ބަލިވެ އުޅެން ނުޖެހި މަރުވާ މީހުންނަށްވެސް ބެލިނަމަވެސް އެންމެންގެ މޫނުމަތިން އުފާވެރިކަން ނުފެނިދާނެއެވެ. އަދި ބަލިޙާލުގައި އުޅެނިކޮށް މަރުވާ މީހުންގެ މޫނުމަތިން އުފާވެރިކަން އެއްގޮތަކަށްވެސް ނުފެނިދާނެއެވެ. އެކަންކަން އެގޮތަށް މެދުވެރިވަނީ އެއްވެސް ޙާލެއްގައި މަރުވާ ވަޤުތު އެމީހުންނަށް އުފާވެރިކަން ނުލިބޭތީއެއް ނޫނެވެ.
ހެޔޮލަފާ މީހުންގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ފައިބައިވަޑައިގަންނަވާ ބިރުވެރި ސިފައެއްގައެއް ނޫނެވެ. ވަރަށް މާތް ހެދުން ކޮޅުގައެވެ. ފުރާނަ ހިއްޕެވުމުގެ ކުރިން އެމީހަކަށް އޮތް އުފާވެރިކަމުގެ ޚަބަރުވެސް ދެއްވަވާނެތެވެ. އެޚަބަރު ލިބުމުން އުފާވެރިކަން ލިބި ބަންޑުން ނުވާނެ މީހަކު ނުހުންނާނެއެވެ.
ހެޔޮލަފާ މީހުންގެ ފުރާނަ ހިއްޕަވަން ނަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ސުވަރުގޭގެ ފޭރާމާއި ސުވަރުގޭގެ ހުވަނދު ހިއްޕަވައިގެންނެވެ. އެހުވަނދުގެ ވަސް އެހެން މީހުންނަށް ނުދުވިނަމަވެސް މައްޔިތާއަށް ދުވާނެއެވެ. އެކަމުންވެސް އިނތިހާއަށް އުފާވެރިކަން ދެއްވަވާނެތެވެ.
ބައެއް މީހުން ަމރުވާވަޤުތު އެމީހުންގެ މޫނުމަތިން އުފާވެރިކަމުގެ އަސަރު ނުވަތަ ހިނިތުންވުން ނުފެންނަނަމަ އެމީހަކާއިމެދު ނުބައި ތުހުމަތުތައްކުރާ ބައަކުވެސް އުޅެއެވެ. އެއީ ވަރަށް ގޯސްކޮށް ކުރެވޭ ކަމެކެވެ. އެވަޤުތު ހިނގާ ކަންކަން ވަރަށް ތަފާތުވާނެއެވެ. ބައެއް މީހުންގެ ކިބައިން ފެންނަ ޢަލާމާތްތައް އެންމެންގެ ކިބައިން ނުފެނުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ! މީސްތަކުންނަށް ފެންނާނީ ﷲ ތަޢަލާ ދެއްކެވި ކަމެއް ދެއްކެވި މިންވަރަކަށެވެ.
ވީމާ އެއްވެސް މީހަކު މަރުވާ ވަޤުތު ފެންނަ ކަންކަމަށް ބަލައި ނުބައި ހީތައް ނުކުރާށެވެ! އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
- ޝައިޚް ޢަބްދުއްރަޙްމާން މާފީގެ ދަރުސަކުން
ހެޔޮލަފާ މީހުންނާއިމެދު ކުށްހީ ނުކުރޭ! މަރުވާ ހެޔޮލަފާ މީހުންގެ މޫނުމަތިން އުފާވެރިކަން ނުފެންނަނީ އުފާވެރިކަން ނުލިބޭތީއެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ