މަޖިލީހުގެ ނައިބު ރައީސް ހޮވި ވޯޓުގައި ފިއްޓޭއަށް ޕީއެންސީ މެންބަރުންތަކެއްގެ ވޯޓު؟

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ޕީއެންސީ މެންބަރުންތަކެއް ވޯޓު ދެއްވި ކަމާ މެދު ސުވާލު އުފެދިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްކަމުގެ މަގާމަށް މިއަދު ފިއްޓޭއާ ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. ޖުމްލަ 74 މެންބަރުން ވޯޓު ލެއްވިއިރު، ސަލީމް އެ މަގާމަށް އިންތިޚާބުކުރެއްވީ 62 މެންބަރުންގެ ވޯޓާ އެކުއެވެ. ޒިޔާދަށް ލިބިވަޑައިގަތީ އެންމެ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ. https://sun.mv/222703 އެމްޑީޕީގެ 12 މެންބަރުންގެ ތެރެއިން މިއަދުގެ ޖަލްސާއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގަތީ އެންމެ އަށް މެންބަރުންނެވެ. ދެން ވޯޓު ލައްވާފައި ވަނީ އަމިއްލަ ދެ މެންބަރުންނާއި ހުސް ޕީއެންސީގެ މެންބަރުންނެވެ. ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އެމްއެންޕީ ތަމްސީލުކުރައްވާ މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން އެމްޑީޕީ ނޫން އިތުރު ދެ މެންބަރުން ވަނީ ފިއްޓޭއަށް ވޯޓު ދެއްވައިފައެވެ. ހަމައެއާއެކު ބާތިލު ދެ ވޯޓު އޮތުމުން އެކަމާ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދަވައިފައެވެ. https://sun.mv/222704 'ސަން' އާ ވާހަކަދެއްކެވި ބައެއް މެންބަރުން ވެސް ވަނީ ޕީއެންސީގެ ބައެއް މެންބަރުން، އެ ޕާޓީގެ ނިންމުމާ ކަނޑައެޅިގެން ޚިލާފުވެފައިވާކަން ކަށަވަރުވާ ކަމަށް ވިދާޅުވެފައެވެ. އެއީ އެމްޑީޕީ އަދި ޕީއެންސީ ފިޔަވާ ދެން އިތުރަށް އެ ވޯޓުގައި ބައިވެރިވެވަޑައިގަތީ އަމިއްލަ ދެ މެންބަރުން ކަމަށް ވާތީއެވެ. ނައިބު ރައީސް ހޮވުމަށް ނެގި ވޯޓަކީ ސިއްރު ވޯޓެއް ކަމުން ސީދާ ޕީއެންސީގެ ނިންމުމާ ޚިލާފުވީ ކޮން މެންބަރުންނެއް ކަމެއް ނޭނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާދެއްވައިފައި ވަނީ، ނާޒިމްގެ މައްޗަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ސޮއިކޮށް، އިތުބާރު ނެތް ކަމަށް ހުށަހަޅައި، އޭނާ ވަކިކުރަން އިއްޔެ ތާވަލުވެސް ކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ