ބިދޭސީން މަސައްކަތްކުރާ ދާއިރާތަކަށް ދިވެހިން ތަމްރީނުކުރުމަކީ އެންމެ މުހިންމު އެއް އަމާޒު: ވަޒީރު ހައިދަރު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ އެންމެ މުހިންމު އެއް އަމާޒަކީ ބިދޭސީން މަސައްކަތް ކުރަމުންދާ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުން ކަމަށް ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ. ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލަރޝިޕް 100 ދަރިވަރަކަށް ހަވާލުކުރުމަށް މިއަދު ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، "މިހާތަނަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައިވާ ދާއިރާތަކުން މީހުން ބިނާކުރުމަކީ، ކުރިމަގަށް ކުރެވޭ އިންވެސްޓްމެންޓެއް" ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި، މިވޭތުވެ ދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ސްކޮލަރޝިޕް ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް، ސްކޮލަރޝިޕްގެ ދަށުން ތަޢުލީމް ހާސިލްކުރަން ފަށާ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރަނީ މަދު ދަރިވަރެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ސްކޮލަރޝިޕް ލިބުނު ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި އެކައުންޓިން ދާއިރާއިން ސްކޮލަރޝިޕް ލިބުނު ދަރިވަރުން ބުނީ މިސްކޮލަރޝިޕްތަކަކީ ފައިދާހުރި އަދި ގިނަ ފުރުސަތުތަކަކަށް މަގުފަހިވާނެ ސްކޮލަރޝިޕްތަކެއް ކަމަށެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ އެކައުންޓިން ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް އެކައުންޓެންޓުން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ބައެއްކަމަށް ބެލެވެއެވެ. މިކަމުން ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ދިވެހިންގެ ދައުރު އިތުރުވެ، ބިދޭސީންނަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ