ތިނަދޫ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރި މައްސަލަ ސިވިލް ކޯޓަށް

ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.
ވީކިހިނެއް؟ - މޭޔަރާއި ޑެޕިއުޓީ މޭޔަރު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމީ ސިޓީ ކައުންސިލަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލަތަކެއް އެ އޮތޯރިޓީން ބެލުމަށް ފަހު، އެ އެތޯރިޓީގެ ބޯޑު ބައްދަލުވުމަކުންނެވެ.
ބުނީ ކީކޭ؟ - ތިނަދޫގެ މޭޔަރު ސައުދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ކޯޓުގައި އެ ކައުންސިލުން އެދިފައިވަނީ އެ ފިޔަވަޅުތައް އެޅުމަށް އެލްޖީއޭން ނިންމީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުން ބާތިލްކޮށްދިނުމަށެވެ.
އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރަށް މި ފިޔަވަޅު އެޅީ، މޭޔަރު ސައުދު ތުހުމަތުކުރައްވާ ގޮތުގައި، ސަރުކާރުގެ ބޭފުޅުން ގިނަ އެލްޖީއޭން ސިޔާސީ މަގުސަދެއް އޮވެގެނެވެ.
"ވަރަށް ގިނަ ދުވަސް ވެއްޖެ އަޅުގަނޑުމެންނަށް ފިޔަވަޅެއް ނޭޅިގެން އުޅޭތާ، ހާއްސަކޮށް އަޅުގަނޑާއި ޑެޕިއުޓީ މޭޔަރާއި އަދި ކައުންސިލަރުންނާ މެދު ވެސް ވަރަށް ޒާތީ ހަސަދައެއް ބާއްވައިގެން ސިޔާސީ ސަކަރާތްގަނޑެއް މި ހިންގަނީ،" ސައުދު ވިދާޅުވި އެވެ.
ތަފްސީލް - އެލްޖީއޭން މިދިޔަ 25 ޖޫންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާގެ ޑިރެކްޓަރު އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ތިނަދޫ ސިޓީ ކައުންސިލަށް ތުހުމަތުކުރެވޭ 19 މައްސަލައެއްގެ މައްޗަށް ތަހުގީގު ހިންގައި ރިޕޯޓެއް އެކުލަވާލާފައިވެ އެވެ.
އެއިން ފާހަގަކޮށްލެވޭ މައްސަލަތަކަކީ:
ދައުލަތުގެ އިދާރާތަކުން، ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލާ މައްސަލަ
ތިނަދޫއިން އެހެން ރަށްތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5،000ރ.ގެ ފީއެއް ނަގާ މައްސަލަ
އެ ފީ ނެގުން ހުއްޓާލުމަށް އެލްޖީއޭއިން އެންގުމުން އެ އަށް އަމަލު ނުކުރާ މައްސަލަ
އަތޮޅު ކައުންސިލާއި ދައުލަތުގެ އެހެން އިދާރާތަކުން ކައުންސިލުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ
އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރާ މައްސަލަ
ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ކައުންސިލުގެ ބިޑު ކޮމިޓީ އާއި ބިޑު އިވެލިއުޝަން ކޮމިޓީއަށް އެލަވަންސް ދޭ މައްސަލަ
އެންޓި ކޮްރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަކަށް އެއްބާރުލުން ނުދިން މައްސަލަ
ކައުންސިލުގެ އޮފިޝަލުން ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވައްޓާލަން ޕޯސްޓުކުރާ މައްސަލަ
200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުމާއި އެކަން ނުކުރަން އެންގި އެންގުމަށް އަމަލުނުކުރާ މައްސަލަ
ރަށުން ދޫކުރި ފްލެޓްތަކަށް ވަޅު ފެން ނުލިބޭތީވެ، އެކަމާ ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލްގެ މޭޔަރާ ބައްދަލު ކުރަން އެދުމުން ބައްދަލު ނުކުރި މައްސަލަ
މޭޔަރަށް ތުހުމަތުވާ އެހެން ޝަކުވާތަކުގެ ތެރޭގައި ކައުންސިލުން އިއުލާނުކޮށްގެން ހަދާފައިވާ މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ ސައުދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރި މައްސަލަ ވެސް ހިމެނޭ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ. 
ތިނަދޫއަށް ސިޓީގެ ދަރަޖަ ނުލިބެނީސް ވެސް ސިޓީ ކައުންސިލްގެ މެންބަރަަކަށް ލިބޭ މުސާރަ އާއި އިނާޔަތްތައް އެ މެންބަރުން ނެގި ކަމަށް ބުނާ މައްސަލަ ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސް ގާނޫނާއި މާލިއްޔަތު ގަވައިދު އަދި އެހެން ވެސް ގާނޫނުތަކާ ހިލާފަށް ބައެއް ކަންކަން ކައުންސިލުން ކުރި ކަމަށް ބުނާ މައްސަލަތައް ވެސް އެ 19 ކަންތަކުގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން:
ވޭޖް އުސޫލުން އިއުލާން ކުރުމެއް ނެތި، ކައުންސިލަށް މުވައްޒަފުން ނަގާ މައްސަލަ
މާލިއްޔަތު ގާނޫނާ ހިލާފަށް ކައުންސިލުން ހިންގާ ޕްރޮކިއުމަންޓްތައް ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މައްސަލަ
ވަކި ފަރާތަކަށް މަންފާވާ ގޮތަށް ކައުންސިލަށް ލޯންޗެއް ގަތުމަށް ޕްރޮކިއުކޮށްފައިވާ މައްސަލަ
ކައުންސިލް މެންބަރު އަދި ކުރީގެ ލަވަކިޔުންތެރިޔާ އަބްދުﷲ ޒަލީފް މުހައްމަދު ސާބިތު ދަރަންޏެއް އޮތް މައްސަލަ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ޖީޒާ ހަސަން އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެ، އެލަވަންސް ނަގާ މައްސަލަ
އެކަންކަމަށް ރިއާޔަތްކޮށް، މޭޔަރު ސައުދު ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ އެއް މަސްދުވަހަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑްކުރި އެވެ. 
 ދެން ނިންމާފައިވަނީ ހަތަރު ކައުންސިލަރުންނަށް ނަސޭހަތްތެރިވުމަށާއި އެ ކައުންސިލަރުންނަށް މުސާރައިގެ ގޮތުގައި އިތުރަށް ލިބިފައިވާ ފައިސާ ދެ މަސް ތެރޭ ދެއްކުމަށް އެންގުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
ކައުންސިލް މެންބަރު އަހުމަދު ވަހީދު
ކައުންސިލް މެންބަރު އާމިނަތު ނަސީމާ
ކައުންސިލް މެންބަރު އަހްމީމާ އަހްމަދު
ކައުންސިލް މެންބަރު މުހައްމަދު ޒަލީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ