ވޭވަށު ކައުންސިލު އިންތިހާބުގެ މައްސަލަ: ސުޕްރީމް ކޯޓުން ނިންމީ ތިކި ހުރި ވޯޓު ކަރުދާސްތައް ބާތިލު ނޫން ކަމަށް!

މ. ވޭވަށު ކައުންސިލްގެ އިންތިޚާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ތިން ވޯޓެއް ބާތިލުކުރަން ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި މ. ވޭވަށު ކައުންސިލްގެ ގޮނޑިއަކަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްޝަން ނައީމް އިންތިޚާބު ކާމިޔާބުކުރެއްވީ ދެ ވޯޓުގެ ތަފާތަކުންނެވެ. އެ އިންތިޚާބުގައި އަހްޝަނަށް 121 ވޯޓު ލިބުނުއިރު، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް މުޙައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ.
ނަމަވެސް، 3 ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރުމުން އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ހުރި ބާތިލު ވޯޓުތަކެއް ކަމަށް ނަޒީހުގެ ފަރާތުން ބުނެފައިވެއެވެ. ނަތީޖާއާ މެދު ހިތްހަމަނުޖެހި، ޕީއެންސީގެ ކެންޑިޑޭޓް ނަޒީހު ހައިކޯޓަށް ހުށަހެޅި މައްސަލައެއް ބަލައި، އެ ކޯޓުން ވަނީ އަހްޝަނަށް ލިބުނު އެ ތިން ވޯޓު ބާތިލްކޮށްފައެވެ. އެއާއެކު ނަތީޖާ ބަދަލުވިއިރު، މި ނިންމުމާއެކު އަހްޝަންގެ ވޯޓުގެ އަދަދު 118 އަށް ތިރިވެ، ނަޒީހަށް ގޮނޑި ލިބުނެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ނިންމީ އެ ތިކިތަކުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށެވެ. އެހެންވެ، އެ ނިންމުން އަހްޝަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި މިއަދު ސުޕްރީމް ކޯޓުން ވަނީ އެ އިސްތިއުނާފީ މައްސަލައިގެ ހުކުމް އިއްވައިފައެވެ.
އެ މައްސަލައިގައި ސުވާލު އުފެދުނު ވޯޓުލާ ކަރުދާސްތަކުގައި ހުރީ ކަޅުކުލައިގެ ތިކިތަކެކެވެ. ނަމަވެސް، ވޯޓު ކަރުދާހުގައި ފާހަގަޖަހަން ބޭނުންކުރަން ޖެހެނީ ނޫ ކުލައިގެ ގަލަމެކެވެ. އެހެންވެ، އެ ތިކިތަކަކީ ކަރުދާސް ޕްރިންޓުކުރުމުގެ ތެރޭގައި ޖެހިފައި ހުރި ދެލިތަކެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އަދި އެކަމަށް ބާރުދިނުމަށް ވޯޓު ކަރުދާސް ޕްރިންޓުކުރި ކުންފުނީގެ ސިޓީއެއްވެސް ހައި ކޯޓަށް ހުށަހެޅިއެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ، ތިކިތައް ކަރުދާހުގައި ހުރީ ޕްރިންޓިންގެ މައްސަލައެއްގެ ސަބަބުން ކަމަށް އިލެކްޝަނުންނާއި ޕްރިންޓުކުރި ކުންފުނިން ބުނާއިރު. އެ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ނަޒީހުގެ ފަރާތުން ބުނާ ފަދަ، ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް، ވޯޓުލި މީހާ ގަސްތުގައި ޖަހާފައި ހުރި ފާހަގަތަކެއް ކަމަށް ގަބޫލުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.
ކިތާބީ ހެކީގެ ގޮތުގައި މިފަދަ މައްސަލަތަކުގައި ހުށަހަޅަން ޖެހޭނީ ވޯޓު ކަރުދާހުގެ އަސްލު ކަމަށްވާއިރު، އެ ވޯޓު ކަރުދާސްތަކުގެ އަސްލު ހައި ކޯޓަށް ހުށަހަޅަން އިލެކްޝަނުން އެދުމުން އެ ފުރުސަތު އެ ކޯޓުން ދީފައި ނުވެއެވެ. އޭގެ ބަދަލުގައި އެ ކޯޓުން ބަލައިގަތީ މައްސަލަ ޖެހުނު ވޯޓު ކަރުދާސްތަކުގެ ފޮޓޯތަކެކެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ތިކިތަކާ މެދު ސުވާލު އުފެދިފައިވާ ހާލަތުގައި އޭގެ ސައްހަކަން ކަށަވަރުކުރެވޭނީ ހައިކޯޓަށް އެ ކަރުދާސްތަކުގެ އަސްލު ގެނެސް ދިރާސާކޮށްގެން ކަމަށެވެ. ފޮޓޯތަކަކަށް ބަލައިގެން އެ ވޯޓު ކަރުދާސްތަތަކީ ވޯޓުގެ ސިއްރުކަން ގެއްލޭ ގޮތަށް ހުރި ވޯޓު ކަރުދާސްތަކެއް ކަމަށް ހައިކޯޓަށް ކަނޑައެޅޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ.
ހައިކޯޓަށް މައްސަލައިގައި ދައުވާކުރި ފަރާތުން އެދުނު ފަރުވާއަކީ އެ ވޯޓު ކަރުދާސްތަތަކީ ބާތިލު ވޯޓުތަކެއް ކަމަށް ކަނޑައަޅައި އިންތިހާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބާއްވަން ކަމަށްވާއިރު، ވޯޓު ކަރުދާސްތައް ބާތިލުކަމަށް ކަނޑައެޅި ނަމަވެސް، އިންތިހާބުގެ ނަތީޖާ ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުން އޮތީ ކަނޑައަޅައިފައެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ފާހަގަކުރީ، ދައުވާކުރާ ފަރާތުން އެދޭ ފަރަވާ ނޫން އެހެން ފަރުވާއެއް ކޯޓަށް ކަނޑަނޭޅޭނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ވެސް އޮންނައިރު، ވޯޓު ކަރުދާސްތައް ބާތިލުކަމަށް ކަނޑައެޅިނަމަވެސް، އިންތިހާބުގެ ނަތީޖާ ބާތިލުކޮށް އިންތިހާބު އަލުން ބާއްވަން ހައިކޯޓުގެ ހުކުމުގައި އަންގާފައިނުވާކަމެވެ.
އެގޮތަށް ތިކި ހުންނަ ހުރިހާ ވޯޓު ކަރުދާހެއްގައި ލާފައިވާ ވޯޓު ބާތިލުކަމަށް ކަނޑައަޅާނަމަ، އެއީ ކުރިމަގުގައި ބާއްވާ ކޮންމެ އިންތިހާބެއްގައިވެސް ދެލި ތިކި ޖެހިފައި ހުންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއް ކަމުގައި ކަނޑައެޅުމުގެ ހުޅުވޭ ދޮރެއްކަން ސުޕްރީމް ކޯޓުން ފާހަގަކުރިއެވެ.
”އެގޮތަށް ތިކި ހުންނަ ހުރިހާ ވޯޓު ކަރުދާހެއްގައި ލާފައިވާ ވޯޓު ބާތިލުކަމަށް ކަނޑައަޅާނަމަ، އެއީ ކުރިމަގުގައި ބާއްވާ ކޮންމެ އިންތިހާބެއްގައިވެސް ދެލި ތިކި ޖެހިފައި ހުންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާތިލު ވޯޓެއް ކަމުގައި ކަނޑައެޅުމުގެ ހުޅުވޭ ދޮރެއް. އަދި އެކަމުގެ ސަބުބުން މުޅި އިންތިހާބީ ނިޒާމު ބައްޓަންކުރުމުގައި އިއާދަނުކުރެވޭ ގެއްލުމާއި ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ގަބޫލުކުރެވޭ،“ ހުކުމުގައިވެއެވެ.
އެހެންކަމުން، ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ހައިކޯޓުގެ ހުކުމް ބާތިލުކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ