ހިމަބިހި ޖެހޭ މީހުން އެކަހެރިކުރަން، ކޮވިޑުގައި ބޭނުންކުރި ފެސިލިޓީތައް އަލުން ތައްޔާރުކުރަނީ

މާލެ ސަރަހައްދުގައި ހިމަބިހީގެ ކޭސްތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި މި ބަލި ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބައްޔަށް ފައްސިވާ މީހުން އެކަހެރިކޮށް ބައިތިއްބާނެ ވަކި އައިސޮލޭޝަން ފެސިލިޓީއެއް މިވަގުތު ނެތުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތު ދިނުމަށް އިއްޔެ ހެލްތު މިނިސްޓްރީގައި ބޭއްވި ސެޝަނެއްގައި އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ސަނާ ސަލީމް ވިދާޅުވީ، ބަލިޖެހޭ މީހުން އެކަހެރިކޮށް ފަރުވާ ދެވޭނެ ވަކި މަރުކަޒެއް ނެތުމަކީ މިވަގުތު ކުރިމަތިވެފައިވާ ދަތިކަމެއް ކަމަށެވެ. https://sun.mv/223960 ހިމަބިހި ޖެހިފައިވާ މީހުން އެކަހެރި ކުރުމަކީ ކުރުން ވަރަށް މުހިންމު އަދި އެދެވިގެންވާކަމެކެވެ. އަދި އެންމެ ރައްކާތެރިގޮތަކީ އެއީ ކަމަށް ވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ. އެޗްޕީއޭއިން މިހާރު ވެސް ހިމަބިހި ޖެހޭ މީހުން އެކަހެރިކުރުމުގެ ޕްރޮސެސްއެއް ކުރިއަށް ގެންދެއެވެ. އެހެން ނަމަވެސް އެފަދަ މީހުން އެކަހެރިކޮށް ފަރުވާދެވޭނޭ ވަކި ރަސްމީ ފެސިލިޓީއެއް ނެތްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭ އިން ހާމަކުރިގޮތުގައި މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރާ ގުޅިގެން މިހާރު ދަނީ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެގޮތުން ކުރިން ކޮވިޑް-19 ގެ ދުވަސްވަރު ބޭނުންކުރި އައިސޮލޭޝަން ފެސިލިޓީތައް އަލުން ބޭނުންކުރެވޭނެ ގޮތަކަށް ތައްޔާރުކުރުމުގެ މަސައްކަތް ޕޮލިސީ ލެވެލްގައި މިހާރު ދަނީ ކުރަމުންކަމަށް ބުންޏެވެ. https://sun.mv/224049 މިގޮތުން ހުޅުމާލޭގައި ހުރި "އޮރެންޖު ހިޔާ" ފަދަ ތަންތަން އަވަސް ފުރުސަތެއްގައި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ކަނޑައަޅައި، ހޮސްޕިޓަލަކާ ގުޅިގެން އެ ތަންތަން އަޕްގްރޭޑް ކުރުމަށް ރޭވިފައިވާކަން އެޗްޕީއޭއިން ހާމަކުރިއެވެ. މިއީ ކުރިއަށް އޮތް ތަނުގައި ބަލީގެ ކޭސްތައް އިތުރުވެއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ކުރެވޭ ތައްޔާރީއެކެވެ. "ހިމަބިހި ޖެހޭ މީހުން އެކަހެރިކުރަން ވަކި އައިސޮލޭޝަން ފެސިލީޓީއެއް ނެތުމަކީ ކަންބޮޑުވުމެއް. އެކަމަށް ވެސް ހައްލެއް ލިބޭތޯ ސަރުކާރުގެ ޕޮލިސީ ލެވެލްގައި މަސައްކަތްތަކެއް ކުރެވެމުންދަނީ." އެޗްޕީއޭއިން ބުންޏެވެ. އެޗްޕީއޭއިން ވަނީ އައިސޮލޭޝަން މިފަދަ ޚިދުމަތެއް ދިނުމަށް އެންމެ ފަސޭހަވާނީ މިހާރުވެސް ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށް ފާހަގަކޮށްފައިވެއެވެ. ހިމަބިހި ޖެހުމުން ގައިގައި ނަގާ ރަތް ބިހިތައް: ހިމަބިހީގެ އަލާމާތްތައް ފެނުމާއެކު ޑޮކްޓަރަކަށް ދެއްކުމަށް ލަފާ ދީފައިވޭ -- ފޮޓޯ/ ހެލްތުލައިން މީގެ އިތުރުން، ހޮސްޕިޓަލަކާ ގުޅިގެން ވަކި ރޫމްތަކެއް އައިސޮލޭޝަންއަށް ޚާއްސަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މީގެ ބޭނުމަކީ ބަލިމީހުން އެކަހެރިކުރަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް ބޭނުންވާ ޖާގަ އަވަހަށް ފޯރުކޮށްދިނުމެވެ. އެޗްޕީއޭއިން އިއްޔެ އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މިހާތަނަށް ހިމަބިހީގެ 66 ޕޮޒިޓިވް ކޭސްވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން 13 ކޭސް އަކީ އެކްޓިވް ކޭސްތަކެވެ. އަދި ބަލި ޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ އެކްޓިވް ކޮންޓެކްޓުންގެ އަދަދު މިހާރު ހުރީ 258 ގައެވެ. ހިމަބިއްސަކީ ވައިގެ ތެރޭގައި ވައިރަސް ގިނައިރު ވަންދެން ދެމިހުންނަ، ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުން ބޭރުވާ ވައިރަސް، އެ މީހަކު އެ ތަނަކުން ދިޔުމަށްފަހު ވެސް ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުރެއެވެ. ވެކްސިން ނުޖަހާ އާބާދީއެއްގައި މި ބަލި ފެތުރޭ ނަމަ، އެކަކުގެ ފަރާތުން ގާތްގަނޑަކަށް 18 މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު އޮންނަކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ. https://sun.mv/223216 ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމަކަށް ވުމާއެކު، ސަވައިލަންސް ނިޒާމު މިހާރު ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ. މިގޮތުން ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގާ ކޮންމެ މީހަކުވެސް މި ބައްޔަށް ޓެސްޓުކުރުމަށް އެޗްޕީއޭއިން ބުނެއެވެ. ބަލީގެ އަލާމާތްތައް ފެންނަން ހަތް ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާއިރު، ބަލިޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ މުއްދަތަކީ ގާތްގަނޑަކަށް ނުވަ ދުވަހެވެ. އެހެންކަމުން ބަލިޖެހޭ މީހުން އެކަހެރިކުރުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅެވެ. ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ވެކްސިން ފުރިހަމަކުރުމުން ބަލިޖެހުމުގެ ފުރުސަތު 97 އިންސައްތައަށް ކުޑަކޮށްދެއެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަނީ އެމް.އާރު ވެކްސިނެވެ. ނަމަވެސް ވެކްސިން ޖެހުމާ ދެކޮޅު މީހުން އުޅުމަކީ ބަލި ކޮންޓްރޯލް ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ. ހޮސްޕިޓަލްތަކުން މިހާރު އަންނަނީ ޓެކްނިކަލް ކޮމިޓީތަކުގެ ލަފާގެ މަތިން ބަލިމީހުންނަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ދެވެންހުރި އެންމެ ރަނގަޅު ފަރުވާ ދެމުންނެވެ. ބަލީގެ އަލާމާތްތައް ފެންނަ ނަމަ މާސްކު އެޅުމާއި، އެކަހެރިވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ