ސިނގިރޭޓު އަގުބޮޑުކުރިތާ ދެ އަހަރު ވާން ދަނިކޮށް އަނެއްކާ ވެސް ކުރިން ހުރި ރޭޓުތަކަށް އިމްޕޯޓު ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މިހާރު ހުށަހަޅާފައި އޮތް ބިލު މަޖިލީހުން ފާސްކުރުމާއެކު ސިނގިރޭޓުން ނަގާ ޑިއުޓީ އަށް ރުފިޔާއިން ހަތަރު ރުފިޔާއަށް ތިރިވާނެ އެވެ. އަދި އެޑްވަލޮރަމް ރޭޓް (އަގުން ނަގާ އިންސައްތަ) 50 ޕަސެންޓުން 30 ޕަސެންޓަށް ދަށްވާނެ އެވެ. މި ބަދަލާއެލު ސިނގިރޭޓު ފޮށްޓެއްގެ އަގު ގާތްގަނޑަކަށް 250ރ. އިން އަނބުރާ 125ރ. އަށް ހެޔޮވާނެ އެވެ.
މި ސަރުކާރުންގެ އޮކްޓޯބަރު، 2024، ގައި ސިނގިރޭޓުގެ ޑިއުޓީ ދެ ގުނަ ރުފިޔާއަށް ބޮޑުކުރި އެވެ. އެ ފަހަރު މި ބަދަލު ގެނައީ ވޭޕް މަނާކުރުމަށާއި، ޖެނެރޭޝަން ބޭން ސިޔާސަތަށް އެއްބާރުލުން ދިނުމަށާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ފިޔަވަޅެއްގެ ގޮތުގަ އެވެ. ދުންފަތާ ގުޅިގެން ނިންމި ނިންމުންތަކަކީ ރައްޔިތުން ދެކެ ލޯބިވާތީ އަދި ރައްޔިތުންނަށް ހެޔޮ ގޮތް އެދޭތީ ނިންމި ނިންމެވުންތަކެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފަ ތިބި ބަޔަކަށް ވާން. އެކަމަށް ބާރުއެޅުމުގެ ގޮތުން އެ ހެޔޮ ނިޔަތުގަ އަޅުގަނޑު އެކަން ކުރަން ނިންމީ،" ޖެނުއަރީ 22، 2025 ގައި މުއިއްޒު ވިދާޅުވި އެވެ.
އެތައް ބަޔަކު ދެވިހިފާފައިވާ އެއްޗެއްގެ އަގު ދެގުނަ ބޮޑުކުރަން ސަރުކާރުން ނިންމިއިރު އެއްވެސް މަޝްވަރާއެއް ހިޔާލެއް ހޯދާފައި ނުވެ އެވެ. އެއީ ކުއްލި ގޮތަކަށް އިއުލާނު ކުރި ސިޔާސަތެކެވެ. އެއީ މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ދެއްކެވި ވާހަކައެއް ނޫނެވެ. އާންމުކުރި މެނިފެސްޓޯގައި ލިޔެފައި އޮތް ކަމެއް ނޫނެވެ. އެއީ 900 ސޮފުހާގެ ވައުދު ފޮތުގައި އޮތް ކަމެއް ނޫނެވެ.
ޑިއުޓީ ބޮޑުކުރުމާއި ކުޑަކުރަން ހުށަހެޅުމާ ދެމެދު މިވީ އެންމެ 18 މަސް ދުވަހެވެ. މިއީ މި ސަރުކާރުގެ އާންމު ސިއްހަތާ ގުޅޭ އެންމެ ފާހަގަކޮށްލެވޭ ސިޔާސަތުގެ އުމުރެވެ. އެއްވެސް މީހަކަށް މިހާތަނަށް ފެނިފައި ނުވާ ޑަބްލިއުއެޗްއޯގެ ލަފައެއްގެ ދަށުން ސިނގިރޭޓު އަގުހެޔޮކުރަން ސަރުކާރުން ހުށަހެޅުމަކީ ދުންފަތް އަގުބޮޑުކުރުމުގެ ސިޔާސަތު ފެއިލްވިކަމުގެ އިއުތިރާފެކެވެ. އަނެއްކާ ވެސް އާންމު އުސޫލުން ސަރުކާރުން ބޮޑު ޔޫ-ޓާންއެއް ނެގީ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު 2010 ގައި ވުޖޫދުވި ފަހުން އެކި ސަރުކާރުތަކުން ސިނގިރޭޓުން ޑިއުޓީ ނަގާ އަދަދު ފަސް ފަހަރު މަތިން ވަނީ ބޮޑުކޮށްފަ އެވެ. ޑިސެމްބަރު، 2011، ގައި އޭރު އޮތް އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކޮންމެ ސިނގިރޭޓަކުން 0.90ރ. ނަގަން ފެށި އެވެ.
ޖެހިގެން އައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން އެ ރޭޓު ބޮޑުކުރި އެވެ. އެޕްރީލް، 2015، ގައި ސިނގިރޭޓަކުން 1.25ރ. ނަގަން ފެށިއިރު މާޗު، 2017، ގައި އެ އަދަދު 2ރ. އަށް ބޮޑުކުރި އެވެ. އަދި 25 ޕަސެންޓުގެ ޑިއުޓީއެއް ނަގަން ފެށި އެވެ. އެ ނިންމުމާއެކު އޭރު 2.5ރ. ވިއްކަމުން އައި ސިނގިރޭޓެއްގެ އަގު 4ރ. އަށް އަދި ފޮށްޓެއްގެ އަގު 75ރ. އަށް ބޮޑުކުރި އެވެ.
އެ ސަރުކާރަށް ފަހު އައި އެމްޑީޕީގެ ދެވަނަ ސަރުކާރުން އޮގަސްޓު، 2020، ގައި އެ ރޭޓު 3ރ. އަށް ބޮޑުކުރި އެވެ. އޭގެ ސަބަބުން ސިނގިރޭޓު ފޮށްޓެއްގެ އަގު 105ރ. އާއި 112ރ. އާ ދެމެދުގެ އަގުތަކަކަށް އުފުލުނެވެ. އެ ސަރުކާރުތަކުން ދުންފަތުގެ ޑިއުޓީ ބޮޑުކުރުމުގެ މައިގަނޑު މަގުސަދަކީ އާމްދަނީ އިތުރުކުރުމެވެ.
ނަމަވެސް، ޕީއެންސީގެ ސަރުކާރުން ސިނގިރޭޓު ޑިއުޓީ ބޮޑުކުރީ އާމްދަނީ ހޯދުމުގެ ނިޔަތަކު ނޫން ކަމަށް އެކި ފަހަރު މަތިން ޕޯޑިއަމްގައި މުއިއްޒު ވިދާޅުވި އެވެ. މި ސަރުކާރުން އެ ޑިއުޓީއަށް ފަސް ރުފިޔާ އިތުރުކޮށް ކޮންމެ ސިނގިރޭޓަކުން 8ރ. ނަގަން ފެށި އެވެ. އެފަދަ ޝިޕްމެންޓުތަކުން ނަގަމުން އައި ޑިއުޓީ ވެސް 50 ޕަސެންޓަށް ބޮޑުކުރި އެވެ.
"ބައެއް ބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެން އެހާ ގިނަ ރައްޔިތުންތަކެއް ދެވި ހިފާފައި އޮތް ކަމެއްގައި ނާޖާއިޒު ފައިދާ ނަގައިގެން ފައިސާ ހޯދަންށޭ. ނޫން. އެއެއް ނޫން އަޅުގަނޑުގެ ނިޔަތަކީ އަދި ސަރުކާރުގެ ނިޔަތަކީ. އަޅުގަނޑުމެން ބޭނުންވަނީ މިކަމުން ރައްޔިތުން ދުރަށް ވަޑައިގަންނަވަން،" ސޯޝަލް ސެންޓަރުގައި ނޮވެމްބަރު 18، 2024 ގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގެ ފިހާރަތަކުން ސިނގިރޭޓު ފޮށްޓެއް މިހާރު ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގަ އެވެ. މީގެ ކުރިން 995ރ. އަށް ވިއްކަމުން އައި ސިނގިރޭޓު ކާޓަނެއްގެ އަގު 2،200ރ. އަށް ވުރެ މައްޗަށް އުފުލެނެވެ. މިއީ ރާއްޖެއަށް ސިނގިރޭޓު އެތެރެކުރަން ފެށިފަހުން އެންމެ ޑިއުޓީ ބޮޑުކުރި ފަހަރެވެ.
ކަސްޓަމްސްގެ އިމްޕޯޓު ނަންބަރުތަކަށް ބަލާއިރު ޑިއުޓީ ނުހިމަނައި ހަމައެކަނި އެތެރެކުރި ދުންފަތުގެ އަގަށް ބަލާއިރު 2004 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ނިޔަލަށް 337 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 5.2 ބިލިއަން ރުފިޔާގެ އަގުހުރި ދުންފަތުގެ ބާވަތްތައް އެތެރެކޮށްފައިވެ އެވެ. ރާއްޖެއަށް އިމްޕޯޓުކުރާ ދުންފަތުގެ ބޮޑު ބަޔަކީ ސިނގިރޭޓެވެ.
ކުރީ ސަރުކާރުތަކުން ޑިއުޓީ ބޮޑުކުރުމުން ވެސް ޖެހިގެން އައި އަހަރު އިމްޕޯޓުކުރި ދުންފަތުގެ އަގަށް ބަލާއިރު މާ ބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ. އެހެން ނަމަވެސް، މި ސަރުކާރުން ވަރަށް ބޮޑަށް ޑިއުޓީ ހިއްލާލުމުން 2025 އާއި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ކަސްޓަމްސްއަށް އެނގިގެން އެތެރެކުރި ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެގޮތުން، 2024 ވަނަ އަހަރު 23 މިލިއަން ޑޮލަރު (355 މިލިއަން ރުފިޔާ) ގެ ދުންފަތުގެ ބާވަތްތައް އެތެރެކުރިއިރު 2025 ވަނަ އަހަރު އެ އަދަދު 14 މިލިއަން ޑޮލަރު (216 މިލިއަން ރުފިޔާ) އަށް ވެއްޓުނެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު އެތެރެކުރި ދުންފަތުގެ ބާވަތްތަކުގެ އަގު އުޅެނީ ހަތަރު މިލިއަން ޑޮލަރު ނުވަތަ 61 މިލިއަން ރުފިޔާގަ އެވެ.
ސިނގިރޭޓު ޑިއުޓީ ބޮޑުކުރުމުގެ ކުރިން އޮކްޓޯބަރު، 2024، ގައި ހަ މިލިއަން ޑޮލަރުގެ ދުންފަތް ރާއްޖެއަށް އެތެރެކުރި އެވެ. ނަމަވެސް، ޖެހިގެން އައި ދެ މަހު އަދަދު ފަސް ލައްކަ ޑޮލަރަށް ވެއްޓުނެވެ. އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް 2025 ވަނަ އަހަރު އަންދާޒާކުރި ނަމަވެސް ތިން ބިލިއަން ރުފިޔާ އެވެ.
ސުވާލަކީ ރަސްމީކޮށް އިމްޕޯޓުކުރާ ދުންފަތުގެ ވެލިއު މިހާ ދަށްވެގެންދިޔައިރު ރާއްޖޭގައި ދުންފަތް ބޭނުންކުރާ މިންވަރު މަދުވެފައިވޭތޯ އެވެ.
އާންމު ބީދައިން ދިރާސާތަކެއް ހެދިފައި ނެތުމުން ރާއްޖޭގައި ދުންފަތުގެ ހާލަތު އޮތީ ކިހާ ހިސާބަކުކަން ބުނަން ދައްޗެވެ. އެހެން ނަމަވެސް، ޔަގީން ކަށަވަރުވާ ކަމަކީ އަގު ބޮޑުކުރުމާއެކު ރާއްޖޭގައި ދުންފަތުގެ ވަރުގަދަ ކަޅު ބާޒާރެއް އުފެދިފައިވާ ކަމެވެ. ސިނގިރޭޓު އަގުބޮޑުވުމާއި ވޭޕް މަނާކުރުމާއެކު އެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. ކޮންމެ މަހަކުހެން އަތުލައިގަންނަ ވަގު ސިނގިރޭޓު ޝިޕްމަންޓުތަކަކީ އޭގެ ހެއްކެކެވެ.
"[ދުންފަތުގެ ޑިއުޓީ ބޮޑުކުރުން] ވެގެންދިޔައީ ގައުމަށް. ރައްޔިތުންނަށް. އާންމު ރައްޔިތުންނަށް ބޮޑު މުސީބާތަކަށް ވެގެންދިޔައީ އިއްޒަތްތެރި ރައީސް. ވަގުން އިތުރުވީ. ވިޔަފާރިވެރިން ކުރާނެ އައު މޮޅު ވިޔަފާރިއެއް ގޮތަށް މި ގައުމުގަ އެހެން ގޮތަކަށް ނިޒާމު ބަދަލުވެގެންދިޔައީ،" ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ނޮވެމްބަރު 18، 2025 ގައި މަޖިލީހުގައި ވިދާޅުވި އެވެ.
ކުރިން ބާޒާރުން ލިބެން ނުހުންނަ ގިނަ މަރުކާތަކެއްގެ ސިނގިރޭޓު މިހާރު ލިބެ އެވެ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީ ގަމާ ހަމައަށް ހުރި ފިހާރަތަކާއި، ރެސްޓޯރަންޓުތަކާއި، ހޮޓާތަކާއި، ގާޑިޔާތަކުން ވަގު ސިނގިރޭޓު ބަރާބަރަށް ވިއްކާކަން އެއީ އެެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ބައެއް މަރުކާގެ ފޮށްޓެއް 80ރ. އަށް އަދި އަނެއް ބައި މަރުކާތަކުގެ ފޮށްޓެއް 100-120ރ. ދެމެދުގެ އަގުތަކަށް ލިބެ އެވެ.
ޑިއުޓީގެ ގޮތުގައި ކޮންމެ ސިނގިރޭޓަކުން ނަގާ 8ރ. ގެ ރޭޓުން ކޮންމެ ފޮށްޓަކަށް ޑިއުޓީގެ ގޮތުގައި އެކަނި ވެސް 160ރ. ދައްކަން ޖެހޭނެ އެވެ. އެ މަރުކާތަކުގެ އެއްވެސް ފޮށްޓެއްގައި, ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ލާޒިމުކުރާ ދިވެހިން ލިޔެފައި އޮންނަން ޖެހޭ ސިއްހަތުގެ އިންޒާރާއި ފޮޓޯ ވެސް ނުހުރެ އެވެ.
މިއިން އެއްވެސް ފޮށްޓެއްގައި ޑިއުޓީ ދައްކައިގެން ގަވާއިދުގެ ތެރެއިން ބާޒާރަށް ނެރެފައިވާ ސިނގިރޭޓެއް ނުހުރެ އެވެ. ހުސް ވަގު ސިނގިރޭޓެވެ. އެތައް ބިލިއަން ރުފިޔާއެއް ދައުލަތަށް ގެއްލުން ވަމުން ދަނީ އެވެ. އާންމު ރައްޔިތުންގެ ސިއްހަތު ކުރިއަށްވުރެ ބޮޑު ނުރައްކަލަކަށް ވަނީ ހުށަހެޅިފަ އެވެ.
ސިނގިރޭޓުގެ ޑިއުޓީ ކުއްލި ގޮތަކަށް ބޮޑުކުރަން މުއިއްޒު ނިންމެވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ މާސްޓާޕްލޭނެއް އެކުލަވާލާން އިދާރާތަކަށް އެންގިތާ ދުވަސްތަކެއް ފަހުންނެވެ. އޭރު އެ މާސްޓާޕްލޭން އެކުލަވާލުން އޮތީ އެންމެ ފުރަތަމަ މަޝްވަރާތަކުގެ މަރުހަލާގަ އެވެ. ރާއްޖޭގެ އާބާދީގެ 30 ޕަސެންޓަށް އަސަރުކުރާ ފަދަ ބޮޑު ނިންމުމެއް ސަރުކާރުން ގެނައީ ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި އެވެ.
"ހަމަ އެއް ދުވަހެއްގެ މެންދުރު ނިންމެވީ މިއަދު ދުންފަތުގެ އަގުބޮޑުކޮށްލަންވީއޭ. ސިއްހަތަށް އަންނަ މިފަދަ ބޮޑު އިންގިލާބެއް، ގައުމަކަށް ގެންނަ އިންގިލާބެއް، އެންމެ ރެޔެއްގެ ކާ މޭޒު ދޮށުގައި ހިނގާ ބަހުސެއްގެ ތެރެއިން [ގޮތް] ނިންމީމާ، ސިޔާސަތު އެކުލަވާލަންވީމައި ވާގޮތް މިއޮތީ ފެންނަން،" ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވި އެވެ.
އެ ނިންމެވުމުގައި މުއިއްޒު ދެން އެންމެ ބޮޑަށް ފާޑުވިދާޅުވީ ވިޔަފާރިވެރިންނަށެވެ. މުއިއްޒު ވިދާޅުވީ ސިނގިރޭޓު ވިޔަފާރި ކުރުމުގައި އުޅެނީ އިދިކޮޅު ފިކުރުގެ މީހުން ކަމަށާއި އެ މީހުން އެކި މުޒާހަރާތަކަށް ވެސް އެހީތެރިވާ ކަމަށް މުއިއްޒު އޭރު ވިދާޅުވި އެވެ.
"ސިނގިރޭޓު ވެސް ވިއްކުމުގައި މިއުޅެނީ އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ މީހުންގެ މީހުން އިނގޭތޯ. އެ މީހުން މި މުޒާހަރާތަކަށް ވެސް އެބަ އެހީދޭ،" ސިނގިރޭޓު ވިޔަފާރިތަކަށް އަމާޒުކޮށް އެޕްރީލް 2025، ގައި މުއިއްޒު ވިދާޅުވި އެވެ.
އެހާ ނުބައި ނުލަފާ ކަމެއްގެ ގޮތުގައި މުއިއްޒު ސިފަކުރެއްވި ކަންކަމަށް ދީލާލައި ސިނގިރޭޓުގެ ހެޔޮކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން ކަމަށް މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.
"އަޅުގަނޑުމެން ވިސްނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް އާދަޔާހިލާފު ބޮޑު އަދަދަކަށް މީހުން ވަދެގެން، ކުއްލިއަކަށް ހިނގައިދާނެ ފަދަ ދޮރެއް ހުޅުވިދާނެ ކަމަށް. އެހެންވީމާ އެކަން ހުއްޓުވުމަށް އަޅުގަނޑުމެން ގެނައި ބަދަލެއް، ބަދަލެއް ގެނެސްފައި، މިހާރު މި ގެންނަ ބަދަލަކީ ފަހަތަށް އަޅާ ފިޔަވަޅެއް ނޫން،" ޖޫން 29، ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވި އެވެ.
ދުންފަތުގެ އަގުހެޔޮކުރަން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އޭގެ އަގުބޮޑުވުމުގެ ސަބަބުން އެ ބޭނުންކުރަމުންދިޔަ މީހުން ރައްކާތެރި ނޫން ތަކެއްޗަށް ބަދަލުވުން ހިމެނޭކަމަށް ސަރުކާރުގެ ފަރާތުން މުއިއްޒު އެއްބަސްވެވަޑައިގަތެވެ.
"ދުންފަތުގެ އިސްތިއުމާލު ކުރުން އާދަވެފައި ތިބި ފަރާތްތައް އެބަ ބޭނުންކުރޭ މާ ބޮަޑަށް ސިއްހަތަށް ގެއްލުންވާ ކަހަލަ އެއްޗެހި، މާ ބޮޑަށް ލަންގްސް ހަލާކުވާ ކަހަލަ އެއްޗެހި. އެހެންވެ އެއަށް ދިޔުން ހުއްޓުވުމަށްޓަކައި ވެސް މި ސްޓެޕް އަޅުގަނޑުމެން އެބަ ނަގަން،" މުއިއްޒު ވިދާޅުވި އެވެ.
----
ސިނގިރޭޓު ޑިއުޓީއަށް ދޮޅު އަހަރު ތެރޭ ވެގެންދިޔަ ގޮތުން ސާފުވެގެންދިޔައީ ހައްސާސް ސިޔާސަތުތައް އެކުލަވާލުމުގައި މި ސަރުކާރުގެ ދުރު ވިސްނުމެއް އަދި އެކަށީގެންވާ ޕްލޭނެއް ނެތް ކަމެވެ. ގައުމީ ފެންވަރުގެ ބޮޑެތި ސިޔާސަތުތަކަކީ ހަމައެކަނި "ޓްރަޔަލް އެންޑް އެރާ" ގެ އުސޫލުން ގެންނަ ބަދަލުތަކެއްގެ ގޮތުގައި ހެދުމުގެ ނަތީޖާއަކީ، ސަރުކާރުގެ ނިންމުންތަކާއި ސިޔާސަތުތަކަށް އޮންނަ އިތުބާރު މުޅިން ގެއްލި، ދައުލަތުގެ ހިންގުން ބޮޑު ސަކަރާތަކަށް ވުމެވެ.
ދައުލަތަށް ލިބެންވީ ބިލިއަނުން ގުނޭ ޑިއުޓީގެ އާމްދަނީ ގެއްލި، ގަވާއިދާ ހިލާފަށް އެތެރެކުރާ، ސިއްހީ އިންޒާރު ވެސް ނެތް ވަގު ސިނގިރޭޓުން މުޅި ގައުމު ފުރުނުއިރު ވެސް، ގާނޫނު ތަންފީޒު ކުރުމުގައި ސަރުކާރު އޮތީ ފެއިލްވެފަ އެވެ. އަމިއްލަ ނުކުޅެދުންތެރިކަމާއި ގާނޫނު ހިންގުމުގެ ބަލިކަށިކަން ފޮރުވުމަށްޓަކައި، އަނެއްކާ ވެސް ޑިއުޓީ ކުޑަކުރަން ހުށަހެޅުމަކީ ދުންފަތުގެ ވަގު ވިޔަފާރި ކުރާ ފަރާތްތަކަށް ސަރުކާރުން ދިން ބޮޑު ހަދިޔާއެކެވެ.
އެންމެ ބޮޑު މަލާމާތަކީ، ޑިއޓީ ބޮޑުކުރީ ވެސް ރައްޔިތުންނަށް އޮތް ލޯތްބެއްގެ ސަބަބުން ކަމަށް ދެއްކުމަށް ފަހު، މިއަދު އަގުހެޔޮކުރަނީ ވެސް ހަމަ ރައްޔިތުންނަށް ޓަކައި ކަމަށް ބުނެ ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެކެވެ.
ދުންފަތުން ނަގާ ޑިއުޓީގެ ޔޫ-ޓާނަކީ މުއިއްޒުގެ ސިޔާސަތު ފެއިލުވީކަމުގެ އިއުތިރާފެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ