޫނުއަސާސީ މުހިންމު ދައުރެއް އަދާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ, އިންޑިއާގެ އެންމެހައި ކަންކޮޅުތަކެއްގައި، އަދުލުވެރި އަދި ޝާމިލު ތަރައްގީ ފެތުރުމުގެ ބާރު ލިބިދެނީވެސް އިންޑިއާގެ ގާނޫނުއަސާސީންނާއި އިންޑިއާގެ ވެރިންގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
އަދި ގައުމީ ތަރައްގީއަށް ބުރުލެއް ނާރުވައި، ތަފާތު މުޖުތަމައުތައް އެއްބައިކޮށް، މުޖުތަމައުގައި ނަމޫނާ ހަމަހަމަކަމެއް ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެކަން، އިންޑިއާއިން ދުނިޔެއަށް ދައްކައިދެމުން އަންނަކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ