ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރައީސްކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބު ކޮށްފި

ޗައިނާގެ ރައީސް ޝީ ޖިންޕިންގ، ރައީސްކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބު ކޮށްފިއެވެ.
ޗައިނާގެ ރައީސްކަމުގެ ތިންވަނަ ދައުރު، އުމުރުފުޅުން 69 އަހަރުގެ ޝީ ޖިންޕިންގއަށް ކަށަވަރުވީ، ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވާ ހަފްތާއަކަށް ދެމިގެންދާ ކޮންގްރެސްގެ ތެރެއިންނެވެ.
ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިއަށް އޮތް 5 އަހަރަށް ޝީ ޖިންޕިންގ އިންތިޚާބު ކޮށްފައިވަނީ، ކޮމިއުނިސްޓް ޕާޓީގެ އިސް 200 މެމްބަރުން ހިމެނޭ ސެންޓްރަލް ކޮމިޓީންނެވެ. އަދި އެ ޕާޓީގެ އެންމެ އިސް 7 މެމްބަރުން ހިމެނޭ އެންމެ ނުފޫޒުގަދަ ސްޓޭންޑިންގ ކޮމިޓީން މިއަދުވަނީ ސެންޓްރަލް ކޮމިޓީގެ ނިންމުން އެންޑޯޒްކޮށްފައެވެ.
ޗައިނާގެ ރައީސްކަން ކުރައްވަނީ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.
ކޮމިއުނިސްޓް ޕާޓީގެ މިއަހަރުގެ ކޮންގްރެސްގައި ސެންޓްރަލް ކޮމިޓީއަށާއި، ނުފޫޒުގަދަ ސްޓޭންޑިންގ ކޮމިޓީއަށްވެސް ވަނީ މެމްބަރުން އިންތިޚާބު ކޮށްފައެވެ. ސްޓޭންޑިންގ ކޮމިޓީއަށް މުޅިން އަލަށް 4 ބޭފުޅަކު އިންތިޚާބުކުރިއިރު އެ ބޭފުޅުންނަކީ ރައީސް ޝީ ޖިންޕިންގއަށް ވަފާތެރި ގާތް ބޭފުޅުންނެވެ.
ޝީ ޖިންޕިންއަށް ވެރިކަމުގެ ތިންވަނަ ދައުރު ކަށަވަރުކުރީ، އަލަށް އިންތިޚާބުކުރެވުނު ކޮމިޓީތަކުންނެވެ.
ޝީ ޖިންޕިންގ، ވެރިކަމުގެ އައު ދައުރަށް އައު ސަރުކާރެއް އެކުލަވާލެއްވިއިރު، އެ ބަދަލުތައްވެސް ކޮންގްރެސްއިންވަނީ ފާސްކޮށްފައެވެ.
އައު ސަރުކާރު ނުވަތަ ރައީސް ޝީއަށްފަހު ޗައިނާގެ ދެވަނައަށް އެންމެ ނުފޫޒުގަދަ މަގާމު ކަމަށްވާ ބޮޑުވަޒީރުކަމަށް ރައީސް ޝީ ޖިންޕިންގ އައްޔަން ކުރައްވާފައިވަނީ ގާތް އެކުވެރިއެއް ކަމަށްވާ ލީ ކިއަންގްއެވެ. މިހާރު ބޮޑުވަޒީރު ކަމުގައި ހުންނެވީ ލީ ކެކިއަންގްއެވެ.
އައު ބޮޑުވަޒީރަކަށް އައްޔަން ކުރެއްވި ލީ ކިއަންގް، ނުފޫޒުގަދަ ސްޓޭންޑިންގ ކޮމިޓީއަށްވެސް ވަނީ އިންތިޚާބުކޮށްފައެވެ.
ރައީސް ޝީ ޖްނޕިންގއާއި، ބޮޑުވަޒީރު ލީ ކިނއަގް އަދި އިސް އެހެން މަގާމުތަކަށް އިންތިޚާބު ކުރެވުނު ބޭފުޅުން ރަސްމީގޮތުން އިއުލާން ކުރާނީ، އަންނަ އަހަރުގެ މާޗްމަހު ބާއްވާ ޗައިނާގެ އަހަރީ ލެޖިސްލޭޓިވް ސެޝަންތަކުގައެވެ. އެހާތަނަށް، މިހާރުގެ ސަރުކާރު ދެމިއޮންނާނެއެވެ.
ރައީސްކަމުގެ ތިންވަނަ ދައުރަކަށް އިންތިޚާބުކުރުމާ ގުޅިގެން ޝީ ޖިންޕިންގވަނީ، އޭނާއަށް ކުރާ އިތުބާރަށްޓަކައި ޕާޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝީ ޖިންޕިންގ ވަނީ،، އޭނާއަށާއި އަދި އޭނާގެ ޓީމަށް ކޮމިއުނިސްޓް ޕާޓީން ކުރާ ފުރިހަމަ އިތުބާރަކީ ހައްގު އިތުބާރެއްކަން، އެބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި، މަސައްކަތްތަކުން ސާބިތުކޮށް ދެއްވާނެކަމަށް ވައުދުވެވަޑައި ގެންފައެވެ.
ޗައިނާގެ ގާނޫނުއަސާސީގައި ކުރިން އޮންނަނީ ރައީސްކަން ކުރެއްވޭނީ ދެ ދައުރުގައި ކަމަށެވެ. އެގޮތަށް ކަނޑައެޅުއްވީ އޭރުގެ ލީޑަރ ޑެންގް ޝިއާއޮޕިންގ، 1982 ވަނަ އަހަރުއެވެ.
ނަމަވެސް، ޝީ ޖިންޕިންގ ވެރިކަމަށް ވަޑައިގެން ޕާޓީގެ އެތައް ކަމެއް ބަދަލުކުރައްވައި، އިތުރު ބާރުތައް ހޯއްދަވައި 2018 ވަނަ އަހަރުވަނީ ރިޔާސީ ދައުރުގެ މުއްދަތު ކަނޑައަޅާފައި އޮންނަ މާއްދާ އުވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ