މާލެ ސަރަހައްދުން ބިން ހިއްކުން އަވަސްކުރަން 3 ޑްރެޖަރު ގެންނަނީ

ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތަށް އަންނަ އޮކްޓޯބަރުގައި އިތުރު ތިން ޑްރެޖަރު ގެންނާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރުން މާލެ ސަރަހައްދުން އިތުރު ބިންތައް ހިއްކުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އޭގެ ތެރޭގައި ކުރީ ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ރާވާފައިވާ މަޝްރޫއުތައް ހިމެނެ އެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތްތައް މެދުކެނޑި، ތާވަލާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށްނުދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ތަފްސީލު - އެޗުޑީސީއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ފޭސް 3، ގިރާވަރުފަޅު، ގުޅިފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި ތިން ޑްރެޖަރު ބޭނުންކުރަން ފަށަން ރާވާފައިވާ ކަމަށެވެ. އެއީ:
45،000 ޓަނުގެ 2 ހޮޕާ ޑްރެޖަރު
11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް
ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެެއްނެތި ވީހާ ވެސް އަވަހަށް ކުރިއަށްގެންދިއުމަށްޓަކައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ދުރާލާ ދެނެގަނެ، އެކަންކަން ހައްލުކުރަން ކަމާ ބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗުޑީސީއިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ