ފަނޑިޔާރުން މަދުކުރާ ބިލު ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް، އެ ކޯޓުގެ ބެންޗު ފަހަކަށް ކުޑަ ކުރުމަށް މަޖިލީހުން ފާސްކޮށްފައި އޮތް ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވީ މިދިޔަ އަންގާރަ ދުވަހެވެ.އެހެންވެ، މިއަދުގެ ޖަލްސާގައި އެ ބިލުގެ މަސައްކަތް އޮތީ އެޖެންޑާކޮށްފައެވެ. ނަމަވެސް، 45 ވަރަކަށް މިނެޓަށް ބަހުސްގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ފަހު، އެ ބިލު ކޮމިޓީއަށް ފޮނުވަން މިއަދު ވަނީ ވޯޓަށް އަހައިފައެވެ.ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ އަލުން ބިލު އެކަމާ ގުޅުން ހުރި ކޮމިޓީއަށް ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. މިލަންދޫ ދާއިރާގެ ޕީއެންސީ މެންބަރު ހަސަން މުފީދު ވަނީ އެ ހުށަހެޅުމަށް ތާއީދުކުރައްވައިފަ އެވެ.މިއަދުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ބިލު އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށެވެ. އެ ހުށަހެޅުން ފާސްވީ 50 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ.ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެ ހުށަހަޅުއްވައި އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް މި ބިލު ފާސް ކުރުމަށް އޭރު ނެރުނެވެ. އަދި އެ ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފަލާހު ދެއްވާފައިވެ އެވެ. މި ބިލާ ގުޅިގެން ގިނަ ވަކީލުންނާއި ބާ ކައުންސިލް އަދި އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.އަވަސް އަރުވާލައިގެން އޭރު މަޖިލީހުން މި ބިލު ފާސްކޮށްފައި ވަނީ، މިކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވި ލަފައަށް ވެސް ރިއާޔަތް ކުރުމެއް ނެތި އެވެ. އެެހެންވެ، އެ ދުވަހުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީ މެންބަރުން އެކަމާ އިހްތިޖާޖު ވެސް ކުރި އެވެ.އެ ބިލާ މެދު ގާނޫނީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ބާ ކައުންސިލްގެ ރައީސަށް ފޮނުވި ސިޓީއެއްގައި ވަނީ އެ އިސްލާހު ހުށަހެޅި ސަބަބާއި، އެ އިސްލާހުން ހާސިލުކުރަން ގަސްތުކުރާ މަގުސަދު ސާފުކޮށް އެނގެން ނެތް ކަމަށެވެ. އެހެންވެ، ބިލު ތަސްދީގުނުކުރައްވައި، އިސްލާހުކުރުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިދެއްވުމަށް އެ ކައުންސިލުންވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ