ޝަމްޢާން މައްސަލައިގައި ކަން ހިނގިގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ފުލުހުގައި އެދެފިން: އިހުސާން

ރާއްޖެއަށް ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވައްކަންކުރި ކަމަށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު ކުރެއްވި ތުހުމަތުތައް ދޮގު ކުރެއްވުމަށް ފަހު, އެކަން ހިނގި ގޮތް ކިޔައިދިނުމަށް ފުލުހުންގެ ފަރާތުން އެދިފައިވާނެ ކަމަށް އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ. އިއްޔެ ކްރިމިނަލް ކޯޓުން ވަނީ، ޝަމްޢާންގެ މައްޗަށް ކޮށްފައިވާ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ. https://sun.mv/223117 ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން އިއްޔެ ބޭއްވި އަޑުއެހުމުގެ ކުރިން، ކޯޓުގެ ކުރިމަތީގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝަމްޢާން ވިދާޅުވީ، ބިދޭސީންގެ ކޯޓާ ފީއާއި މަސައްކަތު ހުއްދަ ސައްހަކުރުމަށް އިޙްސާން ހިންގެވި "ޖަރީމާއެއް"، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 16ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އެ ގޮތުން، ކޮންމެ ކޯޓާއަކުން 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު ނަގާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. "މިކަން ކުރާ ވާހަކަ ރައީސަށް ދަންނަވާ އެ ކަމުގެ ހެކި ރައީސަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ: މިނިސްޓަރު އިހްސާނާ ދެކޮޅަށް ޝައްމާން ޒާތީގޮތުން ކަންކަންކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހުސާން ގާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކަ އެއީ ހަގީގަތެއް ނަމަ ދަންނަވަން، ލޯޔަލް ވުމަކީ ތިއެއް ނޫން،" ރައީސާ ހަވާލާދީ ޝަމްޢާން ވިދާޅުވިއެވެ. ޝަމްޢާންގެ ތުހުމަތުތަކަށް ރައްދުދެއްވައި އިޙްސާން މިއަދު 'އެކްސް'ގައި ލިޔުއްވި ޕޯސްޓުގައިވަނީ، ޝަމްޢާންގެ ތުހުމަތުތަކަކީ ސާބިތު ނުހިފޭ، އެއްވެސް ހެއްކެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. https://x.com/min_mohst/status/2064579657161384099 "ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ގަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި،" އިޙްސާން ލިޔުއްވައިފައިވެއެވެ. ޝަމްޢާން ފްރޭމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި ވާހަކައަކީވެސް އިތުރުފުޅެއް ކަމަށް، އިޙްސާން ލިޔުއްވައިފައިވެއެވެ. އޭނާ ލިޔުއްވިގޮތުގައި، އެ މައްސަލައިގައި ކަން ހިނގި ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާ ކަމަށެވެ. https://sun.mv/223116 އިއްޔެ ކުރެއްވި ޓްވީޓުތަކެއްގައި ޝަމްޢާން ވަނީ، ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް ވަކި ބަޔަކަށް އިޙްސާން ވިއްކައިލެއްވި ކަމާއި، އެކަން ހުއްޓުވުމަށް ޝަމްޢާން މަސައްކަތްކުރުމުންނާއި ދެކޮޅު ހެދުމުގެ ސަބަބުން ރައީސް އެކިފަހަރު މަތިން ގުޅުއްވައި ކޯފާ އިސްކުރައްވައި އިންޒާރު ދެއްވި ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ އިޙްސާނާއި ބަންޑާރަނައިބު އަޙްމަދު އުޝާމް އިސްވެ ހިންގަވާ ބޮޑު ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވައި، އެކަމާ ގުޅޭ ހެކި، އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ލިޔުއްވައިފައެވެ. https://sun.mv/223114 އެކަމަކު ރައީސްގެ ފަރާތުން އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް، އަދި ބަންޑާރަނައިބު އަޙްމަދު އުޝާމްވެސް ވަނީ، ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ