އައްޑޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ހިތަދު އަށް އުފަން ރަމީޒް އަބްދުﷲ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 31 ވީ އާދިއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް 9:30 ހާއިރު ހިތަދޫ ބޮޑު މަގުގައެވެ. އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޮޑު މަގުން ބާރު ސްޕީޑުގައި ނުބައި ފަޅިން ދުއްވާފައި ދިޔަ ސައިކަލެއް ވަނީ އެ މަގުން މަޑުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިފައެވެ.
މި ހާދިސާގައި ބޮޑަށް އަނިޔާވެފައިވަނީ ގަވާއިދާ އެއްގޮތަށް ރަނގަޅު ފަޅިން ދުއްވި ރަމީޒަށެވެ. އޭނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެކްސިޑެންޓާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސް ފަރުވާ ދެމުންދިޔައީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓުގައި ދެ ދިވެހި ފިރިހެނުންނަށް އަނިޔާވެފައިވެއެވެ. މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ