ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި މި ވަގުތު ވާދަކުރަމުން އަންނަ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް މިހާރު ދިމާވެފައި އޮތީ، "މިޝަން އިމްޕޮސިބަލް" ހާލަތެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކުރަމުން އަންނަ އުރްބާނީ، މިހެން ބުނެފައިވަނީ، ކުރިއަށް އޮތް ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ކުރިން، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގެ ތެރެއިންނެވެ. އެ ގޮތުން، އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕުން މިސާލެއް ނެގުމުގެ ގޮތުން، އުރްބާނީ ވަނީ މުހިންމު ވާހަކައެއް ދައްކައިފަ އެވެ.
ރާއްޖޭގެ ފުޓްބޯޅައާ މެދު ސަޕޯޓަރުން ކުރާ އުންމީދުތަކާ އެއްވަރަށް ނަތީޖާ ހާސިލްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން، "އަދަދު ސްޕޯޓްސް" އިން ކުރި ސުވާލަށް ދިން ޖަވާބުގައި އުރްބާނީ ބުނީ، މިދިޔަ އަހަރުތަކުގައި ރާއްޖޭގައި ފުޓްބޯޅަ ނުކުޅެ ދިގު މުއްދަތެއް ދިޔަ ކަމުގެ ހަގީގަތް ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ.
"ވަރަށް ރަނގަޅު މިސާލެއް އެއީ އަހަރެމެންގެ އަންހެން ގައުމީ ޓީމު. އަހަންނަށް އެނގޭ ކިހާ ބުރަކޮށް ކުޅުންތެރިންނާއި ކޯޗިން ސްޓާފުން މިދިޔަ ހަފްތާތަކުގައި މަސައްކަތްކުރިކަން. ކޯޗު ސޮބާހު (ސޮބާހު މުހައްމަދު - ސޮބާ) އާއި އޭނަގެ ސްޓާފުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފި، ކުޅުންތެރިންގެ ހުނަރާއި އެހެނިހެން ކަންކަން ކުރު މުއްދަތެއްގެ ތެރޭގައި ރަނގަޅުކުރަން،" އުރްބާނީ ބުންޏެވެ.
"އެކަމަކު، ރިއަލިސްޓިކް ގޮތަށް (ހަގީގަތާ އެއްގޮތަށް) ވާހަކަ ދައްކަމާ ހިނގާ. މިއީ، މިޝަން އިމްޕޮސިބަލް (އެއްގޮތަކަށް ވެސް ކުރެވިދާނެ ކަމެއް ނޫން) އެ ވާދަކުރަން ޖެހޭ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ކުޅުމަކީ، އެ ގައުމުތައް އެ އޮތީ ދިގު މުއްދަތެއްގެ ފުޓްބޯޅަ ޑިވެލޮޕްމަންޓް ސިސްޓަމެއްގެ ތެރެއިން އައިސްފައި، ގަވާއިދުން މުބާރާތް ކުޅޭ. ރަނގަޅު އޮނިގަނޑެއް އެބައޮތް، ވާދަވެރިކޮށް މުބާރާތްތައް ކުޅެމުން އެދަނީ،"
އުރްބާނީ ބުނީ، ޑިވެލޮޕްމަންޓްގެ މަސައްކަތަކީ ދުރުރާސްތާ ވިސްނުމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކޮށްގެން ނަތީޖާތައް ނެރެވޭނެ ކަމެއް ކަމަށާއި ކުއްލިއަކަށް ކާމިޔާބު ހޯދަން "ޝޯޓްކަޓެއް" ނޯންނާނެ ކަމަށެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު އަތުން 11-0 ގެ ބޮޑު ތަފާތަކުން އިންޑިއާ ވަނީ މޮޅުވެފައި. އިންޑިއާގެ ގޯއާގައި ކުޅުނު މި މެޗުގައި އެ ގައުމުގެ އަވޭކާ ސިންގް ހަތަރު ގޯލު ޖެހިއިރު، ރާއްޖޭގެ ދެން އޮތް މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާ
ގޯއާގައި ކުރިއަށްދާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ކުޅުނު ފުރަތަަމަ މެޗުގައި، ފަސް ފަހަރު ޗެމްޕިއަންކަން ހޯދި އިންޑިއާ އަތުން ވަނީ 11-0 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިރޭ ރާއްޖޭން ގްރޫޕްގެ ފަހު މެޗުގައި، ނުކުންނާނީ އެންމެ ފަހުން ދެ ފަހަރު މުބާރާތް ކާމިޔާބުކުރި ބަންގްލަދޭޝާ ދެކޮޅަށެެވެ. އިންޑިއާ އާއި ބަންގްލަދޭޝަކީ ދެމެހެއްޓެނިވި ގޮތެއްގައި އަންހެން ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދާ އަދި ރީޖަންގެ ބޮޑެތި މުބާރާތްތަކުގަައި ކުޅެފައިވާ ދެ ގައުމެވެ. އެ ގައުމުތަކުގެ ކުޅުންތެރިން ވަރުގަދަ ލީގުތަކުގައި ވެސް އަންނަނީ ކުޅެމުންނެވެ.
ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ކުރިން، އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލެއްގައި އަހާފައިވަނީ، ރާއްޖޭގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމު ސަރަހައްދުގައި ގަދަބާރެއްގެ ގޮތުގައި އޮންނައިރު، އަންހެން ފުޓްބޯޅަ އެ ލެވަލަށް ނުދަނީ ކީއްވެގެންތޯ އެވެ.
ޖަވާބުގައި ސޮބާ ބުނެފައިވަނީ، އަންހެން ފުޓްބޯޅައިގެ މުބާރާތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުޅެވޭ ކަމަށެެވެ. އަދި، ފިރިހެން ޓީމަށް ނަތީޖާ ނެރެވެނީ ލީގެއް ކުޅެގެން ކުރިއަށްދާތީ ކަަމަށާއި އަންހެން ފުޓްބޯޅައިގައި އެ ގޮތަށް ކަންކަން ނުހިނގާތީވެ، އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުގައި ކޮންމެ މީހެއް ހުރި ކަމުގައި ވިޔަސް ނަތީޖާ ނެރުމަކީ ފަސޭހަނުވާނެ ކަމެއް ކަމަށެވެ.
އެފްއޭއެމް އިން މިދިޔަ އަހަރު ފަހުކޮޅު ވަނީ، ވިމެންސް ފުޓްބޯލް ލީގެއް ބާއްވައިފަ އެވެ. އެއީ، މިދިޔަ 11 އަހަރު ތެރޭ އެފްއޭއެމް އިން ބޭއްވި އަންހެން ފުޓްބޯޅައިގެ މި ފަދަ ފުރަތަމަ މުބާރާތެވެ. ދެމެހެއްޓެނިވި ގޮތެއްގައި މުބާރާތް ކުޅެގެން ނޫނީ އަންހެން ގައުމީ ޓީމަށް ކުރިއެރުމެއް ނާންނާނެ ކަމަށް މީގެ ކުރިން އަންހެން ޓީމަށް އިރުޝާދުދިން ހުރިހާ ކޯޗުން ވެސް ވަނީ ބުނެފަ އެވެ.
އަންހެން ފުޓްބޯޅައިގައި މި ވަގުތު އޮތީ "މިޝަން އިމްޕޮސިބަލް" ހާލަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ