މިތުރާ ގަޔާވެލީ... 11

ރޫބީ އިކާންގެ ގައިގައި އަތް ޖައްސައިލުމުންވެސް އިކާން ދިޔައީ ސިއްސައިގެންނެވެ. ރޫބީ ހާސްވެފައި ހުއްޓާ، ކާރުގެ ޑްރައިވަރު އައިސް އިކާންގެ ގައިގައި ހިފަހައްޓައިލިއެވެ. އޭނާ ރޫބީއަށް ބަލައިލީ ހިތްހަމަނުޖެހިގެން ބަލައިލާ ފަދައިންނެވެ. ރޫބީއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ. އިކާން ދިޔަ ދިމާއަށް ބަލަން އޭނާއަށް އެތައް އިރަކު ހުރެވުނެވެ. ******** "ޕެނިކްވީތަ؟" ނަޖާތު އަހައިލިއެވެ. "އައި ފީލް ބޭޑް... ގިލްޓީ ފީލްވެއްޖެ..." ރޫބީ އެނދުގައި އޮށޯވެފައި މޫނުގައި ބާލީސް އެޅިއެވެ. ގެއަށް އައީއްސުރެ ރޫބީ އުޅުނީ ފޯނު އަތަށް ލައިގެންނެވެ. އިކާންއަށް ގުޅަން އެތައް ފަހަރަކު އިނގިލިތައް ހަރަކާތްކުރިއެވެ. ރޫބީއަށް ނުލިބުނީ އެކަން ކުރާނެ ހިތްވަރެވެ. އެންމެފަހުން އެކަން ނުވާނެކަމަށް ބަލައި އެ ހިޔާލު ދޫކޮށްލިއެވެ. "އެއީ ރޫގެ މައްސަލައެއް ނޫނޭ...." ނަޖާތު ވަރަށް ލޯބިން ވިސްނައިދިނެވެ. "އޭނަ ކީއްކުރަން ރޫބީގެ ފަހަތުން ދިޔައީ.. ރޫއަކަށް ނޭނގޭނެދޯ އޭނަގެ އެކަހަލަ މައްސަލައެއް ހުންނަކަމެއް" "ޕާސްޓްގަ ކޮންމެވެސް ބޮޑު ކަމެއް ދިމާވީމަ ކަންނޭނގެ އެހެންވާނީ؟..." ރޫބީ ފުންކޮށް ވިސްނައިލިއެވެ. "އެކްސިޑެންޓެއް ވީބާ؟..." "ދެން ތިކަމާ ނުވިސްނާ ހިނގާބަލަ އަހަންނާއެކީ ތަނަކަށް ދާން..." ނަޖާތު ރޫބީގެ އަތުގައި ހިފައި ކޮޅަށް ނަގަން އުޅުނެވެ. "މިރޭ ނެތް އެއްވެސް ތާކަށް ދާހިތެއް" ރޫބީ ދެކޮޅުހެދިއެވެ. "ވަރަށް ފަން ކަމެއް ކުރާށޭ..." ނަޖާތު ދުލެއް ނުކުރިއެވެ. "ދެން ދުވަސްކޮޅަކުން ރޫ ގެއްލޭނެ... އަހަރެން އެކަނިވާނެ.. އޯކޭ އޯކޭ އޮވޭ..." ރޫބީ ތެދުވިއެވެ. ގައިގައި އެއްވެސް ވަރެއް ނެތް މީހެއްހެން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ. ރޫބީގެ ބަލިފަޔަކީ އެއީއެވެ. އެހެން މީހުންނާއިމެދު މާ އަވަހަށް ހަމްދަރުދީ ވެވުމެވެ. ބައެއް ފަހަރު އެއީ އެކަމުގެ ފައިދާ ނަގަން އެހެންމީހުންނަށް ދެވޭ ފުރުސަތެކެވެ. ނަޖާތު ރޫބީ ގޮވައިގެން ދިޔައީ، ކުރިން ނުދާފަދަ ރެސްޓޯރެންޓަކަށެވެ. ތަނުގެ ސާހީކަމާއި، މުވައްޒަފުން އަޅައިގެން ތިބި ހެދުމުން އެކަނިވެސް، ހިދުމަތްތައް އަގުބޮޑުވާނޭވަރު ރޫބީއަށް އެނގުނެވެ. ރޫބީއަށް އެކަން ވިސްނިގެން އެތަނުން ނުކުންނަން ބޭނުންވިއެވެ. ނަޖާތަކީ މުއްސަންޖެއް ނޫނެވެ. އެވަރުގެ ތަނަކަށް ހަރަދުކުރަން ނަޖާތުގެ އަތުގައި ފައިސާއެއް ނުހުންނާނެއެވެ. "އާދެބަލަ! ފްރެންޑެއްގެ ސްޕޮންސަރއެކޭ..." ނަޖާތު ގަދަކަމުން ކަހަލަ ގޮތަކަށް ރޫބީގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދިއެވެ. ކާއެއްޗެއްސަށް އޯޑަރު ދިނުމުން، ވޭޓަރު ނަޖާތަށް ދިއްކޮށްލީ ރަން ކުލައިގެ ކާޑަކާއި، ރިހި ކުލައިގެ ކުޑަ ކާޑެކެވެ. ކާޑުތަކުގެ ބޭރުގައި ނަންބަރުތަކެއް ޖަހާފައި ހުއްޓެވެ. ނަޖާތު ދިޔައީ ލިފްޓާއި ދިމާއަށެވެ. ދުރުދުރުގައި ޖަހާފައިފާ މޭޒުތައް ކައިރީގައި އެކި އުމުރުފުރައިގެ ޖޯޑުތައް ތިއްބެވެ. ރޫބީ ހާސްވެފައި ހުއްޓަސް، އެހެން މީހެއްގެ މޫނަކުން ހާސްކަމެއް ނުފެނެއެވެ. ލިފްޓަށް ވަދެފައި ނަޖާތު ކާޑު ޖައްސައިލިއެވެ. ލިފްޓްގެ ދޮރު ލެއްޕިފައި ގިނައިރެއްނުވެ، ލިފްޓް ހުއްޓުނެވެ. ދޮރު ހުޅުވުނެވެ. ކުރިމަތިން ބޮޑު ދެ ދޮރު ފެންނަން ހުއްޓެވެ. ރިހި ކުލައިގެ ދޮރަކާއި ރަން ކުލައިގެ ދޮރެކެވެ. ނަޖާތު ނެގީ ރިހި ކާޑެވެ. ރިހިކުލައިގެ ދޮރުގައި އެ ކާޑު ޖައްސައިލުމާއިއެކު ދޮރު ހުޅުވުނެވެ. އެތެރެއިން އިވެމުންދިޔައީ މިއުޒިކުގެ އަޑެވެ. އެ އަޑާއިއެކު މީހުންގެ ހަޅޭކުގެ އަޑާއި ބަޑިޖަހާ އަޑުފަދަ އަޑުތަކެއްވެސް އިވެމުން ދިޔައެވެ. ނަޖާތު ފަރިތަކަމާއިއެކު އެތެރެއަށް ވަދެފައި ފަސްއެނބުރި ރޫބީއަށް ބަލައިލިއެވެ. ނަޖާތު އެތަނަށް ފަރިތަކަމުން ރޫބީ ހުރީ އަޖައިބުވެފައެވެ. އެތަނަށް އައީ އަލަށް ނޫންކަން ނަޖާތުގެ އަމަލުތަކުން އެނގެއެވެ. "އާދެބަލަ!.. މީ ތި ހީކުރާ ކަހަލަ ތަނެއް ނޫނޭ..." ނަޖާތު ބޭރަށް ނުކުމެފައި ރޫބީގެ އަތުގައި ހިފައި އެތެރެއަށް ވެއްދިއެވެ. ތަނުގައި އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުއްޓެވެ. ބިލިޔާޑާއި، ރާޒުވާއާއި، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތަކެވެ. ކޮމްޕިއުޓަރ ގޭމުތަކުގެ އިތުރުން، އިހުޒަމާނުގައި ރާއްޖޭގައި ކުޅެވުނު ބައެއް ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްވެސް ހަމަޖައްސާފައި ހުއްޓެވެ. ގިނަ ބަޔަކު އެކި ގޭމުތައް ކުޅެން އުޅުނުއިރު، ކޮންމެ ގޭމެއްގެ ކައިރީގައި މުވައްޒަފަކު ހުރެއެވެ. ރޫބީގެ ދެލޯ ވިދައިގަތެވެ. "މީ އިންޑޯ ސްޕޯޓްސްއަށް ހާއްސަ ބައެއް... މިތަނުގެ ސްނޯ އޭރިޔާ އެއީ އަހަރެންގެ ފޭވަރިޓް... އެތާވެސް ހުންނާނެ ފަން ގޭމްސް..." ނަޖާތުގެ މޫނުން ފެންނަން ހުރީ އުފާވެރިކަމެވެ. "ހާދަ އަގުބޮޑުވާނޭ..." ރޫބީ ހުރީ ހަދަންވީގޮތެއް ނޭނގިފައެވެ. "އެކަމާ ހާސްވާނެކަމެއްނެތް... މިއޮތީ ކާޑު... ބޭނުން ގޭމެއް ކުޅެންވީ ހަމަ..." ނަޖާތު އޭނާގެ ޖީބުގައި އޮތް ރިހި ކާޑު ނަގައި، ރޫބީއަށް ދިނެވެ. "އެބަ އަންނަން ތަނަކަށް ގޮއްސަ..." ނަޖާތު ނުކުމެގެން ދިޔުމުން ރޫބީ އެކަނިވިއެވެ. ނަޖާތު ދިޔައީ ރަން ދޮރު ހުރި ތަނަށް ހެއްޔެވެ؟ އެތަނަކީ ކޮންކަހަލަ ތަނެއް ހެއްޔެވެ؟ ރޫބީ މަޑުމަޑުން ކުރިޔަށް ދަމުން ގޮސް ބިލިޔާޑު ބޯޑު ކައިރީގައި ހުއްޓިލުމުން، އެތަނުގައި ހުރި މުވައްޒަފު ކާޑު ދިނުމަށް އެދުނެވެ. "ހާދަ ނުފަރިތައޭ... ދަސްކޮށްދެންތަ؟" ރޫބީގެ ފަހަތުން އިވުނީ ދަންނަ އަޑެކެވެ. ރޫބީ ކުޑަކޮށް ސިހިފައި ފަސްއެނބުރުނުއިރު، ކުރިމަތީގައި ހުރީ ޔަޒްދާނެވެ. ޔަޒްދާން ހިނިތުންވެލިއެވެ. ޖީބަށް އެއް އަތް ޖަހާލައިގެން ހުރި ޔަޒްދާން ހުރީ ކޮފީތައްޓެއް ހިފައިގެންނެވެ. އާދައިގެ ހުދު ޓީޝާޓަކާއި، ޖީންސެއްގައި ޔަޒްދާން ހުރިއިރު، ތެތް އިސްތަށިގަނޑު އޮތީ ނިތްކުރިމައްޗަށް ވައްޓާލާފައެވެ. "މިތާ؟" ރޫބީ ދެލޯ ބޮޑުކޮށްލިއެވެ. ޔަޒްދާނާއި އެތަނުން ބައްދަލުވުން އެއީ އިއްތިފާގެއް ހެއްޔެވެ؟ ނަޖާތު ރޫބީ އެތަނަށް ގެނައީ ކޮން މަގުސަދެއްގައި ހެއްޔެވެ؟ ސުވާލުތަކުން ރޫބީގެ ހިތް ފުރެމުންދިޔައެވެ. "ކިހިނެއްވީ؟ މީ އަހަރެން ވަނުން މަނާ ތަނަކީތަ؟" ޔަޒްދާން ފަރުވާތެރިކަމާއިއެކު ރޫބީގެ މޫނަށް ބަލައިލިއެވެ. "އަނެއްކާ ސިއްރު ކަމެއް ކުރަންތަ މިތަނަށް ތިއައީ؟.." "ހާދަ ހީވެއޭ ޔަޒްދާން މިތަނަށް އައީ ސިއްރުކަމެއް ކުރަންހެން..." ރޫބީ ޝައްކުގެ ނަޒަރަކުން ޔަޒްދާންއަށް ބަލައިލިއެވެ. ޔަޒްދާން ހާސްވިކަން އެނގުމުން ރޫބީ ހީގަތެވެ. ރޫބީ ހީކުރީ ޔަޒްދާން އަންހެންކުއްޖަކާއިއެކު އެތަނަށް އައިސްގެން އުޅެނީ ކަމަށެވެ. "ކޮބާ އެކުއްޖާ؟ އެއީ ދޯ ވަކިއަޅާ ކުއްޖަކީ..." ރޫބީ ވަށައިގެން ހޯދައިލިއެވެ. "ކިތަންމެ ވަރަކަށް ހޯދިޔަސް އެކުއްޖެއް ނުފެންނާނެ... ލޯގަނޑެއް ގެނެސްގެން ފެނިދާނެ..." ޔަޒްދާން ސަމާސާކޮށްލިއެވެ. ******** އިކާންގެ ފޯނަށް މެސެޖެއް އައީ ހޮސްޕިޓަލުން ނުކުމެގެން ކާރަށް އަރަނިކޮށެވެ. އިކާން މެސެޖު ހުޅުވީ ފުލުފުލުގައި ދެތިން މެސެޖު އައި އަޑު އިވުމުންނެވެ. ނުދަންނަ ނަންބަރަކުން އިކާންއަށް ފޮނުވާފައި އޮތީ ހަތަރު ތަސްވީރެވެ. ތަސްވީރުތަކުން ފެންނަމުންދިޔައީ ރޫބީއާއިއެކު ފިރިހެނަކު ހުއްޓައެވެ. ބިލިޔާޑު ކުޅެން ތިއްބާ ނަގާފައިވާ ތަސްވީރުތަކެކެވެ. ރޫބީއާއިއެކު ހުރީ ކާކުކަން އެނގުނީ އެންމެފަހު ތަސްވީރުންނެވެ. "ޔަޒްދާން!" އިކާންއަށް ބުނެވުނެވެ. އިކާންގެ ދެއަތް މުށްކެވުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ޔަޒްދާނާއި ރޫބީއާއި ދެމެދު ކޮންމެވެސް ގުޅުމެއް އެބަ އޮތެވެ. ޔަޒްދާންގެ ކެބިންއިން ރޫބީ ނުކުތުމާއި، ރެސްޓޯރެންޓެއްގެ ކުޅިވަރު މައިދާނަކުން ދެމީހުން އެއްކޮށް ފެނުމާއި ކޮންމެވެސް ގުޅުމެއް ވާނެއެވެ. ******** "ވާހަކައެއް އަހާލަންތަ؟" ބޯޅަ ވަޅަށް ވެއްޓުނުތަން ބަލަން ހުރެފައި ރޫބީ އަހައިލިއެވެ. "ގޯލްޑް ކުލައިގެ ދޮރު އެއީ ކޮންތަނެއްކަން އެނގޭތަ؟" ރޫބީ ކުރި ސުވާލަކުން ބޯޅަ ޖަހަން ތައްޔާރުވެލި ޔަޒްދާން ހުއްޓުން އެރިއެވެ. ޖަހާ ކޮންމެ ބޯޅައެއް ވަޅަށް ވައްޓާލާ ޔަޒްދާންއަށް އެ ބޯޅަ ކާމިޔާބެއް ނުކުރެވުނެވެ. "އެތަނުގެ ކާޑު ލިބޭނީ ވަރަށް ހާއްސަ ބަޔަކަށް..." ޔަޒްދާން ބުނެލިއެވެ. ******* ގެއަށް އައިސްފައިވެސް ރޫބީ ވިސްނީ އެދޮރާއި މެދުގައެވެ. ނަޖާތު އެތަނުން ނުކުތްތަން ރޫބީއަށް ފެނުނެވެ. އެކަމަކު، ނަޖާތު އެތަނުގައި ކުރީ ކީއްހެއްޔެވެ؟ ނަޖާތާއި އެސުވާލު ކުރުމުންވެސް ނަޖާތު މާބޮޑު ސަމާލުކަމެއްނުދީ ވާހަކަ އޮޅުވައިލިއެވެ. ރޫބީ ދެވަނަ ފަހަރަށް އެ ސުވާލު ނުކުރި ނަމަވެސް އެދޮރުގެ ހަގީގަތް ހޯދުމަށް ނިންމިއެވެ. ފަތިހު ވެހެންފެށިގޮތަށް ހަތެއް ޖެހި އިރުވެސް ވާރޭ ހުއްޓާނުލައެވެ. އޮފީހަށް ދާން ތައްޔާރުވެގެން ހުރި ރޫބީގެ މޫނުން ފެނުނީ މާޔޫސްކަމެވެ. ވިއްސާރަކޯޓުލައިގެން ރޫބީ ގެއިން ނުކުތީ ކުޑަ އަޅައިގެންނެވެ. މަގުމަތީގައި އޮތީ ފެންބޮޑުވެފައެވެ. އޮފީހަށް ވަންއިރު ރޫބީ ހުރީ ފިނިވެފައެވެ. ގަޑިޖެހެން ފަނަރަ މިނެޓަށް ވެފައިވާތީ، ރޫބީ ހަލުވި ފިޔަވަޅުތަކެއްގައި ލިފްޓާއި ދިމާއަށް ދިޔައެވެ. ލިފްޓްގެ އިންތިޒާރުގައި އިކާންވެސް ދޮރުމަތީގައި މަޑުކޮށްލައިގެން ހުއްޓެވެ. އިކާން ފެނުމުން ރޫބީއަށް ކުރެވުނީ ތަފާތު އިހުސާސެކެވެ. ރޫބީ އިކާންގެ ކައިރީގައި ހުއްޓިލުމުން، އިކާން ބަލައިވެސް ނުލިއެވެ. ލިފްޓަށް އަރާފައިވެސް އިކާން ހުރީ ފޯނަށް ކުޅޭށެވެ. އަތުގައި މަލަންގަނޑެއް އަޅާފައި އޮތުމުން، އައިވީއެއް ކަހަލަ އެއްޗެއް ގުޅިކަން ރޫބީއަށް އެނގުނެވެ. ރޫބީ އިކާނަށް ބެލީ ހާލު އަހައިލަން ބޭނުންވެފައި ހުރިވަރުންނެވެ. އެކަމަކު، އިކާން އެންމެ ފަހަރަކުވެސް ރޫބީއަށް ބަލައިނުލައެވެ. "ހާއި.." ރޫބީ އެއްޗެއް ބުނަން އުޅުނެވެ. އަޑު ނުކުތީ ކިރިޔާއެވެ. ލިފްޓް ހަތްވަނަ ފަންގިފިލާއަށް ހުއްޓުނެވެ. އިކާން ލިފްޓުން ނުކުމެގެން ދިޔުމުން، ރޫބީއަށް ތުންފިއްތައިލެވުނެވެ. ވެދިޔަ ކަންތަކާއި، އިކާން ރޫބީދެކެ ހިތްހަމަނުޖެހުނީ ހެއްޔެވެ؟ އެހެން ފްލޯއަކަށް ދިޔައީ އަވަހަށް ރޫބީގެ ކައިރިން ސަލާމަތްވާން ހެއްޔެވެ؟ ކެބިންއަށް ވަދެފައި އިކާން ފުރަތަމަވެސް ނެގީ ރޫބީއާއި ގުޅުންހުރި އެއްޗެއްސެވެ. ހިތްހަމަނުޖެހުމާއި ރިހުން އެކުލެވޭ ނަޒަރަކުން އެ އެއްޗެއްސަށް ބަލަން އެތައް އިރަކު އިނެވެ. އިކާންއަށް ހަމަޖެހުމެއް ލިބުނީ އެ އެއްޗެހި ކަބަޑަށް ލެވުމުންނެވެ. އެހެން ދުވަސްދުވަހާއި ހިލާފަށް އިކާންގެ ކެބިން ހުރީ އެތެރެ ނުފެންނަގޮތަށް ހަދާފައެވެ. ރޫބީ އިނީ މާޔޫސްވެފައެވެ. އޭނާ އިނީ އިކާންއާއި ބައްދަލުކުރާނެ ރަނގަޅު ފުރުސަތެއް ނުލިބިފައެވެ. އެކަމަކު، އޮފީހުގައި މުޅި ދުވަސް ހޭދަވީ އެހެންނެވެ. އެކިއެކި ބަހަނާ ހޯދައިގެން ރޫބީ އެތައް ފަހަރަކު އިކާންގެ ކެބިންއަށް ދިޔައެވެ. އެކަމަކު، އެއިން ކޮންމެ ފަހަރަކުވެސް މިފްޒާލް އެތަނުގައި އިންނާތީ ދައްކަން ބޭނުންވި ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. "ދެން ގިވްއަޕްކުރޭ!" ރޫބީ ނުކުމެގެން ދިޔަ ތަން ބަލަން އިނދެފައި މިފްޒާލް ބުނެލިއެވެ. "އަހަރެން އޭރުވެސް ބުނީމެއްނު ތިކުރަނީ ބޭކާރު ކަމެކޭ" ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިކާން އިނެވެ. ފިކުރުތަކުން އޭނާގެ ސިކުނޑި ފުރި ބާރުވެފައިވިއެވެ. "ޔަޒްދާން ގަސްދުގަ އެހެން އެ ހަދަނީ... އޭނަގެ މަގުސަދަކީ އަހަރެންގެ ކިބައިން ބަދަލު ހިފުން..." އިކާން ހާމަކުރީ އޭނާއަށް ވިސްނޭގޮތެވެ. "ތި ދެމީހުން ވެއްޖެއެއްނު އެއް ގަލަކަށް އަރަން..." މިފްޒާލް ދެފަރާތަށް ބޯ ހޫރައިލިއެވެ. "މިފަހަރު އަހަރެން އޭނައަށް ފުރުސަތެއް ނުދޭނަން...." އިކާން ފުންމައިގެން ގޮނޑިން ތެދުވިއެވެ. މިފްޒާލް ހުއްޓުވަން އުޅުމުންވެސް އިކާން ބާރަށް ހިނގާފައި ގޮސް ލިފްޓަށް އެރިއެވެ. މިފްޒާލްވެސް އިކާންގެ ފަހަތުން ގޮސް ލިފްޓަށް ވަންނަން އުޅުނެވެ. އިކާން އެފުރުސަތު ނުދީ ދޮރު ލެއްޕިއެވެ. މަންޒަރު ބަލަން ހުރި ރޫބީގެ މޫނުން ހާސްކަން ފެނިގެން ދިޔައެވެ. ތިންވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓުމުން އިކާން ހަލުވި ފިޔަވަޅުތަކެއްގައި ލިފްޓުން ނުކުމެގެން ޔަޒްދާންގެ ކެބިންއާއި ދިމާއަށް ހިނގައިގަތެވެ. ބާރަށް ދޮރު ހުޅުވާފައި އިކާން އެތެރެއަށް ވަންއިރު، ޔަޒްދާނާއިއެކު އިތުރު ދެ މުވައްޒަފަކު އެތަނުގައި ތިއްބެވެ. އިކާންގެ މޫނުން ފެންނަމުންދިޔަ ނުރުހުން ފެނި، ރަނގަޅަށް އެއްކަމެއްވެސް ނުދާނެކަން ޔަޒްދާނަށް އެނގުނެވެ. ޔަޒްދާން ލޮލުގެ އިޝާރާތުން ކުރިމަތީގައި ތިބި މުވައްޒަފުންގެ ކައިރީގައި އެތަނުން ދިޔުމަށް އެދުނެވެ. އެމީހުން ދިޔަ ދިމާއަށް ބަލަން ހުރި އިކާން ދިޔަ ބާރުމިނުގައި ޔަޒްދާންގެ ޓައީއާއި ދިމާއިން ގަމީހުގައި ހިފިއެވެ. "ރިލެކްސް! ބްރަދަރ!" ޔަޒްދާން ހުރީ ހަމަޖެހިފައެވެ. "އޭނަޔާ ގާތްވާން މަސައްކަތް ނުކުރާތި!" އިކާން އަމުރުކުރިއެވެ. "އޯހް ހޯ... ކާކުގެ ވާހަކައެއް ތި ދައްކަނީ..." ޔަޒްދާންގެ ރާގު ބަދަލުވިއެވެ. އޭނާ ދެން ވާހަކަ ދެއްކީ އިކާން އިތުރަށް ރުޅި އަރުވާލާ ކަހަލަ ރާގަކަށެވެ. "ޖަޒްލީގެ ލައިފް ރުއިންކޮށްލިހެން އެހެން އަންހެންކުއްޖެއްގެ ލައިފް ރުއިން ކުރިޔަކަ ނުދޭނަން!..." އިކާން ކުރިއަށްވުރެ ބާރަށް ބުނެލިއެވެ. "މިއަހަނީނު ކާކުގެ ވާހަކައެއްހޭ ތި ދައްކަނީ؟" ޔަޒްދާންވެސް ހިތްހަމަނުޖެހުނެވެ. އިކާންގެ ގަމީހުގައި ހިފައިގަތެވެ. "އަހަރެން ކޮންމެ މީހަކާ އެކީ ކޮންމެ ކަމެއް ކުރިޔަސް، އެއްވެސް މީހަކަށް ނުހުއްޓުވޭނެ!" (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ