ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރަށް ފިޔަވަޅު އަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގާ ތަހުގީގުގައި ހިމެނޭ ރިޕޯޓެއްގައި ދޮގު ހަދާފައި އޮތް ނަމަ އެއީ ފިޔަވަޅު އަޅަންޖެހޭ ފަދަ ޖިނާއީ ކުށެއް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
އަޒްމިރާލްދާގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އޭނާއާ ދެކޮޅަށް ހިންގާ ތަހުގީގުގައި ކްރިމިނަލް ކޯޓުގެ ދެ ގާޒީއެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއިން ބަޔާނެއްގައި އޭނާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ގާޒީއަކު ބުނެފައިނުވާއިރު، ގާޒީން ނުބުނާ ވާހަކަތަކެއް ތަހުގީގު ރިޕޯޓުގައި ހިމަނާފައިވާ ކަމަށެވެ.
"ހެކި އޮޅުވާލުމުގައި ޖޭއެސްސީގެ މެންބަރުން އަދި މުވައްޒަފުން ބައިވެރިވެފައިވާ ނަމަ މަދަނީ އަދި ޖިނާއީ ގޮތުން އެމީހެއްގެ މައްސަލަ ކުރިއަށްގެންދެވޭނެ،" އެކްސްގައި ކުރި ޕޯސްޓެއްގައި މައުމޫން ވިދާޅުވި އެވެ.
އަޒްމިރާލްދާގެ ފަރާތުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައި ހިމަނާފައި ވަނީ ގާޒީން އެއްވެސް ވަރަކަށް ވިދާޅުވެފައިނުވާ ވާހަކަތަކެއް ކަމަށެވެ.
"ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ތަހުގީގު ކޮމެޓީއަށް ކްރިމިނަލް ކޯޓުގެ ގާޒީން ދެއްވި ބަޔާންތަކުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުއާ ގުޅުވައި އެއްގޮތަކަށް ވެސް ވިދާޅުވެފައިނުވާ ވާހަކަތަކެއް ގާޒީއަކުު ވިދާޅުވި ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ތަހުގީގު ކޮމެޓީގެ ރިޕޯޓުގައި ހިމަނާފައިވާކަން ފާހަގަކުރެވިފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޖޭއެސްސީން ވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އާއި އަޒްމިރާލްދާ ޒާހިރާއި އާއި ހުސްނުއްސުއޫދު ސަސްޕެންޑުކޮށްފަ އެވެ. އެ ބޭފުޅުންގެ ތެރެއިން ސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ބުނެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބާއްވަން ކުޑަތަންވެފައި އޮއްވައި ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރި ދުވަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކި ކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގައިރު ގާނޫނީ ބިލެއް ވެސް ފާސް ކުރި އެވެ. ނަމަވެސް އެ ބިލު މިހާރު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައިފަ އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ކަމަށް ބުނެ އެވެ. ފަހުން އެނގުނު ގޮތުގައި އޭސީސީއިން ބަލަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވެސް ބަލަމުންދާ މައްސަލަ އެވެ.
އެ މައްސަލައިގައި ފަނޑިޔާރު އަޒްމިރާލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލްއާ ދެކޮޅަށް އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އޭސީސީއިން ބުނެ އެވެ.
ޖޭއެސްސީއިން ދޮގު ރިޕޯޓެއް ހެދި ނަމަ އެކަމަށް ޒިންމާވާންޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އަޅަންޖެހޭ: މައުމޫން ހަމީދު ޖޭއެސްސީއިން ދޮގު ރިޕޯޓެއް ހެދި ނަމަ އެކަމަށް ޒިންމާވާންޖެހޭ މުވައްޒަފުންނަށް ފިޔަވަޅު އަޅަންޖެހޭ: މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ