ކެމޮމައިލް 4

"ކުރު އުމުރެއްގައިވެސް ﷲ ތައާލާ ބަރަކަތް ލައްވައިފިނަމަ ދިގު އުމުރެއް ލިބުނު މީހަކާއި އެއްވަރަށް ނޫނީ އެއަށްވުރެ ގިނައިން ހެޔޮ އަމަލުކުރެވޭނެއެވެ. އުމުރުގައި ބަރަކަތް ލައްވާ ސަބަބުތަކުގައި ހިފާށެވެ." *** މިރިއަމްއަށް ހިނިގަނޑެއް ޖަހައިލެވުނީ ބޮލަށް ލުއިވިވަރުންނެވެ. އަދި ބުނެދޭން ނޭގޭ އެހެން ޖަޒުބާތަކާއެކުގައިވެސް މެއެވެ. އޭނަ އެ ރުމާލަށް ނަޒަރު ހުއްޓައިލަމުން އިނގިލިތަކުން ފިތައިލިއެވެ. އެއީ ދެނެފަރިތަ ރުމާލެކެވެ. ލޯބިވާ ބައްޕަގެ ހަނދާނެކެވެ. "މިވަގުތަށް މި ރުމާ އަލަމާރީގައި ބާއްވާނަން އިނގޭ މަންމާ..."އޭނަ އަޑަށް އޯގާތެރިކަން ގެނައެވެ. އެހާ ހުތުރުކޮށް މަންމަ އަތުން ޖަހައިގަނެވުނީތީ މާފަށް އެދުމުގެ ގޮތުންނެވެ. ޖަމީލާ ހަމައެކަނި ބޯ ޖަހައިލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލީއެވެ. ރަން އަލީގެ ދަލުގައި ހިރަފުހުގެ އެތިކޮޅުތައް ނަށާތަން ފެނުނެވެ. މިރިއަމް ކޮޓަރިއާއި ދިމާލަށް ހިނގައިގަތްތަނާ އޭނަގެ މަންމަ ބުނި އެއްޗަކުން އޭނަގެ ފިޔަވަޅު ކަސިޔާރުވެ ފާރުގައި ބޯ ނުޖެހުނީ ހަމަ ކިރިޔާއެވެ. "އާނ އަދި އޭނަ ރުމާ ބަލާ އަންނާނެ....." މިރިއަމް އަލަމާރިތެރޭގައި ރުމާ ބާއްވާފައި ބޭރަށް ނިކުތްއިރުވެސް މޭގައި ބޮޑު ބަރެއް އެލުވާފައިވީފަދައެވެ. މަންމަ ނިދަން ދިޔަކަން އެނގުމުން ކޮންމެވެސް ވަރަކަށް ހިތަށް ތަސައްލީއެއް ލިބުނެވެ. ހެނދުނުގެ ގަޑުބަޑުގެ އަސަރު ގައިން ފިލުވައިލަން ބޭރުގައި ހުންނަ ވަޅާއި ދިމާލަށް ހިނގައިގަތްއިރު އޭނަގެ ނޭވާގައި ހިފާފައިވީ ސައިގެ އަރާމު ދެނިވި ވަހާއި ބާ ފަރުނީޗަރުގެ ވަހެވެ. އޭނަ ކިތަންމެ ވަރަކަށް އެ އިހުސާސްތައް ފޮޅައިލަން މަސައްކަތްކުރިޔަސް މަންމަ ދުވަހަކަށްވުރެ ދުވަހެއް ބަދަލުވަމުންދާކަން ހިތުން ފިލުވައިލަން ފަސޭހައެއްނުވިއެވެ. ގޭގެ އަނެއްފަޅީގައި ހުންނަ ވަޅާއި އަރާ ހަމަނުވަނީސް ދަންނަ އަޑަކުން އޭނަގެ ފިޔަވަޅުތައް ހުއްޓުވިއެވެ. "އަނހަ...އަނހަ...."ގޭގެ ތިރިފާރުމަތީގައި އިށީދެލައިގެން އިން ޒުބޭރު ރާގެއްލާފައި ކިޔައިލިއެވެ. އެއީ ހަސަންބެގެ ކާފަދަރިއެވެ. އޭނަގެ ކަޅުކުލަ ގަދަ ރާޅުބާނި އިސްތަށިގަނޑު ވަޔާއި ވިހުރެމުން ދިޔައިރު ލޮލުގައި ނަށަނީ ލާނެތް ކަމެވެ." ކިހިނެއްވެފައި ތިިހިރީ؟ ހާލަކާއި ރެސްލިން މެޗެއް ކުޅެފައި؟" ޒުބޭރު އޭނައަށްވުރެ އަހަރެއް ހަގުނަމަވެސް އޭނައާއި ބަލާއިރު ކުރުކަމުން އަދި އިތުރަށް ޅަހެން ހީވެއެވެ. އޭނައަށް ކަރުތެރެއިން އަޑެއްލައްވައިލެވުނެވެ. އަދި ފަތްތައް ތަތްލަވާފައި ހުރި އިސްތަށިގަނޑުގައި އަތް ހިންގައިލެވުނެވެ."އަމިއްލަ ކަންތައްތަކާއ ބެހުނިއްޔާ މާ ރަގަޅު..ޒުބޭރުއަށް ކީއް؟ ހާލެއް ކީއްކުރަން ފުރޭތައާއި އޮޅުލާފައި އަޔަސް..." ޒުބޭރު ހީލީ މަޖާވެފައި އިނދެއެވެ."ލައިލާ ހުރިހާ ވާހަކައެއް ކިޔައިދީފި..އޭނަ ބުނީ ކަލޭމެން ދެކުދިން ހީވަނީ ފިލައިގެން ގޮސް އުޅޭ ފިޔޮއްތަކެއްހެނޭ..." އޭނަ ހިތާހިތުން ލައިލާއަށް އެތިވަރުގޮވިއެވެ." މިތަނަށް ދެން ތިއައީ ކީއްކުރަން؟" "މިރިއަމް މަންމަ ޕާން ގަނެދޭން ބުނެގެން. އެކަމަކުވެސް ހިތަށް އެރީ މަޑުކޮށްލާފައި މަގޭ އަވަށްޓެރިޔާއަށް ސަލާމް ގޮވާލާފައޭ ދާނީ..." ބޯ އަރިކޮށްފައި އިނދެ މާ ވަރަަކަށް ބަލަމުން ދާތީ މިރިއަމްއަށް އުދަގޫވިއެވެ. "މަންމަ މާ ގިނައިން ކަންތައް އެބަ ހަނދާން ނެތޭ ދޯ؟" "ކީކޭ؟"މިރިއަމްގެ މުޅި ހަށިގަނޑަށް ވާންކަމެއް ވެރިވިއެވެ. "ދެފަހަރު މަތިން ޕާން ގަންނަން ބުނި.. ފުރަތަމަ ފަހަރަު އަހަރެން ފޮނުވަން ބުނިކަން ހަނދާނެއްނެތް..."ޒުބޭރު ކަންނެތްގޮތަކަށް މޯޅިއަށް ދެމިލިއެވެ. ނުތަނަވަސް މައްސަލައެއް އޭނައަށް އަނެއްކާ ފުންކޮށްލެވުނުކަމެއް ރޭކާނުލިއެވެ." ފަހަރެއްގައި މާ ބޮޑަށް ވަރުބަލިވީކަމަށް ވާނީ..އެނގެއެއްނު. އުމުރުން ދުވަސްވީމަ....." "ޝަޓަޕް ޒުބޭރު..."މިރިއަމްއަށް ގޮށްމުށްކަވައިލެވުނެވެ. "ހޭއި....އަހަރެން ހަމަ ބުނެލީ..."އޭނަ އަތް އުފުލައިލީ މައުސޫކަމުކަމަށް ހެދެމުންނެވެ. މަލާމާތުގެ ގޮތުންނެވެ."އެހެންނޫނަސް އަހަރެން ދާންވެއްޖެ...ދެން ފަހަރަކު ހުވަފެނީ އިމާމްއާއި ބައްދަލުކުރަން ރާވާއިރު ލަދުގަންނަކަމަކަށް ނުވެއްޓޭތި.." ޒުބޭރު ހިނިގަނޑެއް ޖަހާލުމަށްފަހު ފާރުމަތިން ފުންމައިލިގޮތަށް ލޯމަތިން ގެއްލުނެވެ. އޭނަ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނަސް ހިތް އޮބިނޯންނަވަރަށް ތެޅެމުން ދިޔައެވެ. އެއީ އެއްވެސް ކަމެއްނޫނެވެ. އެއްވެސް މައްސަލައަކަށްވެގެން ނުވާނެއެވެ. އުމުރުން ދުވަސްވީމަ އެންމެނަށް ދިމާވާ ކަމެކެވެ. މަންމަގެ އުމުރަކީ ކޮބާހެއްޔެވެ؟ އޭނައަށް އެވަގުތު ވިސްނުނީ ދުވަހަކުވެސް މަންމަގެ އުފަން ތާރީޚު ބަލަންވެސް އޭނައަށް ނޫޅެވޭކަމެވެ. *** މިރިއަމް ފެންވަރާ ތާޒާވެލުމަށްފަހު އޭނަގެ އިނގިލިތަކުގައި ކުލަ ޖައްސަން ވަގުތު ހޭދަކުރިއެވެ. ލައިލާ އަތުން އަތުލި އެ ކުލަ ވަރަށް ހިތްގައިމެވެ. ވިދާ ނޫކުލައެވެ. އިނގިލިތައް ވަކިން ނަލަވެއްޖެއެވެ. ހިތްހަމަޖެހިފައި ހުރެ އޭނަ ބޭރަށް ނިކުތްއިރު މަންމަ އިނީ ސޯފާގައި ދުވަހުގެ ނޫސް ހިފައިގެންނެވެ. އޭނަ އާއްމުކޮށް ކޮޓަރީގައި އުޅެން އާދަވެފައި ވިނަމަވެސް އެދުވަސް ސިޓިން ރޫމްގައި ހޭދަކޮށްލަން ނިންމީއެވެ. އޭނަ މަންމަ ގާތުގައި ހަމަޖެހިލިއިރު ސޯފާގައި އޮތް ގޮދަޑި ކުޑަކޮށް ސޮއްސައިލާގޮތްވިއެވެ. ދެފައި ސޯފާއަށް އަރުވައިގެ ކަކޫ މޭގައި ޖައްސާލައިގެން އިނީ ބުނަންވީ އެއްޗެއްވެސް ނޭގިފައެވެ. އެމީހުންގެ ކުރިމަތީގައި ހުރި ޒަމާންވީ ޓީވީވެސް މެންދުރުގެ އަލިކަމުގެ ތެރެއިން އެކި ކުލަތަކުގެ ހިޔަނިތައް އެތަނަށް އަޅުވަނީއެވެ. އޭނަ ކޮންމެހެން އައީ ޓީވީ ބެލުމުގެ ނިޔަތުގައެއްނޫނެވެ. މަންމަގާތުގައި އިނުމަށެވެ. އެކަމަށް އެއްބަސްވާން ބޭނުންނުވިޔަސްމެއެވެ. މަންމަ އުނގުމަތީގައި ނޫސް ފަތުރާލައިގެން އިންއިރު ފޮތް ކިޔާ އައިނު ނޭފަތްމަތީގައި ވިއެވެ. އެކިޔަމުންދާ އެއްޗަކަށް ގެއްލިފައެވެ. ތުންފަތް މަޑުމަޑުން ހަރަކާތްކުރަނީ އޭގައިވާ ލަފުޒުތަކެއް ބުނުމުގެ ކުރިން އޭގެ ރަހަ ދެނެގަންނަން އުޅޭފަދައިންނެވެ. މަންމަ ކުއްލި އަކަށް ހިނިގަނޑެއް ޖަހާލިއެވެ. ދެވަނަފަހަރަށްވެސް މެއެވެ. އެއާއިއެކު ވަރުގަދައަށް ހޭންފެށިއެވެ. މިރިއަމް ބަލައިލީ ބުމަ އަރުވަމުންނެވެ. "މަންމަ ކޮންކަމެއް މަޖާވީތަ؟" މަންމަ ނޫހުގެ ވަކި ތަންކޮޅެއްގައި އިނގިލި ޖެއްސިއެވެ. އޭރުވެސް މަންމައަށް ހެވެނީއެވެ. "މީގައި މިއޮތީ ފިރިހެނަކު އޭނަގެ ފައިވާން ގެނެސްދޭން ބުޅަލެއް ތަމްރީނުކުރި ވާހަކަ...އޭގެ ބަދަލުގައި ބުޅާ ހަދަން ފެށިގޮތަކީ ފައިވާން ފޮރުވަންފެށީ. ކޮންމެ ދުވަހަކު އޭނަ ފައިވާން ނުފެނިގެން މުޅި ގެ ހާވަންޖެހޭ..." "އެނިމުނީ؟" މިރިއަމް ލޯ ފުޅާކޮށްލިއެވެ. މަންމަ ލޮލުގެ ކޮޅުން އައި ކަރުނަ ތިކިތައް ފޮހެލިއިރުވެސް ހުނުން ހުއްޓައެއްނުލެވެއެވެ. "ޚިޔާލަށްވެސް ނުގެނެވޭ...އެ ފަކީރު...." މިރިއަމް ކަޅި އަނބުރައިލުމަށްފަހު ސޯފާގައި ހަމަޖެހިލިއެވެ. އޭނަގެ އަޑު އައީ ކެނޑިގެންނެވެ. މަޖާ ނުވިޔަސް ރައްދުގައި އެއްޗެއް ބުނަން ޖެހުނެވެ. "މްމްމް......ވަރަށް މަޖާ ވާހަކައެއް......." އޭނަގެ ނަޒަރު އަލުން ޓީވީ ސްކްރީނަށް ދަތުރުކުރިޔަސް ހިތަށް ބުރަދަން އިތުރުވެ ނުތަނަވަސްވާގޮތްވިއެވެ. އެ ބުޅަލުގެ ހެއްވާ ވާހަކަ އިވިގެނެއްނޫނެވެ. މައްސަލައަކަށްވީ އޭނަގެ މަންމަ ޒުބޭރުގާތުގައި ޕާން ގަންނަން ބުނެފައި އެކަން ހަނދާން ނެތުމުންނެވެ. އަދި ދުނިޔެ ދޫކޮށްފައިވާ ބައްޕަ އަލުން އަނބުރާ އަންނާނެކަމަށްވެސް މަންމަ ބުނެފައިވާގޮތުންނެވެ. "މިރިއަމް. ޔޫނުސް ބެ މިރޭ އަންނާނެ. ރަމަޟާންމަހުގެ ފުރަތަމަ ދުވަހު ރަށުގައި ހުންނަން ބޭނުމޯ...އޭނަ ބަލާދާން ބަނދަރަ|ށް ދާން ބޭނުންތަ؟" މިރިއަމްއަށް އިހުސާސްވީ ނަގޫރޯޅިއެއް އޭނަގެ ބޮލުގައި އެނބުރިގަތްހެންނެވެ. އެތޫފާން ޚިޔާލުތައް އެކި ދިމާލަށް ވިއްސައިލާ ސިކުނޑި ހައިޖާނަކަށް ހަދައިލިއެވެ. ދޮންބައްޕަގެ ނަން އިވޭ ކޮންމެފަހަރަކު އޭނަގެ މޭބޮޑުވެއެވެ. ބައްޕަ ނިޔާވިތަނާ އަހަރެއްނުވަނީސް މަންމަ އެހެން ފިރިހެނެއްގެ ނަން އެހާ ފަސޭހައިން ނަންގަތުން ބަލައިގަނެވޭނީ ކިހިނެއްހެއްޔެވެ؟ ބައްޕަ ނިޔާވިފަހުން ހުރިހާކަމެއް ބަދަލުވިއެވެ. ޔޫނުސް މަންމައާއި ކައިވެނި ކުރުމުން އޭނައާއި މަންމަގެ އޮތް ގުޅުންވެސް ހީނަރުވިއެވެ. "ނޫން ނުދެވޭނެ...." އޭނަ ކުރުކޮށް ޖަވާބުދެމުން ތެދުވުނެވެ. "މާރަގަޅެއްނު އޭނަ އެ ފޫހި ބޯޓުގަނޑުގައި މުޅި މައްސަރު ހުރީމަ ނޫނީ އެއަށް ވުރެ ރަގަޅުވާނެ އަހަރެއްވާންދެން ހުރިއްޔާ...؟" އެންމެ ފަހުގެ ލަފުޒުތައް އޭނައަށް ބުނެވުނީ ބޭއިޚުތިޔާރުގައެވެ. ހިތުގައިވާ ނަފްރަތުގެ އިހުސާސްތައް އާ ދުލެއް ހޯދިފަދައެވެ. މަންމަގެ މޫނަށް ވެރިވާނެ ކުލަވަރު ދެކެން މަޑުކޮށްލުމެއްނެތި ތާޒާ ވައިކޮޅެއް ހޯދަން އޭނަ ބޭރަށް ނިކުމެލިއެވެ. *** މިރިއަމް ޖޯލީގައި އޮށޯވެލައިގެން އޮތްއިރު އަތުގައި އޮތް ދުވަސްވީ ފޯނުގެ އަރިމަތީގައި ކޫރުން އެޅިފައިވާ ތަންތަނުގައި އިނގިލިތައް ހިންގެމުން ދިޔައެވެ. މިއީވެސް ލައިލާގެ ފޯނެކެވެ. އޭނަގެ ދަބަސްފަދައިންނެވެ. އަދި އަލަމާރީގައިވާ ގިނަ ހެދުންވެސް މެއެވެ. އޭނަގެ މިލްކުގައިވާ ގިނަ އެއްޗެހިވެސް މެއެވެ. އޭނަ ޕަވާ ފިތުގައި އިނގިލި އަޅާ އޮބައިލިއެވެ. ސްކްރީނަށް މަޑު ވިދުމެއް އަރާ ހުޅުވަދޭން އެވެސް ނެތް ހިތްވަރުލާފައި އުޅޭފަދައެވެ. ވަރަށް ލަހެވެ. ބެޓެރީ އެހާ އަވަހަށް ހުސްވެ ބައެއްފަހަރު ޓަޗްސްކްރީންވެސް މަސައްކަތް ނުކުރަނީއެވެ. އާ މޮޑެލްއެއް ލިބުމުން ލައިލާ މީތި ކުޑަކޮށް ބޭނުންކޮށްލާފައި ދޫކޮށްލީއެވެ. މިރިއަމް މި އެއްލާލާފައިވާ ސެކަންޑްހޭންޑް އެއްޗަކާއިގެން ސަލާމަތްނުވެގެން އުޅެން ޖެހުނީއެވެ. އޭނަ އެއްގޮތަކަށްވެސް ފޯނާއި ގަޔާވާގޮތެއްނުވިއެވެ. އޭނަގެ އެއްވެސް އެއްޗަކީ އާ އެއްޗަކަށްނުވާތީ އެކަމާއި ރުޅިއާދެއެވެ. އެމީހުންގެ ގެވެސް އެހެން މީހުންގެ ގެއާއި ބަލާއިރު ދުވަސްވެ މަރާމާތުކުރަން ޖެހޭ ހާލަތުގައެވެ. އޭނަ އެނބުރި ގެއާއި ދިމާލަށް ނަޒަރު ހިންގައިލިއެވެ. އެހެން އާއިލާއަކަށް އުފަންވިނަމަ ކޮންފަދަހެއްޔެވެ؟ އޭނަ ސްކްރޯލް ކުރަން ފެށުމާއެކު ސާޔާގެ އާ ސްޓޭޓަސް ލޮލުގައި އަޅައިގަތެވެ. "އިބުނު އަލް ޖައުޒީ ވިދާޅުވިއެެވެ. ނުރަނގަޅު ބަޔަކާއި އެކުގައި ވަގުތު ހޭދަކުރުމަށް ވުރެން مؤمن މީހާއަށް ނުރައްކާތެރިވެގެންވާ އިތުރު ކަމެއް އަހަރެންނަށް ނުފެނެއެވެ. އެއުރެންގެ ޠަބީއަތަކީ ދަމައިގަތުމެއްވާ އެއް ޗެކެވެ. އެ ތިބާ ޖަހައިގަންނާނެއެވެ. ތިބާއަށް ރޭކާވެސް ނުލާ ހުއްޓާ އެއުރެންގެ ނުބައަށް ތިބާ ދަމައިގަންނުވާނެވެ. އެންމެ ކުޑަމިނުން އެފަދަ ރަޙްމަތްތެރި ކަމެއްގެ ސަބަބުން ހެޔޮ އަމަލުކުރުމުން އެ މީހާމަޑުޖައްސުވާނެއެވެ. ހެޔޮލަފާ ޞާލިޙުންނާއި ރަޙްމަތްތެރި ވުމުން ތިބާގެ ހިތަށް ތިބާ ޠާހިރުކަން އަޅުވައެވެ. އަދި ތިބާ ދިރިއުޅޭ ސަރަހައްދުގައި ހެޔޮލަފާ މީހުން ނެތްނަމަ، ދެން ތިބާގެ ޠާހިރުކަން އައުންވަނީ ތިބާ الله سبحانه وتعالى އެކުގައި އެކަހެރިވެ ގަތުމުންނެވެ. ތިބާއަށް ރަޙްމަތްތެރިއަކު ނުލިބިއްޖެނަމަ، އެކަހެރިކަމުގައި ހިފަހައްޓާށެވެ. ނޫނީ މަރުވެގޮސްފައިވާމީހުންނާއި ރަޙްމަތްތެރިވާށެވެ. އެއީ އެވެރިންގެ ސީރަތު ކިޔާ އެވެރިން އެ އުޅުނުގޮތަށް ދިރިއުޅުން ބައްޓަން ކޮށްގެންނެވެ." ކޮންމެވެސް ސަބަބަކާއި ހުރެ އޭނައަށް ހީކުރެވުނީ އޭނައާއި ލައިލާއަށްް އަމާޒުކޮށް ބުނި އެއްޗެއްހެންނެވެ. ލައިލާއަކީ ގޯސް ރަހުމަތް ތެރިއަކަށް ވާންވީ ކިއްވެހެއްޔެވެ؟ ސާޔާ އަކީ މިރިއަމްގެ ކުރީގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހެން ހުރެފައި ޓަސްލާފައި އޭނަ ބަދަލުވީއެވެ. މޫދަށް ދިޔުން ހުއްޓާލިގޮތަށް އެކުވެރިންނާއެކީ ވަގުތު ހޭދަކުރުމާއި މަޖާކުރުން ދޫކޮށް ނިގާބު އެޅިއެވެ. ފަހުން މިރިއަމްއަށް ވިސްނުނީ ލައިލާއާއިއެކު އުޅެން މާ މަޖާކަމަށެވެ. ލައިލާ އަކީ ފެޝަނަށް ލޯބިކުރާ ކުއްޖެކެވެ. އެންމެފަހުގެ ޓްރެންޑްތައް އޭނައަށް އެނގެއެވެ. އޭނަ ސާޔާގެ ޕްރޮފައިލް ހުޅުވާފައި ބަލަން ފެށިއެވެ. "ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ."ރަމަޟާންމަސް ބާވައިލެއްވުނީ ރަހުމަތެއްކަމުގައެވެ. ﷲ ސުބުހާނަހޫ ވަތައާލާ ރޯދަ ފަރުޟުކުރައްވާ އެމަހަށްޓަކާ ސުވަރުގޭގެ ދޮރުތައް ހުޅުއްވާ ނަރަކައިގެ ދޮރުތައް ބަންދުކުރައްވައެވެ. އަދި ނުލަފާ ޝައިތާނުން ކަސްތޮޅު އަޅުއްވައެވެ. އަދި ހާސްމައްސަރަށްވުރެ މާތް ރެއެއް ލެއްވިއެވެ. މިމަހުގެ ހެޔޮކަން ނުލިބުނުމީހަކު ހަގީގަތުގައިވެސް ވަނީ ގެއްލިފައިވާ މީހުން ގެ ތެރެއިންނެވެ. - ނަސާއީ." ބައެއް އިލްމުވެރިން ވިދާޅުވާގޮތުގައި މިހަދީސް އަކީ ރަމަޟާންމަސް އައުމުން އެކަކު އަނެކަކަށް މަރުހަބާ ކިޔަންވީކަން އަންގައިދޭ ހަދީސްއެކެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާފައިވުމުން މަރުހަބާ ނުކިޔަންވީ ކީއްވެހެއްޔެވެ؟ އަދި ނަރަކައިގެ ދޮރުތައް ބަންދުކުރއްވުމުން ފާފަކޮށްފައި ތިބި މީހުން މަރުހަބާ ނުކިޔަންވީ ކީއްވެހެއްޔެވެ؟ އަދި ޝައިތާނުން ކަސްތޮޅު އެޅުއްވުމުން ވިސްނުންތެރިންނަށް މަރުހަބާ ނުކިޔަންވީ ކީއްވެހެއްޔެވެ؟ އެހެން އެއްވެސް ވަގުތަކާއި މިވަގުތުތައް އަޅާކިޔެންވީ ކީއްވެހެއްޔެވެ؟ <އިބްން ރަޖަބް> މިރިއަމް ވިސްނައިލިއެވެ. ވީއިރު ސާޔާ މިހިރީ ރަމަޟާންއަށް ހާދަ ވަރަކަށް ތައްޔާރުވެގެންނެވެ. އޭނައަށް ކުރެވުނީ ކޮންކަމެއްހެއްޔެވެ؟ ލައިލާއާއި އެހެން ކުދިންވެސް ރަމަޟާން މުބާރަކު ޕޯސްޓްތައް ޖެހިއެވެ. އެކަމަކު ރަމަޟާން މަހަށް އެހާ އިހުތިރާމް ނުކުރެވޭ ބަޔަކު އެހެން ޕޯސްޓްތައް ޖެހުމުގެ މާނައަކީވެސް ކޮބާހެއްޔެވެ؟ މަޖާ ރޭތަކާއި އިފްތާރު އަދި މީރު ކެއުންތަކުގެ ވާހަކަ ދައްކާއިރު އެންމެ ފަހަރަކުވެސް އަޅުކަމުގެ ވާހަކައެއް ނުދެކެވެއެވެ. އެމަހުގައި ކުރާނެ އެންމެ އަޅުކަމެއްވެސް ވިސްނާނުލާހިދު އަދި އެއްވެސް ވަރަކަށް އެމަހަށް އިންތިޒާރު ނުކުރެވުމުން ކުށްވެރި އިހުސާސެއް ކުރެވުނެވެ. މައުލޫމާތުވެސް ނުހޯދުވުނުކަމީ ލިބުނު ބޮޑު ގެއްލުމެކެވެ. މަންމަ އެހާވަރަށް ދަސްކޮށްދިންއިރުވެސް ސަމާލުކަމެއް ނުދެވުނީއެވެ. އޭނައާއި އެއް އުމުރުގެ އަންހެންކުއްޖަކު ހަރު ކަމުން ލަދުވެސް ގަތެވެ. އެކުށުގެ އުދަގޫތަކުން ސަލާމަތްވާންވެގެން އިންސްޓަގްރާމްއަށް ވަންގޮތަށް އެތައް ގަޑިއެއް ހޭދަކުރެވުނެވެ. އެއަށްފަހު ޔޫޓިއުބްގައެވެ. ނޯޓިފިކޭޝަނެއް އައުމުން އޭނަގެ މުނިފޫހިފިލުވުން މެދު ކެނޑުނެވެ. އަވަށްޓެރި ޗެޓްގްރޫޕަކަށް ނޭގޭ މީހަކު ފޮނުވި މެސެޖެކެވެ. "ގިނަ މީހުން ﷲ ތައާލާއަށް ހެޔޮ ނިޔަތުގައި ދުއާކޮށްފިއްޔާ އޭގެ ބަދަލު ފެންނާނެއެވެ. ޒިކުރުކުރުމުން ދުރުހެލިކުރުވާ ކަންތައްތައް ދުރުކޮށްދެއްވުމަށް އެދުމުން ފޯނު ހަލާކުވުންފަދަ ކަމެއް ވެދާނެއެވެ. މިއީ ހަގީގަތުގައިވެސް ބައެއްމީހުންނަށް ދިމާވެފައިވާ ކަންތައްތަކެވެ. އަހަރެމެންގެ އަޚުންނާއި އުޚުތުން ޚިޔާލެއްނެތި ސްކްރޯލް ކުރުމާއި ސްކްރީނަށް ކަޅިޖަހާނުލާ ބަލަން ތިބެ އާޚިރަތް ހަނދާނައްތާލާކަމީ ލަދުވެތިކަމެކެވެ. "ﷲ އަޅަމެންގެ ފާފަ ފުއްސަވާދޭވެ. ސޯޝަލްމީޑިއާއާއި ނުލާ އެންމެ ދުވަހެއް ހޭދަނުކުރެވޭ މީހުން ގުރުއާން ކިޔެވުމެއްނެތި އެތައް ދުވަހެއް ވާންދެން ތިބެއެވެ. "ﷲ އަޅަމެންގެ ފާފަ ފުއްސަވާދޭވެ. ދުނިޔޭގައި ހިނގާ އަދި ޓްރެންޑްވާ ހުރިހާ ކަމެއް އެނގޭ އެތައް ބަޔަކު ދަންނަމެވެ. އެކަމަކު ދައުވާއާއި އާ ކްލާސްތަކާއި ދަރުސްތަކާއިމެދު އެއްޗެއް އެނގޭކަމަކަށް ނުވެއެވެ. ﷲ ތައާލާ އަޅެމެންގެ ފާފަ ފުއްސަވާދޭވެ. އެތައް ބަޔަކުގެ ފޯނު އަތުގައި ތަތްލަވާފައިވާއިރު ގޭގެ އެއްކޮޓަރިން އަނެއް ކޮޓަރިއަށްވެސް ފޯނު ނެތި ވަދެވޭ ކަމަކަށް ނުވެއެވެ. އެކަމަކު އެތައް ހަފްތާއެއްވާއިރު ވެސް މުސްހަފްގައި އަތެއްނުލެވެއެވެ. ﷲ ތައާލާ އަޅެމެންގެ ފާފަ ފުއްސަވާދޭވެ. އިރުކޮޅަކަށް ފޯނު ގެއްލިއްޖެއްޔާ ހާސްވެ މޮޔަވާހިސާބަށް ދާ މީހުންވެސް ދަންނަމެވެ. އެކަމަކު ދީނަށް ފުރައްސާރަކޮށް މަލާމާތްކުރާއިރު އެކަމާއި އުދަގޫވެ ރުޅިއައިސްގެނެއް ނޫޅެެއެވެ. ﷲ ތައާލާ އަޅެމެންގެ ފާފަ ފުއްސަވާދޭވެ، އަބަދަށް އޮންލައިންގައި ތިބުމުގެ ސަބަބުން އެންސައިކްލޮޕީޑިއާ އާއި އެއްފެންވަރު މީހުންވެސް އެނގެއެވެ. ކޮންމެ މައުޟޫއަކަށް ޚަބަރަކަށް ވާހަކަދައްކަން އެނގޭނެއެވެ. އެކަމަކު ނަމާދުކުރަނީ ކުށްތަކާއެކުގައެވެ. ރަގަޅަށް ނަމާދު ކުރެވޭތޯބަލަން ރިސާޗް ހެދުމަކީވެސް ބޭކާރު ކަމެއްވީމަހެއްޔެވެ؟ ﷲ ތައާލާ އަޅެމެންގެ ފާފަ ފުއްސަވާދޭވެ.ފޯނަށް ގެއްލިފައި ތިބެ ޝައުގުވެރިވެފައިވާ ވަރުން އަނގައިން ބުންޏަސް އަޑުނީވި އެކަމަކު ނަމާދަށް ތިބޭއިރު ކިޔާ އެއްޗަކަށް ސަމާލުކަން ނުދެވި ވަށައިގެންވާހާ އަޑުތަކަށް ކަންފަތް ދޭ ކިތައް މީހުން އެނގޭހެއްޔެވެ؟ ﷲ ތައާލާ އަޅެމެންގެ ފާފަ ފުއްސަވާދޭވެ. ފޯނުން ކުރާ މަސައްކަތެއްކޮށްނިމެންދެން ފޯނު އަތުން ދޫކޮށްނުލާ ބަލަން ތިބޭއިރު މުސްހަފް އިން އެންމެ ސޫރަތެއް ކިޔަވަން ޖެހުނަސް ކޮންމެ ސަފްހާއަކުން ފޯނު ނަގާފައި ސްކްރޯލްކޮށް މެސެޖްކުރާ ކިތައް މީހުން އެނގޭހެއްޔެވެ؟ އެންމެނަށް ދުނިޔޭގައި ހިނގާ ހުރިހާކަމެއް މާބޮޑަށް އެނގޭއިރުވެސް އާޚިރަތާއި އަޅުކަމަށް މާބޮޑަށް ހޭލުންތެރިއެއްނޫނެވެ. ގިނަ ވަގުތަށް އަޅުކަމާއިގެން ނޫޅެވުނަސް ފޯނުން އަންނަ ނޯޓިފިކޭޝަންތައް ބަލާނުލާ ހިތަށް ކެތްކުރެވޭކަމަކަށް ނުވެއެވެ. ހުސްވަގުތު ދުއްވައިލަންވެގެން ނެގެނީ ފޯނެވެ. އެކަމަކު ޒިކުރާއި ސުންނަތް ނަމާދު އަދި އެހެން އަޅުކަމަށް ވެއްޖެއްޔާ ވަގުތު އޮންނަކަމަކަށް ނުވެއެވެ. ހެނދުނު ހެދުނާ ތެދުވެވެސް ފޯނު ހުޅުވައިލެވުނީ އެއްވެސް ކަމެއް އެމީހުންނަށް ނޭގި ހިނގާފައި ވޭތޯ ބެލުމަށެވެ. އެކަމަކު ރޭގަނޑު އަޅުކަމުގައި ހޭލާތިބޭ ޖަމާއަތްތަކަށް އެފަދަ ކަންތައްތައް މުހިއްމެއްނުވެއެވެ. އެހެންވީމަ ފޯނުވެފައިވަނީ ގިނަ މީހުންގެ ދުޝްމިނަކަށެވެ. އަހަރެމެންނަށް ލިބޭ ފައިދާތަކަށްވުރެ އާޚިރަތަށް ދޭ ގެއްލުން ބޮޑީއެވެ. 24/7 އަތުގައި އޮންނަ "ފިތުނަ"އާއިމެދު ސަމާލުވެ އަމިއްލަ ނަފުސް ކޮންޓްރޯލްކޮށް ހޭލުންތެރިވުމަކީ ތިބާ އަތްމަތީގައި އޮތް ކަމެކެވެ. ﷲ ތައާލާ އަޅަމެންގެ ފާފަ ފުއްސަވާ ހިތް ސާފުކުރައްވާދޭވެ.އާމީން.." *** މިރިއަމްގެ އިނގިލިތައް ތުރުތުރުލާން ފެށިވަރުން އަތުން ފޯނު ދޫވިއެވެ. އަތަށް ބަަލައިލެވުނުއިރު އޭނައަށް ބީރައްޓެހި އިނގިލިތަކެވެ. ވައިރުލާފައި ހުރިހެން ރޫޖެހިފައިވާ މުސްކުޅި އަތެކެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަ ތަކުރާރުކޮށް އެސްފިޔަ ޖަހަން ފެށުމުން މަޑުމަޑުންގޮސް އޭނަގެ ޒުވާން އަތްތިލަ އަނބުރާ އިއާދަވިއެވެ. ނޫކުލައިން ޕޮލިޝްކޮށްފައިވާ ނިޔަފަތިތަކެވެ. މުޅިރަށުތެރޭގައި ގުގުމައިލީ އަޒާންގެ އަޑެވެ. އޭނަގެ މަންމަ ވަނީ އަތުގެ ނިޔަފަތިތަކުގައި ކުލަ ޖެއްސުމުން ވުޟޫކަމު ނުދާނެކަމަށާއި ފެން ޖެހުން މަނާކުރާ ހުރަހަކަށް އެވާނެކަމަށް ބުނެފައެވެ. އޭނަ މިހާ މޮޔަކަންތައް ކުރަނީ ކީއްވެހެއްޔެވެ؟ އަވަހަށް ތެދުވެ އޭނަ ނިޔަފަތިތަކުން ކުލަ ފިލުވަންފެށިއެވެ. ނޭގިނަމަވެސް ސާޔާގެ ސަބަބުން އޭނައަށް ބޮޑު ލޮޅުމެއް އަރައިފިއެވެ. ކުއްލިއަކަށް އޭނަގެ ނަޒަރުގައި އަޅައިގަތީ އަވަށްޓެރިން އެގެއާއި ދިމާލަށް އަންނަތަނެވެ. އެންމެގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ކަންބޮޑުވުމެވެ. ކޮންމެވެސް އަންހެނަކު ބާރަށް ރޮމުން ދިޔައެވެ. ކިހިނެއްވީބާވައެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ