ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 1 ގައި!

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ހުޅުމާލެ ފޭސް 1 ގައި ކުރިއަށް ގެންގޮސްފިއެވެ.
އެކި ސަރަހައްދުތަކުން ރައްޔިތުންނާ ގާތުން ބައްދަލުކޮށް މައުލޫމާތު ދިނުމަށް މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް 1 ނެއިބަހުޑް ފުލުހުންނާއި އެންޓި ސްކޭމް ސެންޓަރު ގުޅިގެންނެވެ.
ޖޫން 17 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރައްޔިތުންނާ ބައްދަލުކޮށް، އޮންލައިން ވިޔަފާރިތަކާއި މާކެޓް ޕްލޭސްގައި ވިޔަފާރިކުރާ ކަމަށް ދައްކައިގެން އުޅޭ މަކަރުވެރީންގެ އަމަލުތައް ދެނެގަންނާނޭ ގޮތް ކިޔައިދީފައިވެއެވެ. އަދި ހެކަރުންނާއި ސްކޭމަރުންގެ ކޯލުތަކާއި މެސެޖުތައް ދެނެގަންނާނޭ ގޮތް ކިޔައިދީ ހޭލުންތެރިކޮށް، އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާންވާ ގޮތްތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން، ފޯނު ފަދަ ޑިވައިސްތަކުގެ ސެކިއުރިޓީ ފީޗާސް ޗެކުކޮށްދީ، ސެކިއުރިޓީ ވަރުގަދަކުރުމަށް އަޅާނޭ ފިޔަވަޅުތައް ބުނެދީ އަދި ވައިބަރ، ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޯތެންޓިކޭޝަން ހަދަން ދަސްކޮށްދީ އަދި ސެޓިންގ ހަދައިދީފައިވެއެވެ.
މި ހަރަކާތުގައި، ގިނަ ބަޔަކަށް އަޑު އިވޭނޭގޮތަށް، އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް ހޭލުންތެރިކުރުމުގެ މެސެޖުތައް ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ