މި ވޭތުވެ ދިޔަ ހަފްތާއަކީވެސް އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މުހިން ކަންކަން ހިންގި ހަފްތާއެކެވެ. އެގޮތުން ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކުން ގިނަ ބަޔަކު ޝައުޤުވެރިވާނެ ގިނަ ކަންކަން ހަފްތާގެ ތެރެއިން ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ހަފްތާގެ ތެރޭ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާޅޮސްމަޑުލު އުތުރުބުރީ 11 ރަށަކަށް ޒިޔާރާތްކުރައްވާފައެވެ.
މިމަހުގެ 21 އިން 23 އަށް ރ. އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލަތު ގާތުން ބެއްލެވުމަށާއި، ރަށްރަށުގެ ތަރައްޤީއަށް ކުރާ މަސަކަތްތަކަށް ރައްޔިތުންނާ ކައުންސިލްގެ ޚިޔާލު ހޯއްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރެއިން އެ ރަށްތަކުގެ ހިންގަމުންދާ މަޝްރޫޢުތަކާ، ރިޔާސީ ކެމްޕޭންގެ ތެރޭ އެމަނިކުފާނު އެރަށްރަށަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމަށް ކުރައްވާ މަސައްކަތްތައް އެމަނިކުފާނު ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޑައިގަތް 11 ރަށުގެ ތެރެއިން 9 ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށާއި، ދެ ރަށެއްގައި އިސްލާމިކް ބޭންކްގެ އޭޓީއެމް ބެހެއްޓުމަށް ކައުންސިލްތަކާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި 6 ރަށެއްގައި ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އެޅުމާއި، 2 ރަށެއްގެ ފުލުހުންގެ ޚިދުމަތް ފެށުމަށް އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމީއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ފައިނު ފެނާއި ނަރުދަމާ ނިޒާމު އިފްތާޙްކޮށްދެއްވާ އިންނަމާދޫގެ ވޮލީ ކޯޓުވެސް އެމަނިކުފާނު ވަނީ ހުޅުއްވައިދެއްވާފައެވެ.
މިދައިރާގެ އެންހެން ޚަބަރުތަކަށް ބަލާއިރު، ޕޮރެސެކިއުޓަރ ޖެނެރަލް ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުވާ ތިން މީހުންނާއެކު ދައުލަތުން ހަދާފައިވާ ދައުވާ ނުކުރުމުގެ އެއްބަސްވުންތައް އުވާލަން ނިންމާފައެވެ.
ކުރީގެ ނައިބު ރައީސް އަދީބު ހިމެނޭހެން އިތުރު 3 މީހަކާއެކު ހެދި މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމުން ރައީސުލުލްޖުމްހޫރިއްޔާވެސް ވަނީ އެކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި ކޮރަޕްޝަން ނައްތާލުމަށް ހަމަހަމަކަމާއެކު ޢަމަލުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މީގެ އިތުރުން މި ހަފްތާގައި އިލެކްޝަން ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް ހުޅުވާލާފައެވެ.
މިހަފްތާގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ފާހަގަކޮށްލެވުނު އެންމެ މުހިންމު ޚަބަރަކީ، ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑްބޮޑީ އޮޕަރޭޝަން ސީދާ ޗައިނާއަށް ފެށުމެވެ.
އެގޮތުން ދިވެހި ދިދަ ޖަހައިގެން ޤައުމީ އެއަރލައިން ކުރި ފުރަތަމަ ދަތުރުގައިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ. ޤައުމީ އެއަރލައިންގެ ވައިޑް ބޮޑީ އޮޕަރޭޝަންގެ ފުރަތަމަ ދަތުރުކޮށްފައިވަނީ ޗައިނާގެ ޗެންގްޑޫއަށެވެ.
މިއީ ޤައުމަށް ލިބިގެންދާ ފަޚުރެއްކަން ސަރުކާރުން ފާހަގަކުރައްވާފައިވާއިރު، މިކަމުގެ ސަބަބުން ޗައިނާ މާކެޓު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި ފުރަތަމަ ދަތުރުގައިވެސް 10 ޓަނުގެ މުދާ ގެނެސްފައިވާއިރު މި ދަތުރުތައް ފެށުމުގެ ރާއްޖެ ޗައިނާ މިނިވަން ވިޔަފާރިގެ އެއްބަސްވުމުގެ ފައިދާވެސް ލިބިގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާއިރު، ފެނަކަ ކުންފުނިން ވަނީ އެކުންފުނިން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނީ އެއްކޮށްހެން ރޯދަމަހުގެ ކުރިއަށް ޚަލާސްކުރާނެކަން ހާމަކޮށްފައެވެ. އެގޮތުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވަނީ މިކަން ކުރަނީ ސަރުކާރުގެ އެހީތެރިކަމާއެކުކަން ހާމަކޮށްފައެވެ.
އަހަރުން އަހަރަށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވަމުންދާއިރު، ފެހުރިހި ބަލަން ފަތުރުވެރިން ގޮވައިގެންދާ އުޅަނދުތަކުގެ ބުރަފަތީގައި ގާޑް އެޅުވުމަށް ސަރުކާރުން ނިންމާފައިވާކަން ތިމާވެއްޓާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ހާމަކުރެއްވި ޚަބަރަކީވެސް ނިމުނު ހަފްތާގައި ފާހަގަކޮށްލެވުނު ޚަބަރެކެވެ.
ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުން ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގާ 1455 ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. މި އޮޕަރޭޝަން ހިންގީ މާލެ ސަރަހައްދުގައި އަދި ގުޅީފަޅު ސަރަހައްދުގައެވެ.
މީގެ އިތުރުން ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަޙުޤީޤަށް އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ޚަބަރަކީވެސް މިހަފްތާގައި ގިނަ ބައެއް ޝަޢުޤުވެރިކަން ދަމައިގަތް ޚަބަރެކެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބާއްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ބައެއް ވުޒާރާތަކަށް ގެންނެވި ބަދަލުތަކާއެކު އަލުން ޢައްޔަންކުރެއްވި ހަތަރު ވަޒީރުންނަށް މަޖިލީހުން ވަނީ ރުހުންދެއްވާފައެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް 2 މެންބަރަކާއި، އޭސީސީއަށް 2 މެންބަރަކު އައްޔަނުކުރެއްވުމަށްވެސް މަޖިލީހުން ވަނީ ރުހުންދެއްވާފައެވެ.
ނިމުނު ހަފުތާ: ރ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅާއި، ޗައިނާއަށް ދަތުރުތައް ފެށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ