ހައި ކޯޓުން ކައިޒީން އަށް ކާމިޔާބީއެއް

މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ކުރާ ދައުވާގައި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކުރުމާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހީމް އަލީފުޅާ ދެކޮޅަށް ދައުވާކުރީ އޭނާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ އެވެ.
 ކައިޒީން ދައުވާކުރަނީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
 ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ހުށަނާޅައިފި ނަމަ ޣައިރު ހާޒިރުގައި ހުކުމް ކުރަން އެދެވިދާނެ ކަމަށް ގާނޫނުގައި ބުނާއިރު މި މައްސަލާގައި އެގޮތަށް ޖަވާބު ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ، ގާނޫނު އޮތްގޮތުން އެ މައްސަލައަކީ އިތުރު ފުރުސަތެއް ދިނުމެއް ނެތި ޣައިރު ހާޒިރުގައި ހުކުމް ކުރަން ޝަރުތު ފުރިހަމަވާ މައްސަލައެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ
އެހެންވެ، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކުރާ ކަމަށެވެ. އަދި އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް ކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލުކުރާ ކަމަށް ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ