ދަރިވަރުންގެ ސިޓީތަކަށް ޖަވާބު ނުދެވެނީ މާގިނަ ކުދިންނަށް ލޯނު ދޫކުރުމުން: ހައިދަރު ދަރިވަރުންގެ ސިޓީތަކަށް ޖަވާބު ނުދެވެނީ މާގިނަ ކުދިންނަށް ލޯނު ދޫކުރުމުން: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދަރިވަރުން ފޮނުވާ ސިޓީ އާއި އީމެއިލްތަކަށް ޖަވާބު ނުދެވި ލަސްވަނީ މި އަހަރާއި މިދިޔަ އަހަރު، ކުރިން ރޭވިފައި އޮތް ވަރަށް ވުރެ ގިނަ ދަރިވަރުންނަށް ސްޓޫޑެންޓު ލޯނު ދޭން ހަމަޖެއްސުމާއި އެކިއެކި ސަބަބުތަކާ ހުރެ އާދަޔާ ހިލާފަށް ގިނަ ސިޓީ އާއި އީމެއިލް ލިބެމުން ދިޔުމުން ކަމަށް ހަޔާ އެޑިއެކޭޝަން މިނިސްޓަރު، ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު ކުރެއްވި ސުވާލަކަށް ލިޔުމުން ހައިދަރު ފޮނުއްވި ޖަވާބުގައި ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެކި ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ އީމެއިލް އާއި ސިޓީ ލިބެމުންދާ ކަމަށެވެ.
ދަރިވަރުންގެ ސިޓީތަކާއި އީމެއިލްތައް ލިބުން އިތުރުވީ، މިހާ ގިނަ ދަރިވަރުންނަށް ސަރުކާރުން ފައިސާ ދޫނުކުރެވޭނެ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައުރުވާން ފެށުމުން ކަމަށް ހައިދަރު ވިދާޅުވި އެވެ. އެހެންވެ ފައިސާ ހަމަޖައްސައިދޭން އޮންނަ މުއްދަތަށްވުރެ އަވަހަށް އެ ފައިސާ ހޯދަން ބައެއް ދަރިވަރުން އީމެއިލް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ފައިސާ ދޭން އޮންނަ މުއްދަތަށް ވުރެ] މާކުރު މުއްދަތެއްގެ ތެރޭގައި ފައިސާގެ ކަންކަން ހަމަޖެހިގެން ދިޔުން އެދި އެކި ފަރާތްތައް މެދުވެރިކޮށް ފޯނުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔުމުން ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ އެ ސެކްޝަންތަކުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ލިބޭ އީމެއިލްތަކަށް ޖަވާބު ނުދެވޭކަން ފާހަގަ ކުރަން،" ހައިދަރު ވިދާޅުވި އެވެ.
ހައިދަރު ވިދާޅުވީ މިނިސްޓްރީއަށް ފޮނުވާ އީމެއިލް އާއި ސިޓީއަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބު ދެވޭތޯ މަސައްކަތް ކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ މިނިސްޓްރީއަށް ހުށަހަޅާ އީމެއިލް އާއި ސިޓީއަށް ތިން ދުވަހުގެ ތެެރޭގައި ޖަވާބު ދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ހައިދަރު ފޮނުވި ޖަވާބުގައި ވިދާޅުވި އެވެ.
އެ ގޮތުން ދަރިވަރުންގެ ޝަކުވާ އާއި ސިޓީ ބަލައިގަތުމަށް ހާއްސަ ޕޯޓަލް އެއް އެކުލަވާލައި ދަރިވަރުންނަށް ހާއްސަ ކޯލް ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައިދަރު ވިދާޅުވި އެވެ.
މިދިޔަ އަހަރު ސްޓޫޑެންޓް ލޯނަށް ސަރުކާރުން ހުޅުވައިލީ 500 ފުރުސަތެވެ. ނަމަވެސް ސްޓޫޑެންޓް ލޯނަށް އެދި 1،709 ދަރިވަރުން ކުރިމަތިލުމުން، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމި އެވެ. އެ ގޮތުން ޝަރުތު ހަމަވީ 1،153 ދަރިވަރަކަށް މިދިޔަ އަހަރު ލޯނު ދޫކުރި އެވެ.
އޭގެ ކުރީ އަހަރު، އެއީ ރައީސް ސޯލިހު ސަރުކާރުގެ އެންމެ ފަހު އަހަރު، އެ ލޯނަށް ޝަރުތު ހަމަވި 1،225 ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމި އެވެ. އެހެންކަމުން ވޭތުވީ ދެ އަހަރުގެ ތެރޭގައި 2،378 ދަރިވަރަކަށް ސްޓޫޑެންޓު ލޯނުގެ ދަށުން ކިޔެވުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.
މި އަހަރު ވެސް ސްޓޫޑެންޓް ލޯނަށް ސަރުކާރުން ހުޅުވައިލީ 500 ފުރުސަތެވެ. ނަމަވެސް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމާފައި ވަނީ ކިތައް ދަރިވަރުންނަށް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ