އައިޕީއެލްގެ އެންމެ އަގުބޮޑު ޓީމަކީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އައިޕީއެލްގެ އެންމެ އަގުބޮޑު ޓީމަކީ ރޯޔަލް ޗެލެންޖާސް ބެންގަލޫރު

ނިއު ދިއްލީ، އިންޑިއާ (ޖުލައި 9) - ދުނިޔޭގައި އެންމެ ފޯރިގަދަކޮށް ކުރިއަށްގެންދާ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ އަގުބޮޑު ޓީމަކީ، އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީގެ ކުރިން، އެއް ވަނަ މަގާމުގައި، އޮތް މަހިންދުރަ ސިންގް ދޯނީ ކުޅޭ، ޗެންނާއި ސުޕަ ކިންގް ވަނީ މި ފަހަރު ތިން ވަނަ އަށް ވެއްޓިފަ އެވެ. އައިޕީއެލްގެ 18 އަހަރުވީ ތާރީހުގައި ފުރަތަމަ ފަހަރަށް ތަށި ހޯދި ބެންގަލޫރުން އެއް ވަނައިގައި އޮތްއިރު، އެ ޓީމުގެ އަގަކީ، 269 މިލިއަން ޑޮލަރެވެ.
ދެ ވަނައިގައި، އޮތީ އަމްބާނީ އާއިލާ އިން ހިންގާ، މުމްބައި އިންޑިއަންސް އެވެ. އެ ޓީމުގެ އަގު އުޅެނީ، 242 މިލިއަން ޑޮލަރުގަ އެެވެ. ޗެންނާއީ ތިން ވަނަ އަށް ވެއްޓުނުއިރު އަގު އުޅެނީ، 235 މިލިއަން ޑޮލަރެވެ. ހަތަރެއްގައި އޮތް، މަޝްހޫރު ފިލްމީ ތަރި، ޝާހުރުކްހާންގެ ހިއްސާ އޮންނަ ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް)ގެ އަގަކީ، 227 މިލިއަން ޑޮލަރެވެ. އަދި، ގަދަ ފަހެއްގެ ފަހު ޖާގަ ލިބެނީ، 154 މިލިއަން ޑޮލަރުގައި އޮތް ސަންރައިޒާސް ހައިދަރުއާބާދަށެެވެ.
ޖުމްލަ އެކު، މުޅި އައިޕީއެލްގެ އަގު މި ފަހަރުގެ ސީޒަނުގައި، 12.9 ޕަސެންޓް ކުރިއެރުން ލިބުނެވެ. އެއީ، 18.5 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ. އައިޕީއެލް މުޅި ފްރެންޗައިސްގެ ޖުމްލަ އަގަކީ، 3.9 ބިލިއަން ޑޮލަރެވެ.
ދިހަ ޓީމު ކުޅޭ އައިޕީއެލްގެ އެންމެ ފުލުގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސްގެ އަގަކީ، 122 މިލިއަން ޑޮލަރެވެ. ބޮލީވުޑްގެ އަންހެން ތަރި، ޕްރިތީ ޒިންތާގެ ޕަަންޖާބް ސުޕަ ކިންގްސް މި އަހަރުގެ ފައިނަލުގައި ކުޅުނުއިރު، އެ ޓީމު ނުވަ ވަނައިގައި އޮތީ، 141 މިލިއަން ޑޮލަރުގެ އަގަކާ އެކު އެވެ.
ފުރަތަމަ ފަހަރަށް އައިޕީއެލްގެ ޗެމްޕިއަންކަން ހޯދައި، ކުރިއަށްގެންދިޔަ އުފާފާޅުކުރުމުގެ ތެރެއިން، 11 މީހުން މަރުވި މައްސަލައިގައި، އައިޕީއެލް އިން ބެންގަލޫރު ސަސްޕެންޑްކޮށްފާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ