ރައީސް ނަޝީދުގެ ބައްޕާފުޅު ގޮވައިގެން ކޯޓަަށް ދާނެ ކަމުގެ އިންޒާރު މެމްބަރު ޝަރީފު ދެއްވައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ބައްޕާފުޅު ކެރަފާ އަބްދުއްސައްތާރު ގޮވައިގެން ކޯޓަަށް ދާނެ ކަމުގެ އިންޒާރު ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދެއްވައިފިއެވެ.
މެމްބަރު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް ގެއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ރައީސް ނަޝީދުގެ ބައްޕަ ކެރަފާ އަބްދުއްސައްތާރު ފައިސާތަކެއް ހޯދާފައިވާ ކަމަށެވެ. އެމައްސަލަ ވަރަށް އަވަހަށް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މެމްބަރު ޝަރީފު މިފަދައިން އިންޒާރު ދެއްވީ، ގަތުލު އާއްމެއް ހިންގަން އުޅުނު ކަމުގެ އިލްޒާމު އަޅުވައި މެމްބަރު ޝަރީފް ރައީސް ނަޝީދުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން މެމްބަރު ޝަރީފާއި ދެކޮޅަށް އަބުރުގެ ދައުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާގައި ނަޝީދުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި އޮތީ އަބުރަށް އަރައިގަތުމުގެ ބަދަލެއްގެ ގޮތުން ޝަރީފް އަތުން ދިހަ މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ކޯޓަށް މައްސަލަ ހުށަހެޅި ލިޓިޖެންޓްސްގެ ބަޔާނުގައި ބުނީ މިދިޔަ ހުކުރުދުވަހު ޝަރީފް ކުރެއްވި ޓުވީޓަކުން ނަޝީދުގެ އަބުރާ ބެހި އަބުރަށް ގެއްލުން ދީފައިވާ ކަމަށެވެ. ކޯޓަށް މައްސަލަ ހުށަހެޅީ އަބުރަށް އަރައިގަތުމުގެ އަމަލެއް ޝަރީފް ހިންގެވިކަން ކަނޑައަޅައިދޭން ކަމަށް ބަޔާނުގައި ބުންޏެވެ.
ޝަރީފްގެ ޓުވީޓުގައި ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި މަރުގެ ތުހުމަތު މައުމޫންގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށެވެ. އެއަނިޔާވެރި އަމަލު ހުއްޓުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި ކަމަށް ޓްވީޓްގައިވެއެވެ.
އޭގެ ރައްދުގައި ރައީސް ނަޝީދު ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރާ "ހަސަން ކުރުސީ" ޓްވިޓާ އެކައުންޓުން ބުނެފައި ވަނީ ފައިސާއާ ބެހޭ އެކަހަލަ މައްސަލަތައް ލަސްކޮށްގެން ނުވާނެ ކަމަށާއި އަވަހަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
ނަޝީދަށް ބޮޑު ތުހުމަތެއް ޝަރީފް ކުރެއްވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ދެ ފެކްޝަނުން އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުން ދަނިކޮށެވެ. މަޖިލީސް ތަޅުމާއި ވަޓްސްއެޕް ގްރޫޕްތަކާއި ސޯޝަލްމީޑިއާގައި ވެސް އެއްބަޔަކު އަނެއް ބަޔަކަށް ފާޑުކިޔައި، އިލްޒާމްތައް ދަނީ އަޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ