މާލިއްޔަތު ކޮމިޓީން ޝުޖާއު ވަކިކޮށްފި
ސަރުކާރު ހިންގާ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއު (ޝުޖާ)އާ ގުޅޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން އެކުލަވައިލި ރިޕޯޓެއް ލީކުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށް އޭނާ މާލިއްޔަތު ކޮމިޓީން މިއަދު ވަކިކޮށްފި އެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ކޮމިޓީތަކަށް ގެނައި ބަދަލުތައް އިއުލާނުކުރައްވައިފަ އެވެ.މާލިއްޔަތު ކޮމިޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ ޝުޖާއުގެ ބަދަލުގައި ގުރައިދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ހަމަޖައްސާފައިވާކަން ރިޔާސަތުން އިއުލާނު ކުރެއްވި އެވެ.އަދި ގައުމީ ތަރައްގީ އާއި ތަރިކަ ކޮމެޓީގައި ޕީއެންސީ ތަމްސީލު ކުރައްވާ އިބްރާހިމް ދީދީގެ ބަދަލުގައި އެ ކޮމެޓީއަށް ޕީއެންސީ ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ޝުޖާއު ހަމަޖައްސަވާފައިވާ ކަން ވެސް އަބްދުއްރަހީމް ވަނީ އިއުލާނުކުރައްވައިފަ އެވެ.ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ފެންމަތިވެފައި އޮއްވައި އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް އިއްޔެ ވަނީ މަގާމުން ދުރުކޮށްފައެވެ. އަދި، އެ މަގާމަށް އިސްމާއިލް ސާޖިދު ވަނީ އައްޔަންކޮށްފައެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހާ ޖެހެންދެން އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގަ އެވެ. ލީކުވެފައިވާ ރިޕޯޓުގައި ވަނީ ނޮވެންބަރު އެކެއް، 2023 އިން ފެށިގެން ޖަނަވަރީ 10، 2024ގެ ނިޔަލަށް ހިނގާފައިވާ މުއާމަލާތްތަކެކެވެ. އެ މުއްދަތުގެ ތެރޭގައި 42 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ