ޗާޕް ކުރުމުގެ ތެރެއިން ދެލި އަރާފައިހުރި ކޮންމެ ވޯޓު ކަރުދާސް ކޮޅަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅަންވެއްޖެ ނަމަ، ބޮޑެތި މައްސަލަތަކެއް ނުކުންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ވޯޓު ކަރުދާހުގައި ތިކިތަކެއް ހުރެގެން މައްސަލަ ބޮޑުވެފައިވަނީ މ. ވޭވަށު ކައުންސިލުގެ ރައީސްގެ އިންތިހާބެވެ. އެ މަގާމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް ހުށަހެޅީ ބާތިލް ކަމަށް ބެލެވޭ ތިން ވޯޓެއް ކަރުދާހެއް ސައްހަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުންނެވެ.
ކޮމިޝަނުން ބުނެފައިވަނީ ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ ޕްރިންޓް ކުރުމުގައި ދިމާވި ކަމަކަށް ވާތީ އެ ވޯޓުތައް ބާތިލް ނުވާނެ ކަމަށެވެ. އެހެންވެ، ފުރަތަމަ ދެ ވޯޓުގެ ތަފާތަކުން ނަޒީހުގެ މައްޗަށް ކުރި ލިބިފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަހުޝަމް ނައީމަށެވެ.
ނަމަވެސް ނަޒީހު ހުށަހެޅި މައްސަލާގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި ހުރި ތިކިތަކަކީ މަތިމަތިން ބެލުމުން ވެސް އެ ވޯޓު ކަރުދާސްތައް ވަކިކޮށް ދެނެގަނެވޭފަދަ ފާހަގަތަކެއް ކަމަށެވެ. އެހެންކަމުން އެއީ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭ ގޮތަށް ހުރި ވޯޓުތަކެއް ނޫން ކަމަށް ކަނޑަައެޅި އެވެ.
The most trusted news source in the Maldives
ހުކުމްގައި ކަނޑައަޅާފައިވަނީ އެ ތިން ވޯޓު ކަރުދާސް ބާތިލް ކަމަށެވެ. އަދި އެ ތިން ވޯޓު އުނިކުރުމަށް ފަހު އަލުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން އަމުރުކޮށްފައިވެ އެވެ. އެގޮތަށް އަމަލު ކުރުމުން ހޮވުނީ އެމްޑީޕީގެ ކެންޑިޑޭޓުގެ ބަދަލުގައި ނަޒީހެވެ.
އަހުޝަމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި ސުއޫދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މިދިޔަ އަހަރު އިސްތިއުފާ ދެއްވުމަށް ފަހު މިއީ އެ ކޯޓުގައި ވަކާލާތުކުރެއްވި ފުރަތަމަ ފަހަރެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ސުއޫދު ވިދާޅުވީ ރާއްޖޭގެ އެތައް މިތަނަށް ވޯޓުލީ އެތައް ބައެއްގެ ވޯޓު ކަރުދާސްތަކުގައި ޗާޕް ދެލި ހުރެދާނެ ކަމަށާއި އެހެންވެ، ދެލި ހުރި ކޮންމެ ކަރުދާސް ކޮޅަކީ ބާތިލް އެއްޗެއް ކަމަށް ކަނޑައަޅަން ވެއްޖެ ނަމަ، ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ.
"ދެލި ބުރައިގެން ގޮސްފައި ހުރި ކޮންމެ ވޯޓު ކަރުދާސްކޮޅަކީ ބާތިލް އެއްޗެއް ކަމަށް ނިންމަން ވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ އޭގެ ސަބަބުން ވަރަށް ބޮޑު ހަލަދެއް އަންނާނެހެން މިކަމަށް. ތިކި ހުރިތޯ ބަލަން މައްސަލަތައް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް... މުއްދަތު ހަމަވެއްޖެ، އެހެންނަމަވެސް އޭގެ ސައްހަކަމާ ދޭތެރޭގަ ސުވާލު އުފެދޭނެ އެގޮތަށް ނިންމެވީމަ،" ސުއޫދު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ ޗާޕް ދެލި ވޯޓު ކަރުދާހުގައި ހުރެގެން މީގެކުރިން ރާއްޖޭގައި އެކަން ބޮޑު ކަމަކަށް ވެފައި ނެތް ކަމަށެވެ. ދެލި ހުރި ވޯޓު ކަރުދާސްތައް ބާތިލް ކުރާ ނަމަ، ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާ އިންތިހާބުތަކަށް ވެސް އޭގެ އަސަރުކުރާނެ ކަން ސުއޫދު ފާހަގަކުރެއްވި އެވެ.
The most trusted news source in the Maldives
އިކެލްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލު އޮންނަ ގޮތުން ވޯޓުލާ މަރުކަޒުތަކުގައި ގެންގުޅެނީ އަދި އެތަނަށް ވެއްދެނީ ވެސް ދެލި ނުފޭދޭ ނޫކުލައިގެ ގަލަމެވެ. މައްސަލަ އުފެދިފައިވާ ވޯޓު ކަރުދާސްތަކުގައި ހުރީ ކަޅު ކުލައިގެ ތިކިތަކެކެވެ. އެހެންކަމުން ވެސް އެއީ ވޯޓުލީ މީހާ ޖަހާފައިވާ ނިޝާންތަކެއް ކަމަށް ބެލުމަށް ވުރެ، އެއީ ޗާޕް ކުރުމުގެ ތެރެއިން ފޭދިފައި ހުރި ދެލިތަކެއް ކަމަށް ބުރަވެވޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ހައި ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔައިރު އެމްޑީޕީން ތަދައްހުލްވި އެވެ. އަދި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް އެމްޑީޕީން ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު، އެ މައްސަލަ އަދި ބަލައެއްނުގަނެ އެވެ.
މައްސަލަ ކޯޓުގައި އޮތުމުން ވޭވަށު ކައުންސިލްގެ އެ މަގާމު އޮތީ ހުސްކޮށެވެ.
ޗާޕް ދެލި ހުރި ކޮންމެ ވޯޓު ކަރުދާހެއް ބާތިލް ކަމަށް ނިންމާ ނަމަ ބޮޑު މައްސަލައަކަށްވާނެ: ސުއޫދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ