ހާވަޑް ޔުނިވާސިޓީއަށް ބިދޭސީ ދަރިވަރުން ވެއްދުން މަނާ ކުރަނީ ހާވަޑް ޔުނިވާސިޓީއަށް ބިދޭސީ ދަރިވަރުން ވެއްދުން މަނާ ކުރަނީ

މުޅި ދުނިޔޭގައި ވެސް އެންމެ މޮޅު އެއް ޔުނިވާސިޓީގެ ގޮތުގައި ބަލައިގަންނަ އެމެރިކާގެ ހާވަޑް ޔުނިވާސިޓީއަށް ބިދޭސީ ދަރިވަރުން ވެއްދުމުގެ އިހުތިޔާރު އެ ޔުނިވާސިޓީން އަތުލާނެ ކަމުގެ އިންޒާރު އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ދީފި އެވެ.
ޓްރަމްޕު ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީގެ ސެކްރެޓަރީ ކްރިސްޓީ ނޯމް ވަނީ ބުދަ ދުވަހު ހާވަޑަށް ސިޓީއެއް ފޮނުއްވާފަ އެވެ. ހާވާޑްގެ ބިދޭސީ ދަރިވަރުންގެ "ގާނޫނާ ހިލާފު އަދި ހަރުކަށި އަމަލުތައް" ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި އެ ކަންކަމުގެ ތަފްސީލީ ރެކޯޑްތައް ހޯދުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެޕްރީލް 30، ގެ ކުރިން ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުނުކޮށްފި ނަމަ "ސްޓޫޑަންޓް އެންޑް އެކްސްޗޭންޖް ވިޒިޓާ ޕްރޮގްރާމް" (އެސްއީވީޕީ) ސެޓްފިކެޓް ބާތިލު ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.
ހާވަޑްގެ ދަރިވަރުންގެ ނޫހުން ބުނި ގޮތުގައި ކްރިސްޓީ ނޯމްގެ ސިޓީގައި ވަނީ އެ ޝަރަފުވެރި ޔުނިވާސިޓީން ޔަހޫދީ ދަރިވަރުންނަށް އުނގެނުމުގެ "ދެކޮޅުވެރި މާހައުލެއް" ގާއިމުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނޮބެލް ސުލްހައިގެ އިނާމު ހާސިލްކޮށްފައިވާ 162 މީހުން އުފެއްދި ޔުނިވާސިޓީއާ މެދު ރައީސް ޓްރަމްޕު ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
ކޮލަމްބިއާ، ޕްރިންސްޓަން، ބްރައުން، ކޯނެލް އަދި ނޯތުވެސްޓަން ފަދަ ޔުނިވާސިޓީތަކަށް ދޭ ބައެއް ފައިސާ ޓްރަމްޕްގެ ސަރުކާރުން މިހާރު ވެސް ވަނީ ހިފަހައްޓާފަ އެވެ. އެއީ ސަރުކާރުގެ ބައިވެރިވުން ޔުނިވާސިޓީތަކުގެ އެތެރޭގެ ކަންކަމުގައި އޮންނަން ޖެހޭ ކަމަށް ވިދާޅުވެ ޓްރަމްޕު ކުރައްވަމުން ގެންދަވާ ޑިމާންޑުތަކަށް ދެކޮޅު ހަދާފައިވާތީ އެވެ.
ޔުނިވާސިޓީގެ އިހުތިޔާރުގައި އޮންނަ ކަންކަން ސަރުކާރުގެ ބެލުމުގެ ދަށަށް ދޫކޮށްނުލާނެ ކަމަށް ހާވާޑުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން ޓްރަމްޕްގެ ސަރުކާރުން ވަނީ 2.3 ބިލިއަން ޑޮލަރުގެ ފަންޑިން ފްރީޒް ކުރާނެ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ