ފާޑުކިޔުން އަމާޒުވުމުން ޓްރާންސްޕޯޓް ހިދުމަތް އަލުން ދޭން އަންގައިފި

ފާޑުކިޔުން އަމާޒުވުމުން އެލްޖީއޭއިން އަންގައިގެން މެދުކަނޑާލި ޓްރާންސްޕޯޓް ހިދުމަތް އަލުން ދޭން ހދ އަތޮޅު އެލްޖީއޭ އޮފީހަށް އަންގައިފި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން، އަތޮޅު ކައުންސިލް އިދާރާތަކުގެ ނަން ލޯކަލް ކައުންސިލް އިދާރާ އޮފީގެ ނަމަށް ބަދަލުކޮށް އެތަންތަނުން ދެމުންއައި މުހިންމު ހިދުމަތްތަކެއް ވަނީ މެދުކަނޑާލާފައެވެ.
އެގޮތުން ހދ އަތޮޅު ކައުންސިލުގެ ނަން އެލްޖީއޭ ހދ އަތޮޅު އޮފީހުގެ ނަމަށް ބަދަލުވުމާ ގުޅިގެން އެ އޮފީހުން ކުރިން ދެމުންދިޔަ ޓްރާންސްޕޯޓް ހިދުމަތުގެ އިތުރުންވެސް އެހެން ހިދުމަތްތަކެއް މެދުކަނޑާލިއެވެ.
މިދިޔަ ބުދަ ދުވަހު އެ އޮފީހުން ކުރި އިއުލާނުގައި ބުނީ "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އައިސްފައިވާ ބަދަލާގުޅިގެން އެ އޮފީހުން ދެމުންދިޔަ ޓްރާންސްޕޯޓް ހިދުމަތް ހުއްޓާލަން ޖެހިފައިވާކަމަށެވެ."
އެ އޮފީހުގެ ގިނަ މުވައްޒަފުންތަކެއް ކޭއޯއަށް އެ ދުވަހު ވާހަކަ ދައްކަމުން ބުނީ އެލްޖީއޭއިން އެ ގޮތައް އެ ހިދުމަތްތައް ހުއްޓާލަން އަންގާފައިވާކަމަށެވެ.
ނަމަވެސް ފާޑުކިއުންތައް އަމާޒުވުމުން ލޯކަލް ގަވަމަންްޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ މުހައްމަދު ނިމާލް މިއަދު ސަން އޮންލައިން މީޑިއާއަށް ވިދާޅުވީ އެލްޖީއޭ ކުޅުދުއްފުށީ ބްރާންޗުން އެ ހިދުމަތްތައް މެދުކނޑާލަން އެންގީ ހުއްދަ ނުހޯދައި ކަމަށާއި، ކުރިޔެކޭވެސް އެއްގޮތަށް ހުރިހާ ހިދުމަތްތަކެއް ދިނުމަށް މިހާރު އަންގައިފައިވާ ކަމަށެވެ. އިތުރަށް ނިމާލު ވިދާޅުވީ ކުޅުދުއްފުށީ ބްރާންޗަށް އެފަދަ އިއުލާނެއް ނުނެރެވޭނެ ކަމަށާއި، އެ ބްރާންޗުން ހިދުމަތް ހުއްޓާލިކަން އެނގުނީވެސް އިއުލާން ނެރުނު ފަހުން ކަމަށެވެ.
އިތުރަށް ނިމާލު ވިދާޅުވީ ހިދުމަތްތައް ހުއްޓާލަން ނުވަތަ މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އެކަން ބްރާންޗްތަކަށް ލިޔުމުން އަންގާނެ ކަމަށެވެ.
ނިމާލު މިފަދަ ވާހަކަ ދެއްކިނަމަވެސް އެތަނުން ދެމުންދިޔަ ޓްރާންސްޕޯޓްގެ ހިދުމަތްތައް މެދުކަނޑާލީ އެލްޖީއޭއިން އަންގައިގެން ކޭއޯއަށް އެ އިދާރާއިން ވާހަކަދެއްކި މުވައްޒަފުން މައުލޫމާތުދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ