ކައުންސިލަރުންގެ އަދަދު މަދުކުރާ ގަރާރުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސީ ވަޒީފާތައް އިތުރުކުރުން: ޝަމްހީދު ކައުންސިލަރުންގެ އަދަދު މަދުކުރާ ގަރާރުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސީ ވަޒީފާތައް އިތުރުކުރުން: ޝަމްހީދު

ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، ކައުންސިލްތަކުގެ ބަޖެޓު ކުޑަކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހަޅާފައިވާ ގަރާރުގެ މަގުސަދަކީ ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރުގެ ބާރު ހިނގާ ސިޔާސީ ވަޒީފާތަކެއް އަތޮޅުތެރޭގައި އުފެއްދުން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު، އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ ކައުންސިލަރުންގެ އަދަދު މަދު ކުރަންޖެހެނީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ކަމަށް ބުނެފައި އޮތް ނަމަވެސް އެ ބަދަލު ގެނައުމުން ދިވެހި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑުވެގެން ވެސް ސަލާމަތް ކުރެވޭނީ 0.1 ޕަސެންޓު ކަމަށެވެ.
"ދިވެހި ދައުލަތުގެ ބަޖެޓުން ސަލާމަތް ވަނީ 0.1 ޕަސެންޓު، މެކްސިމަމް ސޭވް ވަނީ، އެހެންވީމާ މިއީކީއެއް، މީގެ ހަމައެކަނި ބޭނުމަކީ އަނެއްކާވެސް އިންތިހާބެއް އަންނާތީވެ ސިޔާސީ ވަޒީފާތަކެެއް ރަށްރަށުގައި ކްރިއޭޓް ކުރުން، އެހެން އެއްވެސް މަގުސަދެއް ނެތް،" ޝަމްހީދު ވިދާޅުވި އެވެ.
ގަރާރު ހުށަހަޅާފައި އޮތީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ކުރާ ހަރަދު ކުޑަ ކުރުމުގެ މަގުސަދުގައި ކަމަށް އެ ގަރާރުގައި ލިޔެފައި އޮތް ނަމަވެސް ހަގީގަތް ފެންނަނީ އެއާ ހިލާފަށް ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީއެއް އޮއްވައި ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް އުފައްދައިގެން އެ ތަނަށް އެތައް ހަރަަދެއް ކުރައްވަމުން ގެންދާކަން ޝަމްހީދު ފާހަގަކުރެއްވި އެވެ.
"މި ނިޒާމުގައި އިނދޭ މެނޭޖުކުރަން އިދާރާއެއް، އެއަށް ކިޔަނީ އެލްޖީއޭ، އެލްޖީއޭ އެތްތަނުގައި އޮއްވައި، އެލްޖީއޭއަކީ ދައުލަތުން 76 މިލިއަން ރުފިޔާ މިދިޔަ އަހަރު ވެސް ހޭދަކުރި އިދާރާއެއް، އެލްޖީއޭ މިއަދު ނިންދަވާފައި ވުޒާރާއެއް އުފައްދައިފި، މި ވުޒާރާގެ ބަޖެޓު، މިދިޔަ އަހަރު 146 މިލިއަން ރުފިޔާ ހޭދަކޮށްފި،" ޝަމްހީދު ވިދާޅުވި އެވެ.
ރަށްރަށުގެ ކައުންސިލްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ގަރާރުގައި ލިޔެފައި އޮތް ނަމަވެސް އެއީ ހަގީގަތް ނޫންކަން ރާއްޖޭގެ އެކި ކަންކޮޅަށް ބަލައިލުމުން ސާފުވެގެންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގެ ކައުންސިލްތަކުން އެ ރަށްރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް އޭނާ ފާހަގަކުރެއްވި އެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުގައި ލާމަރުކަޒީ ނިޒާމު ހިންގާ ގަައުމުތަކުން ވެސް ޝަމްހީދު މިސާލު ނެންގެވި އެވެ. އެގޮތުން ރާއްޖެއާ އެއްވަރެއްގެ އާބާދީއެއް އޮންނަ އައިސްލޭންޑުގައި ވެސް 500 އަށްވުރެ ކުދި އާބާދީތައް ތަމްސީލު ކުރަންވެސް ފަސް މަންދޫބުން ތިއްބަވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ