މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފި
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވައިލައިފިއެވެ. މި އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" މި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 15ވާ ހޯމަ ދުވަހުގެ މެންދުރުފަހު 02:00 އާ ހަމައަށް ވަނީ ހުޅުވައިލައިފައެވެ. އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށާއި، އިނާމަށް ހުށަހަޅާ ލިޔުންތަކަކީ، އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށްޓަކައި އިނާމު ދިނުމާގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމަށް ސަމާލުކަން ދިނުމަށް ޚާއްސަ އިނާމާބެހޭ ކޮމިޓީން ވަނީ އެދިފައެވެ. ގައުމީ ތަރައްގީއަށް މަސައްކަތް ކުރައްވާ ފަރާތްތަކުގެ ކާމިޔާބީ ފާހަގަކޮށް، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންދޭ މި އިނާމާ ގުޅޭ އުސޫލު ވެސް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. ރައީސް ދެއްވާ މި ޚާއްސަ އިނާމު، މިއަހަރު ވެސް ދެނީ ހަތަރު ގިންތިއަކުންނެވެ. އެއީ: މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް ދޭ އިނާމު: މި ގިންތީގައި ހިމެނެނީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް، ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ. ރާއްޖެ ތަމްސީލުކުރުމަށްޓަކައި ބައިވެރިވާ ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގްވާމީ މިނޫންވެސް މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތައް ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތައް ހުނަރުވެރި، ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކުގެ ގިންތި: މި ގިންތިން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި އިނާމު ދެއްވާނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ