މެންބަރުންގެ އަދަދު އިތުރު ނުކުރަން ގާސިމް ހުށަހެޅުމުން ނަޝީދު ތާއީދު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87އަށް ވުރެ އިތުރު ނުކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް, މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ތާއީދު ކުރައްވައިފިއެވެ. މެންބަރުންގެ އަދަދު އިތުރު ނުކުރުމަށް އެދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ މަޖިލިސް މެންބަރުންގެ އަދަދު ހުއްޓުމެއްނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެފަދަ ކުޑަ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހަށް ބޭނުންވާ ވަރަށް ވުރެން މާގިނަ އަދަދަކަށް ވާނެ ކަމަށެވެ. އެ އިސްލާހަށް ތާއީދު ކުރައްވައި ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމްގެ އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށެވެ. "މަޖިލިސް އެކުލެވިގެންވާ ގޮތާ އަދި މަޖިލިސްގެ ދައުރާ ބެހޭ ގޮތުން ވިސްނުން ވަރަށް މުހިންމު،" ނަޝީދު ވިދާޅުވިއެވެ. https://sun.mv/167517 މަޖިލިސް މެންބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމަށް މީގެ ކުރިން ނިމިދިޔަ ދެ ދައުރުގައި ވެސް މަޖިލީހަށް ހުށަހެޅިއެވެ. އެންމެ ފުރަތަމަ 2013 ވަނަ އަހަރު އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރެވެ. އޭގެ ފަހުން ނިމިގެން ދިޔަ މަޖިލީހަށް އޭރުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވެސް އެ އިސްލާހު ހުށަހެޅުއްވިއެވެ. ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ)ގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހޮވަންވާނެ ކަމަށް ބަޔާންކުރެއެވެ. މަޖިލިސް މެންބަރުންގެ އަދަދު 77 ގައި ހުރިއިރު އެ އަދަދުގައި ބެހެއްޓުމަށް ކުރި މަސައްކަތް ނާކާމިޔާބްވެ މިހާރު މެންބަރުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ. މިހާރު އޮތް ގޮތުން ކޮންމެ އިންތިހާބަކަށް ވެސް މެންބަރުންގެެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ