ތުލުސްދޫ ކައުންސިލުގެ ނައިބު ރައީސާއަށް ހާނީއްކަވެ އޭޑީކޭގައި ފަރުވާ ދެނީ

ކ. ތުލުސްދޫ ކައުންސިލުގެ ނައިބު ރައީސާ، މަރިޔަމް ޝިއުނާއަށް ވަރަށް ބޮޑަށް ހާނީއްކަވެ، އޭޑީކޭގައި ފަރުވާ ދޭން ފަށައިފި އެވެ.
ތުލުސްދޫ ކައުންސިލްގެ ރައީސް، އަސްލަމް މޫސާ ވިދާޅުވީ ޝިއުނާއަށް ހާނީއްކަވީ އޭނާ ދިރިއުޅޭ ގޭ ތެރެއަށް ވެއްޓިގެން ކަމަށާއި އޭނާގެ ހާލަތު ވަރަށް ސީރިއަސް ކަމަށެވެ. އެހެންނަމަވެސް، ޝިއުނާ ވެއްޓުނު އުސްމިނެއް އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ބުރަވެވެނީ ހަރުގަނޑުން ކަހާލައިގެން ވެއްޓުނީ ކަމަށް، ދެން ވެއްޓޭއިރު އޮންނާނީ މީހާގެ ބާރު ކެނޑިފަތާ، އެހެންވީމާ ވެއްޓުނުއިރުގައި އެތަނުގައި ހުރި މޫގަނޑެއްގައި ނުވަތަ ލަކުޑިގަނޑެއް ކަހަލަ އެއްޗެއްގައި ޖެހިފައި ބޯ ފަޅައިގެން ގޮސްގެން ބޮލުން ލޭ ފައިބާ،" އަސްލަމް ވިދާޅުވި އެވެ.
ޝިއުނާގެ ބޮލުން ލޭ މަނާ ނުވާތީ، ވަގުތުން ވަގުތަށް އިތުރު ފަރުވާ ދިނުމަށް މާލެއަށް ފޮނުވާލައިފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ޝިއުނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޑީކޭ ހޮސްޕިޓަލަށްް ގެންދިޔަފަހުން، ޝިއުނާއަށް ހޮޑުލެވުނު ކަމަށާއި، ހޮޑު ލެވުނުއިރު، ލޭ ކުލަ ފެންނަން ހުރި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"ފުރަތަމަ އެކްސްރޭއެއް އެ ނަގަނީ އުނަގަނޑާ ދިމާލުން، އެ ނަގާފައި އެމްއާރްއައިއެއް ހަދަން މިހާރު ވައްދާފައިވީ، ދެން ކަންފަތުން ވެސް ލޭ އާދޭ،" އަސްލަމް ވިދާޅުވި އެވެ.
ޝިއުނާއަކީ ތުލުސްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް އިންތިހާބުވި ބޭފުޅެކެވެ. މީގެ ކުރިން އޭނާ ހުންނެވީ އެ ކައުންސިލުގެ މެންބަރެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް، ނިމިދިޔަ އިންތިހާބަށްފަހު އެ ކައުންސިލްގެ ނައިބު ރައީސާގެ މަގާމަށް އޭނާ ވަނީ އިންތިހާބުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ