4 ފަހަރަށް ސިޓީ ފޮނުވައިގެން ވެސް މާރުކޭޓުގެ މަސައްކަތަށް ސިޓީ ކައުންސިލުން ބިން ދޫނުކުރި: މިނިސްޓްރީ
ދެމަސް ދުވަސް ވީއިރު ހަތަރު ފަހަރު މަތިން ސިޓީ ކައުންސިލަށް ސިޓީ ފޮނުވުނު ކަމަށާއި, 'ވެޓް މާކެޓް ކޮމްޕްލެކްސް'ގެ މަސައްކަތް ނުފެށިގެން އުޅެނީ ސިޓީ ކައުންސިލުން އެތަން ތަރައްގީކުރުމަށް ބޭނުންވާ ބިން ދޫނުކޮށްގެން ކަމަށް އިންފްރަސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވޮލޮޕްމެންޓް މިނިސްޓްރީއިން މިއަދު ބުނެފިއެވެ. ހައުސިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ މާލެ 'ވެޓް މާކެޓް ކޮމްޕްލެކްސް' ތަރައްގީކުރުމަށް ބޭނުންވާ ބިން ހަވާލުކުރުމަށް އެދި މިނިސްޓްރީން ތަކުރާރުކޮށް މާލެ ސިޓީ ކައުންސިލްގައި އެދުނު ކަމަށެވެ. އަދި މިނިސްޓްރީއާ ކައުންސިލާ ދެމެދު ހިނގައިދިޔަ މުއާމަލާތްތަކުގެ ތަފްސީލު ވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން: މާރިޗު 29، 2026 ގައި ބިން ހަވާލުކުރުމަށް އެދި ފުރަތަމަ ސިޓީ ފޮނުވުންއޭޕްރީލް 11، 2026 ގައި ފައިނޭންސް ހަމަޖެހުމާއެކު ބިމަށް ވަނުމުގެ ހުއްދައަށް ކޮންޓްރެކްޓަރު އެދުން އޭޕްރީލް 12، 2026 ގައި އެ މަހުގެ 18ގެ ކުރިން ބިން ހަވާލުކުރުމަށް އެދި ދެވަނަ ސިޓީ ފޮނުވުން އޭޕްރީލް 30، 2026 ގައި ބިން ހަވާލުކުރުމުގެ ކުރިން މާލެ ސިޓީގެ މޭޔަރު، މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންވާކަމަށް ބުނެ ކައުންސިލުން ޖަވާބުދިނުން މޭ، ތިނެއް، 2026 ގައި މޭމަހުގެ ހަތްވަނަ ދުވަހުގެ ކުރިން ބިން ހަވާލުކުރުމަށް އެދި ތިންވަނަ ސިޓީ ފޮނުވުން މޭ، 18، 2026 ގައި 31 މޭގެ ކުރިން ބިން ހަވާލުކުރުމަށް އެދި ހަތަރުވަނަ ސިޓީ ފޮނުވުން މިނިސްޓްރީން ވަނީ ދެމަސް ވެގެންދިޔައިރު، ހަތަރު ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލުން މިހާތަނަށް މިނިސްޓްރީއަށް ބިން ހަވާލުކޮށްފައި ނުވާކަން ފާހަގަކޮށްފައެވެ. މި މަޝްރޫއުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތަށް ތައްޔާރުވެފައިވާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ހަމައެކަނި މަސައްކަތް ނުފެށި އޮތް ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް، މިނިސްޓްރީއާ ހަވާލުނުކޮށް އޮތުން ކަމަށެވެ. ޖުމްލަ 600 ދުވަހުގެ ތެރޭގައި އެންމެހާ މަސައްކަތްތައް ނިންމުމަށް ކަނޑައަޅާފައިވާ އެ މަޝްރޫއަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއެއް ކަމަށާއި މަސައްކަތް ލަސްވާ ކޮންމެ ދުވަހަކީ މަޝްރޫގެ އަގު ބޮޑުވެ، ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތަކުން މަހުރޫމުވާ ދުވަހެއްކަން ވެސް މިނިސްްޓްރީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް މި މަޝްރޫއު ވީ އެންމެ އަވަހަށް ފެށުން ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ޒަމާނީ މާކެޓް ކޮމްޕްލެކްސްގެ ކުރެހުމެއް: އެ މާރުކޭޓުގެ މަސައްކަތް ލަސްވަނީ ބިން ނުދޫކުރާތީ ކަމަށް މިނިސްޓްރީން ބުނެފި -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ ލޯކަލް މާރުކޭޓް ހުރި ބިމުގައި ޒަމާނީ މާކެޓް ކޮންޕްލެކްސްއެއް ތަރައްގީކުރަން މިނިސްޓްރީން 'ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ' ހަވާލުކޮށްފައި ވަނީ ނިމުނު މާޗު މަހުގެ 15 ވަނަ ދުވަހުގައެވެ. މީގެ ކުރިން މިނިސްޓްރީއިން އެ ޕްރޮޖެކް ހަވާލުކޮށްފައިވަނީ 126 މިލިއަނަށް ނަމަވެސް މިހާރު ވަނީ އެ އަދަދު 116 މިލިއަނަށް ދައްކޮށްފައެވެ. https://sun.mv/219228 މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަ ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުމާއި ބޭސްމަންޓުގައި ޕާކުކުރެވޭނޭ ފަދަ ޕާކިން އޭރިއާއަކާއި، ގްރައުންޑް ފްލޯގައި މަސް މާރުކޭޓަކާއި ފުރަތަމަ ތިން ފްލޯގައި ތަރުކާރީ ވިއްކާ މާރުކޭޓެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ. އަދި، ހަތަރުވަނަ ފްލޯގައި ފުޑްކޯޓެއް ތަރައްގީކުރަން ވަނީ ނިންމާފައެވެ. މި މަޝްރޫގެ ދަށުން ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވާއިރު، ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ 50 މަސްދުވަހަށް ބަހާލައިގެންނެވެ. އަދި އިމާރާތް ނިމޭއިރު ހަ ފަންގިފިލާގެ މައްޗަށް އެކުލޭވޭ ގާތްގަނޑަކަށް 85،000 އަކަފޫޓުގެ ޖާގަ ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ