ލެބްރަން ޖޭމްސް އަށް ހުއްޓުމެއް ނެތް؛ 23 ވަނަ ސީޒަނަކަށް ތައްޔާރު ލެބްރަން ޖޭމްސް އަށް ހުއްޓުމެއް ނެތް؛ 23 ވަނަ ސީޒަނަކަށް ތައްޔާރު

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 30) - ލޮސް އެންޖެލްސް ލޭކާސް (އެލްއޭ ލޭކާސް) އަށް ކުޅެމުން އަންނަ ބާސްކެޓްބޯޅަ ލެޖެންޑް، ލެބްރަން ޖޭމްސް، ރިޓަޔާކުރުމުގެ ވިސްނުން ލަސްކޮށްލައި، ރެކޯޑް 23 ވަނަ ސީޒަނެއްގައި ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް އިއުލާނުކޮށްފި އެވެ.
ފަސް ވަނަ ފަަހަރަށް އެންބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރަން ޖޭމްސް، 40، މި ނިމުނު ސީޒަނުގައި ކުރި މަސައްކަތް ނާކާމިޔާބުވިއިރު، ކެރިއަރު ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ގޮތެއް ނިންމަން އާއިލާއާ މަޝްވަރާ ކުރާނެ ކަމަށް އިއުލާނުކުރި އެެވެ. އަދި، އާއިލާއާ ވާހަކަ ދެއްކުމަށް ފަހު، ކުރިއަށް އޮތް ސީޒަނުގައި ވެސް ކުޅޭ ގޮތަށް ޖޭމްސް ނިންމީ އެވެ.
މި ގޮތަށް ޖޭމްސް ނިންމީ، ލޭކާސް އިން، 53 މިލިއަން ޑޮލަރުގެ ޕްލޭޔާ އޮޕްޝަން އެކްޓިވޭޓްކުރަން ނިންމުމާ އެކު އެވެ.
ޖޭމްސް ކެރިއަރު ފެށީ 2003 ވަނަ އަހަރު، ކްލެވަލޭންޑް ކަވަލިއާސްއާ އެކު އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު މިއާމީ ހީޓާ ގުޅި، އެ ޓީމާ އެކު، ދެ ފަހަރު އެންބީއޭ ކާމިޔާބުކުރި އެވެ
.
އެނބުރި، ކްލެވަލޭންޑަށް ގޮސް، 2016 ވަނަ އަހަރު އެ ޓީމަަށް ފުރަތަމަ ފަހަރަށް އެންބީއޭ ކާމިޔާބުކޮށްދިނެވެ. ލޭކާސްއާ 2018 ވަނަ އަހަރު ގުޅުމަށް ފަހު، އެ ޓީމަށް ކުޅެމުން އަންނަ ޖޭމްސް ވަނީ، 2020 ވަނަ އަހަރު އެ ޓީމާ އެކު، އެންބީއޭ ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ސީޒަނުގައި ޖޭމްސް ވަނީ، އެންބީއޭގައި 50،000 ޕޮއިންޓް ހަމަކުރި ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. ފާއިތުވި ސީޒަނުގައި މުގުރާލި ދެން ހެދި ހާއްސަ ރެކޯޑަކަށް ބަލާއިރު، އެންމެ ގިނަ މެޗު 30 ޕޮއިންޓަށް ވުރެ ގިނައިން ސްކޯކޮށްގެން، މައިކަލް ޖޯޑަން 2003 ވަނަ އަހަރު ހެދި ރެކޯޑް ވެސް ވަނީ މުގުރާލައިފަ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރުގެ ޕްރީ ސީޒަަން މެޗެއްގައި ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު މެޗެއްގައި، އެލްއޭ ލޭކާސް ޓީމަށް ޖޭމްސް އާއި އޭނާގެ ދަރިފުޅު، ބްރޯނީ ޖޭމްސް އެކުގައި ފުރަތަަމަ ފަހަރަށް ރަސްމީ މެޗެއްގައި ކުޅެ ތާރީހީ ކަމެއް ހާސިލްކުރި އެެވެ. މީގެ ކުރިން ބައްޕަ އާއި ދަރިފުޅު، އެންބީއޭ ލެވަލްގެ އެއްވެސް މެެޗެއްގައި އެކުގައި ކުޅެފައި ނުވެ އެވެ. އެހެންކަމުން، ޖޭމްސް ދެބަފައިންނަށް މި ހާސިލްކުރެވުނީ ތާރީހީ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ