އަރަބި ކުލަބް ޗެންޕިއަންސް ކަޕްގެ ކުއާޓާ ފައިނަލުން އަލް އިއްތިހާދު ޖާގަހޯދައިފި

މިހާރު ކުރިއަށްދާ އަރަބި ކުލަބް ޗެންޕިްއަންސް ކަޕްގެ ގްރޫޕް އޭގައި ސައުދީގެ އަލް އިއްތިހާދު އާއި އިރާޤުގެ އަލް ޝޯޓާ ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އަލް އިއްތިހާދުން ކަށަވަރުކޮށްފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް އިއްތިހާދުން ނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު އަޙްމަދު ބަމްސަޢުދު އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި އަލް ޝޯޓާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފިލްޑަރ ބޫބަކަރް މައުމޫނީ އެވެ.
އަލް އިއްތިހާދު މޮޅުވި ލަނޑު ފަހުހާފުގެ 84 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ކަރީމް ބެންޒީމާ އެވެ. މިއީ މި މުބާރާތުގައި ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް އިއްތިހާދު ކުރީގައި އޮވެގެންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަލް އިއްތިހާދު ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރި އިރު، މިގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދީ މި މެޗުން ބަލިވި އަލް ޝޯޓާ އެވެ. އެޓީމު ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ