އަމީންގެ ގޭގެ ސީސީޓީވީ ހަލާކުވެފައި، ފުޓޭޖް ނުލިބުނު
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ ގޭގެ ސީސީޓީވީ ކެމެރާ ފުޓެޖް ހޯދަން މަސައްކަތް ކުރުމުން، އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް އެ ގެއިން މައުލޫމާތު ދިން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ފުލުހުން ބުނީ އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ނުދިނީ ސީސީޓީވީ ކެމެރާ ހަލާކުވެފައި ހުރި ކަމަށް ބުނެ ކަމަށެވެ."މއ. މާންދޫގެ ދެކުނު ގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވޭ. އެގެއިން ފުލުހުންނަށް މައުލޫމާތު ދީފައިވަނީ ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް،" ފުލުހުން ބުންޏެވެ.ފުލުހުން އިތުރަށް ބުނީ ސީސީޓީވީ ފުޓޭޖު ނެތްކަން ކަށަވަރު ކުރުމަށް ފުލުހުން ކުރި މަސައްކަތުން ފުޓޭޖު ނެތްކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ތުހުމަތުކޮށް، އެ ރޭ ޔުމްނުއާ އެކު ފެންޓޯނިއާގޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ރައުދުއަށް ކޮށްފައިވެ އެވެ. އޭނާއަށް ދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނުއާ އެކު އެ ރޭ އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު އާންމުކޮށް، އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވެ އެވެ.މި މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ މެދު ސުވާލުތަކެއް ފެންމަތި ކޮށްފައިވާތީ، އެ މައްސަލަ ބަލަން ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުފައްދަވައި ފަސް މެމްބަރުން އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ