ވޯލްކްސްވެގަންގެ 100,000 ވަޒީފާ މަދުކޮށް 4 ފެކްޓްރީ ބަންދުކުރަނީ

ޖަރުމަނުގެ މަޝްހޫރު ކާރު އުފައްދާ ކުންފުނި، ވޯލްކްސްވެގަންގެ ތާރީޚުގައި ވެސް އަންނަ އެންމެ ބޮޑު ބަދަލުގެ ގޮތުގައި، އެ ކުންފުނިން 100،000 މުވައްޒަފުން މަދުކޮށް، ޖަރުމަނުގައި ހުރި އެ ކުންފުނީގެ ހަތަރު ފެކްޓްރީއެއް ބަންދުކުރަން ވިސްނަމުންދާކަން ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ކުރިއަށް އޮތް އަހަރުތަކުގައި މަދުކުރަން ރާވާފައިވާ މި އަދަދަކީ އެ ކުންފުނީގެ މުޅި ދުނިޔޭގެ މަސައްކަތްތެރިންގެ ގާތްގަނޑަކަށް 15 އިންސައްތައެވެ. މި ޕްލޭނުގެ ދަށުން ބަންދުކުރުމަށް ހުށަހަޅާފައިވަނީ ޖަރުމަނުގެ ހެނޯވާ، ޒުވިކާއު، އެމްޑަންގެ އިތުރުން އައުޑީ ބްރޭންޑުގެ ނެކާސުލްމް ފެކްޓްރީއެވެ. މި ހަތަރު ފެކްޓްރީގައި އެކަނިވެސް 45،000 އަށްވުރެ ގިނަ މުވައްޒަފުން މިހާރު ވެސް މަސައްކަތް ކުރަމުންދެއެވެ. މި ބޮޑު ބަދަލާ އެކު، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުންފުނިން ކުރަން ރޭވި އިންވެސްޓްމަންޓްތައް 15 އިންސައްތަ މަދުކުރުމަށް ވަނީ ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 130 ބިލިއަން ޔޫރޯގެ ކުޑަކުރުމެކެވެ. އެކުންފުނިން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމި ނަމަވެސް މި ޕްލޭން ތަންފީޛުކުރުމުގައި ކުންފުންޏަށް ބޮޑެތި ހުރަސްތަކެއް އެބަހުރި --- ފޮޓޯ: ރޮއިޓާސް މީގެ އިތުރުން ކުންފުނީގެ ސީއީއޯ އޮލިވަރ ބްލޫމް ބޭނުންވަނީ މައި ވޯލްކްސްވެގަން ބްރޭންޑާއި، ކާރުގެ ސްޕެއާޕާޓްސް އުފައްދާ ބައި ވަކި ދެ ކުންފުންޏެއްގެ ގޮތުގައި ހިންގުމަށެވެ. ވޯލްކްސްވެގަންއަށް މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވީ އެ ކުންފުންޏަށް ކުރިމަތިވަމުންދާ މާލީ ބޮޑު ގެއްލުންތަކުގެ ސަބަބުންނެވެ. އެގޮތުން 2025 ވަނަ އަހަރު ކުންފުނީގެ ފައިދާ 44 އިންސައްތަ ދަށަށް ގޮސްފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ސާފު ފައިދާ ވަނީ 28 އިންސައްތަ ދަށްވެފައެވެ. މި ގެއްލުންތައް ކުރިމަތިވާން މެދުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާގެ ބީވައިޑީ ފަދަ ކުންފުނިތަކުގެ ވާދަވެރިކަން ބޮޑުވުމެވެ. މީގެ ސަބަބުން ވޯލްކްސްވެގަންގެ އެންމެ ބޮޑު މާކެޓް ކަމަށްވާ ޗައިނާގައި އެމީހުންގެ ވިޔަފާރި ވަނީ 20 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ޔޫރަޕްގައި އިލެކްޓްރިކް ވެހިކަލްތަކަށް އޮތް ޑިމާންޑް ދަށްވުމާއި، އެމެރިކާއިން ކުރިމަތިކުރި ޓެރިފްތަކުގެ ސަބަބުން އަހަރަކު ހަތަރު ބިލިއަން ޔޫރޯގެ އިތުރު ބުރައެއް އުފުލަން ޖެހުން ހިމެނެއެވެ. އެކުންފުނިން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމި ނަމަވެސް މި ޕްލޭން ތަންފީޛުކުރުމުގައި ކުންފުންޏަށް ބޮޑެތި ހުރަސްތަކެއް އެބަހުއްޓެވެ. ޖަރުމަނުގެ ބާރުގަދަ މަސައްކަތްތެރިންގެ ޔޫނިއަން (އައިޖީ މެޓޯލް) އާއި ކުންފުނީގެ ވޯކްސް ކައުންސިލުން ވަނީ މިކަމާ ވަރަށް ހަރުކަށިކޮށް ދެކޮޅު ހަދައި، މި ބަދަލުތައް ހުއްޓުވާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ވޯލްކްސްވެގަންގެ ދެވަނައަށް އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ޖަރުމަނުގެ ލޯވަރ ސެކްސަނީ ސްޓޭޓުން ވެސް މި ޕްލޭނަށް އެއްބަސްނުވާނެ ކަމަށް ވަނީ ހާމަކޮށްފައެވެ. މި ހުރިހާ ހުށަހެޅުންތަކާ މެދު ފަހުގެ ގޮތެއް ނިންމުމަށް ވޯލްކްސްވެގަންގެ ސުޕަވައިޒަރީ ބޯޑުން އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު ޚާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ